މާމިގިލި

ރައީސް ސޯލިހް މާމިގިއްޔަށް، ގާސިމްގެ ހޫނު މަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އދ މާމިގިއްޔަށް ވަޑައިގެންފި އެވެ.

އެމަނިކުފާނު މާމިގިއްޔަށް ވަޑައިގެންނެވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ. މާމިގިއްޔަކީ ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.

މާމިގިއްޔަށް ރައީސް ވަޑައިގަތުމުން ގާސިމްގެ އަމިއްލަފުޅު ހަރަދުގައި އެ ރަށުގައި ތަރައްގީކޮށް އެމަނިކުފާނުގެ ވިލާ އެއާއިން އޮޕަރޭޓް ކުރަމުންދާ މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓުން ރައީސަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.

މަރުހަބާ ދެންނެވުމަށް ވަޑައިގެން އިސްކޮށް ހުންނެވީވެސް ގާސިމް އިބްރާހިމެވެ. މާމިގިލީގެ ވަރަށް ގިނަ ބަޔަކުވެސް ރައީސަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފައިވެއެވެ. މި ދަތުރުފުޅުގެ ތަފްސީލް ޖުމްހޫރީ ޕާޓީންވެސް ނުދެއެވެ.

ރަައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަަޝީދު ހުސައިން އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވަޑައިގެންފައިވެއެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ގާސިމްގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ތިއްބެވިއެވެ.

ރައީސް ސޯލިހް ކުއްލި ގޮތަކަށް މާމިގިއްޔަަށް ވަޑައިގެންފައި މިވަނީ ކޯލިޝަނަކާއެކު ނުކުމެ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެ ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވިކަން އެމަނިކުފާނު އިއުލާނު ކުރައްވާފައި ވަނިކޮށެވެ.

ބުދަ ދުވަހުގެ ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.

އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށާ އެމްޑީޕީން އަމަލު ކުރާނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023 ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ މި އިއުލާނު ކުރެއްވުމާއެކު ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކަމަށް ބުނެފައެވެ. ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދަ ހުށަހެޅުމެއް ޖުމްހޫރީ ޕާޓީއަށް އަދި ލިބިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ރައީސްގެ ފަރާތްޕުޅުން ހުށަހެޅުމެއް ރަސްމީކޮށް ލިބުމުން އަޅުގަނޑުމެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު އެ ނިންމާ ގޮތެއް ނިންމާނަން." އަލީ ސޯލިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން މާކުރިންވެސް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަށް އަދި އެއްވެސް ބަދަލެއް ގެނައުމަށް ޕާޓީގެ ކައުންސިލުން އަދި ނިންމާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅަށް އެމްޑީޕީގެ ރައީސް އަދި އެމަނިކުފާނުގެ ސިޔާސީ އެކުވެރިޔާ ރައީސް ނަޝީދުވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރަައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މިއަދުގެ މި ހާލަތަކީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަގަންވީ ވަގުތެއް ނޫން ކަމަށެވެ. މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތަކާމެދު ވިސްނަވާ މަގަށް އަޅުވަންވީ ވަގުތު ކަމަށެވެ.

އެމަނިކުފާނުގެ ވިސްނުން ހާމަ ކުރެއްވީ ވަރަށް ގިނަ ބޭފުޅުން ޓެކްސްޓް ކުރައްވާ އެދިވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވިއެވެ.