ގައުމު މިހާރު ދަނީ އަޅުވެތި ކަމުގެ ތެރެއަށް ކަމަށާއި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ދޭން ކުރިން ސުރެ އިއުލާންކޮށްފައިވާ 250 މިލިއަން ޑޮލަރުގެ ލޯނު ފައިސާގެ ލިޔުން ހަވާލުު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އިންޑިއާއަކީ ރާއްޖެއަށް އެންމެ ދީލަތި ކަމާއެކު އެހީތެރިވެދޭ ގައުމު ކަމަށް މިނިސްޓަރުން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުުރުން ކޮވިޑްގެ މި ހާލަތުގައި ވެސް އިންޑިއާއިން ރާއްޖެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދު ނުވާކަން ދައްކުވައިދީފި ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އިދިކޮޅު ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ޝަރީފް ވިދާޅުވީ ރާއްޖެ އޮންނަ ތަނުގެ ގޮތުން ބޭރު ގައުުމުތަކުގެ ސަމާލުކަމާއި އެހީތެރިކަން އަބަދު ވެސް ރާއްޖެއަށް ލިބެމުންދާ ކަމަށެވެ. ރާއްޖެއަކީ މި ސަރަހައްދުގެ މެރިޓައިމްގެ މައި ލޭނަރު ކަމަށާ ނަމަވެސް މިއަދު ސަރުކާރުގެ ސިޔާސަތު ހުރި ގޮތުން ނޭންގި ތިއްބާ ރާއްޖެ މިދަނީ އަޅުވެތި ކަމުގެ ތެރެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެއަކީ މި ސަރަގައްދުގެ މެރިޓައިމްގެ މައި ލޭނާރު. 'ހަލާ ދަނޑީގެ ދެކޮޅު ނުބަލާ' ހުއްޓާ ގައުުމު މިދަނީ އަޅުވެތިވަމުން. ސިޔާސަތު ބަދަލު ކުރަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
ރާއްޖެ-އިންޑިއާގެ މިހާރުގެ ގުޅުމާމެދު އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި "އިންޑިއާ އައުޓު" ގެ ނަމުގައި ކެމްޕޭނެއް ފަށައި އެ ހަރަކާތް ފުޅާކޮށްފައިވާއިރު އެ ހަރަކާތުގައި އިދިކޮޅު ފަރާތްތައް ނޫނަސް އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ އެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ގާއިމުވެ ތިބޭ ތިބުމާމެދު ދިވެހިން ގެންދަނީ ނުރުހޭކަން ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ.
"އިންޑިއާ އައުޓު" އެ ހަރަކާތާ ދެކޮޅަށް އަޑު އުފުލަނީ މި ސަރުކާރަށް ނިސްބަތްވާ ސަރުކާރުގެ ވަޒީފާތަކުގައި ތިބި ފަރާތްތަކާއި ވަޒީރުންނެވެ.