އާދަމް ޝަރީފު އުމަރު

"ދިވެހިންގެ އަޑު އުފުލައިދޭނެ ކަަަމަށް އުއްމީދު ކުރަން"

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް ކަމަށް އިންތިހާބުވެލެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު އދ. ގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ކާމިޔާބީއާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކުމަށް ހުޅުވާލި ފުރުސަތުގައި ޝަރީފު ވިދާޅުވީ ރާއްޖެއަށް ރީތި ނަމެއް ލިބިގެން ދިއުމަކީ ކޮންމެ ދިވެއްސަކަށް ވެސް ލިބިގެން ދާނެ ހާއްސަ އުފަލެއް ކަމަށެވެ.

އެހެން ނަމަވެސް އެ އުފާވެރިކަމާއި އެ ހިތްހަމަޖެހުމުގެ ޝުއުރު ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ވިންދު ޖަހަމުންދާތަން ނުފެންނަކަން އާދަމް ފާހަގަކުރެއްވި އެވެ.

"އެކަން އެހެން އޮއްވާ މިއަދުގެ ޖަލްސާގައި އެކަން އެޖެންޑާ ކުރެވިގެންދާ އިރު އަޅުގަނޑު ހާރިޖީ ވަޒީރަށް އިލްތިމާސް ކުރަން ބޭނުން ކޮންމެ މަރުހަލާއެއް ކަމުގައި ވިޔަސް ކޮންމެ ތަނެއްގައި ކަމަށް ވިޔަސް އަޅުގަނޑުމެންގެ މި ގައުމުގެ މާތްވެެގެންވާ އިސްލާމްދީނާއި ގައުުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންނުވާނެ ގޮތަކަށް ގައުމުގެ ސިޔާދަތު ރައްކާތެރިކުރެވޭނެ ގޮތަަކަށް އަޅުގަނޑުމެންގެ ދިވެހިންގެ އަޑު އުފުއްލަވައިދިނުމަށް މަސައްކަތް ކޮށްދިނުމަށް އުފުއްލަވައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް." ޝަރީފް ވިދާޅުވި އެވެ.

ޝާހިދުއަކީ ދިވެހި ރައްޔިތެއްކަން ހަނދާން ނައްތާނުލައި ދިވެހިންގެ އިހުސާސުތަކާ އެއްގޮތަށް އދ. ގައި ރިޔާސަތު ބަލަހައްޓައި މަސައްކަތް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ހާރިޖީ ސިޔާސަތަށް ވެސް އޭނާ މިއަދު ފާޑުވިދާޅުވި އެވެ. ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް އެތައް ދިވެހިންނެއް މިހާރު ގަބޫލުކުރާ ކަމަށާއި ބޭނުންވާނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތުތަކެއް ކަމަށެވެ.