ސުޝާންތު ސިންގް ރާޖްޕޫރުގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އޭނާ ޑްރަގް ބޭނުން ކޮށްފައިވާ ކަމުގެ ހެކިތައް ލިބުމުން މި މައްސަލައިގެ ތެރެއަށް އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ވަދެ މައްސަލައިގެ ޑްރަގްގެ އެންގަލް ތަހުގީގު ކުރަން ފަށާފަ އެވެ. އެގޮތުން އެންސީބީން ވަނީ ސުޝާންތު މަރުވިއިރު ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ހައްޔަރު ކޮށްފަ އެވެ.
މި މައްސަލައިގައި ސުވާލުކުރަން ބޭނުންވާ 25 އެކްޓަރުންގެ ލިސްޓެއް އެންސީބީން މިހާރު ތައްޔާރު ކޮށްފައިވާ ކަމަށާއި މީގެ ތެރެއިން ބައެއް އެކްޓަރުންނާ ވަރަށް އަވަހަށް ސުވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
އެގޮތުން ސުޝާންތުގެ ފާމް ހައުސްގައި ބޭއްވި ޕާޓީތަކަށް ދިޔަ އެކްޓަރުންނާ ސުވާލު ކުރަން ހަމަޖެހިފައިވާ ކަމަށް އެންސީބީގެ އޮފިޝަލަކާ ހަވާލާދީ އިންޑިޔާގެ މީޑިއާ އިން ވަނި ބުނެފަ އެވެ.
އެންސީބީން އެންމެ އަވަހަށް ސުވާލު ކުރުމަށް ހަމަޖެހިފައިވާ އެކްޓަރުންގެ ތެރޭގައި ސުޝާންތުގެ "ކޭދާރްނާތު" ގެ ބަތަލާ ސާރާ އަލީ ޚާން އާއި "ޗިޗޯރޭ" ގެ ބަތަލާ ޝްރައްދާ ކަޕޫރު ހިމެނޭ ކަމަށް ވެއެވެ. ސުޝާންތުގެ ގޭގައި ބޭއްވި ޕާޓީތަކުގައި މި ތަރިން ބައިވެރި ވެފައި ވެއެވެ. އެގޮތުން ސާރާ ވަރަށް ގިނަ ގިނައިން ސުޝާންތުގެ ފާމް ހައުސް އަށް ގޮސް އުޅުނު ކަމަށާއި "ޗިޗޯރޭ" ގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ ފިލްމުގައި ބައިވެރިވި މީހުންނަށް ސުޝާންތު ދިން ޕާޓީއެއްގައި ބައިވެރިވުމަށް ޝްރައްދާ ވެސް އެ ފާމް ހައުސް އަށް ދިޔަ ކަމަށް ވެއެވެ.
މި ޕާޓީތަކުގައި ބަޔަކު މަސްތުވާ އެއްޗެތި ބޭނުން ކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ކޮން ބައެއް ކަމެއް ޔަގީނެއް ނުވެ އެވެ. އެހެންވެ ޕާޓީގައި ބައިވެރިވި ހުރިހާ އެކްޓަރުންނާ ސުވާލު ކުރަން އެންސީބީން އުޅެނީ ކަމަށް ވެއެވެ.
މިހާރު 14 ދުވަހަށް ޖަލަށް ލާފައިވާ ރިއާގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އަދި އޭނާ އިތުރަށް ޖަލުގައި ބަހައްޓާނީތޯ ނުވަތަ ދޫކޮށްލާނީތޯ މިއަދު ކޯޓުން ނިންމާނެ އެވެ.
ސުޝާންތުގެ ޕާޓީތަކަށް ދިޔަ ފިލްމީ ތަރިންގެ ނަންތައް ކިޔައިދިނީ އެންސީބީގެ ތަހުގީގުގައި ރިއާ ކަމަށް ވެއެވެ. އަދި ރިއާގެ ފޯނުގެ ވަޓްސްއަޕް މެސެޖުތަކުގައި ވެސް ބައެއް ފިލްމީ ތަރިންނާ އޭނާ އާ ކޮށްފައިވާ މުއާމަލަތްތަކެއް ހުރި ކަމަށް ވެއެވެ.
ކޮންމެއަކަސް ސުޝާންތުގެ މަރުގެ މައްސަލައިގެ ތެރެއަށް އެހެން ފިލްމީ ތަރިން ވައްދައި ބޮލީވުޑްގެ ނަން ޚަރާބުކުރާތީ އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.