ގުޅިފަޅު

ގުޅިފަޅުގައި ވިޔަފާރި ބަނދަރު ހަދަން ބީލަމަށްލަނީ

ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ގުޅިފަޅުގައި ބީލަމަށް ހުޅުވާލުމަށް ތައްޔާރުވެއްޖެ އެވެ.

އިކޮނޮމިކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އެގްޒިމް ބޭންކްގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރުގެ މާޗްގެ ކުރިން މިަޝްރޫއު ބީލަަށް ލެވޭނެ ކަމަށެވެ.

ގުޅިފަޅު ޕޯޓް މަޝްރޫއަކީ އިންޑިއާ އިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ފެސިލިޓީގެ ތެރެއިން ހަރަދުކުރާ މަޝްރޫއަކަށްވާތީ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ އިންޑިއާގެ ކުންފުނިތަކަށެވެ.

ކްރެޑިޓް ފެސިލިޓީގެ ތެރެއިން އެންމެ ގިނަ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޕޯޓް މަޝްރޫއަށެވެ. އެއީ 400 މިލިއަން ޑޮލަރު ނުވަތަ 6.1 ބިލިއަން ރުފިޔާ އެވެ. .

އެގްޒިމް ބޭންކްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އިންޑިއާގެ ކްރެޑިޓް ފެސިލިޓީގައި 1.4 ބިލިއަން ޑޮލަރު ނުވަތަ 22 ބިލިއަން ރުފިޔާގެ މަޝްރޫއު ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވެ އެވެ.

ގުޅިފަޅުގައި ހެދުމަށް ނިންމާފައިވާ ބަނދަރުގެ މަސައްކަތް 2026 ވަނަ އަހަރު ނިމުމާ އެކު މާލޭގައި މިހާރު ހިންގާ ވިޔަފާރި ބަނދަރުގެ މަސައްކަތް ހުއްޓާލުމަށް ވަނީ ނިންމާފަ އެވެ.

ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވްލޮޕްމަންޓަށް ކޮންސެލްޓެންސީ ދިނުމަށް ހަވާލުކުރީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ސަބް ކޮންސެލްޓެންސީގެ ގޮތުގައި ހަރަކާތްތެރިވާނީ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ އެވެ.

ނިރާސްއަކީ ޑެންމާކުގެ ކުންފުންޏެވެ. މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަން (އެމްޓީބީއެސް) އަކީ ހޮލެންޑުގެ ކުންފުންޏެވެ. ދެން ހިމެނެނީ ރާއްޖޭގެ ކުންފުނިތަކެެކެވެ.