ބޮލީވުޑް

އަނުރާގް ކަޝޭޕް އާ ދެކޮޅަށް ބަތަލާއަކު


ބޮލީވުޑް ބަތަލާ ޕާޔަލް ގޯޝް މިދިޔަ ހޮނިހިރު ދުވަހު ވަރަށް ވަރުގަދަ އިލްޒާމެއް ޑައިރެކްޓަރު އަނުރާގް ކަޝޭޕްގެ ބޮލުގައި އަޅުވައިފި އެވެ. އިންޑިޔާގެ މީޑިއާއަކަށް ދިން އިންޓަވިއު އެއްގައި ޕާޔަލް ބުނީ "ބޮމްބޭ ވެލްވެޓް"ގެ ޝޫޓިން ކުރިޔަށް ދިޔަ ދުވަސްވަރު އަނުރާގު އޭނާއަށް ގޯނާކުރި ކަމަށެވެ.

ޕާޔަލް ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުކަމަށް ބުނެ ޑައިރެކްޓަރު އަނުރާގު ވަގުތުން ޓުވީޓް ކޮށްފައި ވެއެވެ. މި ވާޙަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އޭނާ ބުނެފައި ވެއެވެ.

"ކީކޭ ބުނާނީ. ހާދަ ވަގުތެއް ނެގީ މަގޭ އަނގަ ބަންދުކުރަން އުޅުމުގެ ތެރޭގަ. މައްސަލައެއް ނެތް. އަހަރެންގެ އަނގަ މައިތިރިކުރަން އުޅެއުޅެމުން ގޮސް ދޮގު ތިހާ ގިނަ ދޮގުތައް ދި ހަދަނީ. އަދި އެހެން އަންހެނުން ވެސް މިކަމުގެ ތެރެއަށް ތި ވައްދަނީ. އަންހެނަކަށް ވެ ހުރެ އެހެން އަންހެނުން ބަދުނާމު ކުރުމަކަށް ވެސް ފަހެއް ނުޖެހޭ. އަމިއްލަ ގަދަރު ހިފަހައްޓަބަލަ. ތި ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް،" ހިންދީ ބަހުން އަނުރާގު ކުރި ޓުވީޓް ތަކެއްގައި ބުނެފައި ވެއެވެ.

އިތުރު ޓުވީޓެއްގައި އަނުރާގު ބުނެފައިވަނީ އޭނާއަކީ ދުވަހަކުވެސް އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ތަރުހީބު ވެސް ދޭނެ މީހެއް ނޫން ކަމަށެވެ.

"ދެން ވާނެ ގޮތެއް ވެސް އެނގިދާނެތާ. ތި އިންޓަވިއު ބަލާފައި ވެސް އިނގޭ ކިހާ ވަރެއްގެ ތެދެއްކަން ތި ކިޔައިދެނީ. އަދި ކިހާ ފޭކް ވާހަކައެއްކަން ތި ދައްކަނީ،" އަނުރާގު ދެ ވަނަ ޓުވީޓުގައި ބުނެފައި ވެއެވެ.

އަނުރާގު ވަނީ އޭނާ މީގެ ކުރިން ކުރި ދެ ކައިވެންޏާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ދެ ފަހަރަށް ކައިވެނި ކުރި ދެ މީހުން ދެކެ ވެސް އޭނާ ވަރަށް ލޯބިވި އެވެ. އެކަން އޭނާއާއެކު މަސައްކަތްކުރި ބަތަލާއިންނަށް ވެސް އަދި އެހެން އެންމެންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.

ޕާޔަލް ގޯޝްގެ އިންޓަވިއު މީޑީއާ އިން ފެނިގެން އިންޑީޔާގެ ނެޝަނަލް ކޮމިޝަން އޮފް ވިމެންގެ ޗެއާޕާސަން ރޭކާ ޝަރުމާ ޕާޔަލް ޓެގް ކޮށް ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ޝަކުވާ އެ ކޮމިޝަނަށް އީމެއިލަކުން ހުށަހެޅުމަށެވެ.

އަނުރާގު ކަޝޭޕްގެ މައްޗަށް ޕާޔަލް ކުރި ބޮޑު ތުހުމަތަކާ އެކު ސޯޝަލް މީޑިއާގައި މީހުންތައް އުތުރި އަރަން ފެށި އެވެ. އެއްބަޔަކު ޕާޔަލް ދެއްކި ވާހަކަ ގަބޫލުކޮށް އަނުރާގަށް އެއްޗެތި ކިޔަމުން ދިޔައިރު އަނެއް ބަޔަކު ތާއީދުކުރީ އަނުރާގަށެވެ. އަނުރާގާ އެއްކޮޅަށް ވާހަކަ ދެއްކި މީހުންގެ ތެރޭގައި ބަތަލާ ތާޕްސީ ޕަންނޫ ހިމެނެ އެވެ.

އަނުރާގާ އެކު ނަގާފައިވާ ފޮޓޮއަކާ އެކު ތާޕްސީ ކުރި ޓުވީޓްގައި އަނުރާގު އެފަދަ ކަމެއް ކޮށްފާނެކަމަށް ގަބޫލު ނުކުރާ މޭރުމަކުން ވާހަކަ ދައްކާފައި ވެއެވެ. އަނުރާގުގެ "މަންމަރްޒިޔާން" ގައި ތާޕްސީ ވަނީ ބަތަލާގެ ރޯލު ކުޅެފަ އެވެ.