ގުޅިފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމާ ގުޅޭގޮތުން އާއްމުން ދެކޭގޮތް ބަލަން ސާވޭއެއް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި ސާވޭއަކީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައުއަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔާ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެެއް ކަމަށެވެ.
އެ ސާވޭގެ ތެރެއިން، މާލޭގެ ޕޯޓުތަކުގައި ދޭ ހިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ރާވާލާފައިވާ ގޮތާމެދު އާންމުންގެ ހިޔާލު ހޯދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރާށެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ގުޅިފަޅުގައި ޕޯޓް ހެދި ނަމަވެސް ޕީޕީއެމްްގެ ސަރުކާރެއްގައި އެ ޕޯޓް ތިލަފުށްޓަށް ބަދަލުކޮށް ގުޅިފަޅަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހި ކަމަށް ހާއްސަ ރަށަކަށް ހަދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.