މާމިގިލި

މާމިގިލީ ޕޯޓުން ދައުލަތަށް 8 މިލިއަން ގެއްލުން

އދ. މާމިގިލީ ޕޯޓުން ދައުލަތަށް ކޮންމެ އަހަރަކު އަށް މިލިއަން ރުފިޔާގެ ގެއްލުން ވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ވިލާ ގުރޫޕުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލު ކޮށްފައި ވަނީ ޖޫން 28، 2017 ގައެވެ. މާމިގިލީ ބަނދަރުން، ވިޔަފާރި ބަނދަރެއް ހިންގުމަށް ބޭނުންކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށް އެމްޕީއެލުން އޭރު ބުންޏެވެ. އެ ނިންމުން ކުއްލި ގޮތަކަށް އައީ ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް އާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގުޅުން މުޅީން ކެނޑި ގާސިމްގެ ވިޔަފާރިތަކަށް އަމާޒުކޮށް އޭރުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އައި އައުމުގެ ތެރެއިންނެވެ.

މާމިގިލީ ޕޯޓްގެ މައްސަލާގައި އެރަށުގެ ކައުންސިލަށް އެމްޑީޕީން ކުރިމަތިލާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ރޭ އޮތް އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިލާ ގުރޫޕުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލުކުރީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށެވެ.

ރައީސް ސޯލިހް ވެެރިކަމާއި ހަވާލުވެ މާމިގިލީ ޕޯޓް ކާމިޔާބު ކަމާއެކު ހިންގޭތޯ އެމްޕީއެލްއާވެސް މަޝްވަރާ ކޮށްފައިވާ ކަމަށާ އަދި އަމިއްލަ ބަޔަކާ ހަވާލުކޮށްގެންވެސް ކާމިޔާބު ކަމާއެކު ހިންގޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ސަރުކާރުން ޖެހި އެއްވެސް ހިސާބަކުން މިހާތަނަށް ޕޯޓް ހިންގޭނެ ކާމިޔާބު ގޮތެއް ފެނިފައިނުވާ ކަމަަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކުރީ ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މާމިގިލީ ޕޯޓުން ދައުލަތަށް 8 މިލިއަން ރުފިޔާގެ ގެއްލުން ކޮންމެ އަހަރު ވަމުންދާ ކަމަަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން މަޝްވަރާތަކެއް ކުރެވުނު ޕޯޓްސްއާއެކު އެތަން ސަކްސަސްފުލް ކުރެވިދާނެ ގޮތެއް. އެކަމަކު އަދިވެސް އަޅުގަނޑުމެންނަކަށެއް ހިސާބު އަކުރުން އެއީ ކާމިޔާބު ކަމެއް ގޮތަކަށް ނުފެނޭ. ދެން އެތަނގާގައި އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ޕްރައިވެޓް ޕާޓީސްއާއެކުވެސް ވާހަކަ ދެކެވުނު ޕޯޓް އޮޕަރޭޓް ކުރަން. އެހެެން ނަމަވެސް އެއީ މާ ކާމިޔާބު މަސައްކަތަކަށް ނުވި. މިހާރުވެސް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ގެއްލުމުގައި މާމިގިލި ޕޯޓް އެ އޮޕަރޭޓް ކުރަނީ،" ފައްޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން މަޝްވަރާތަކެއް ކުރެވުނު ޕޯޓްސްއާއެކު އެތަން ސަކްސަސްފުލް ކުރެވިދާނެ ގޮތެއް. އެކަމަކު އަދިވެސް އަޅުގަނޑުމެންނަކަށެއް ހިސާބު އަކުރުން އެއީ ކާމިޔާބު ކަމެއް ގޮތަކަށް ނުފެނޭ. ދެން އެތަނގާގައި އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ޕްރައިވެޓް ޕާޓީސްއާއެކުވެސް ވާހަކަ ދެކެވުނު ޕޯޓް އޮޕަރޭޓް ކުރަން. އެހެެން ނަމަވެސް އެއީ މާ ކާމިޔާބު މަސައްކަތަކަށް ނުވި. މިހާރުވެސް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ގެއްލުމުގައި މާމިގިލި ޕޯޓް އެ އޮޕަރޭޓް ކުރަނީ
ފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވީ މާމިގިލީ ޕޯޓް އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

މާމިގިލީ ބަނދަރަކީ މާމިގިލީ އެއާޕޯޓާ އެކުއެކީގައި ވިލާ ގުރޫޕުން އެރަށުގައި ހަދާފައިވާ ބަނދަރެކެވެ. މާމިގިލީގައި ތަރައްގީކޮށްފައިވާ ބަނދަރުގެ ދިގުމިނަކީ 670 މީޓަރެވެ. ކުރީ ސަރުކާރުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލުކުރީ އެރަށު ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް އަދި އެންގުމެއްވެސް ނެތިއެވެ.