މުޅިން އާ ތާޒާ މޫނެއްގެ ވެރި ހުނަރުވެރި ބަތަލާއެއް ބޮލީވުޑަށް ތައާރަފްވާން ތައްޔާރު ވެއްޖެ އެވެ. ޝަރްވަރީ އެވެ. އޭނާ ތައާރަފްކުރަނީ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ ފަރާތުންނެވެ.
ވައިއާރްއެފުން މިހާޜު ވަނީ ޝަރްވަރީ އާއެކު ތިން ފިލްމެއްގެ ޑީލެއްގައި ސޮއިކޮށްފަ އެވެ. މީގެ ތެރެއިން ފުރަތަމަ ފިލްމަކީ "ބަންޓީ އައުރު ބަބްލީ 2" އެވެ. ފުރަތަމަ ފިލްމު ރިލީޒް ނުވަނީސް އިތުރު ދެ ފިލްމެއް ވައިއާރްއެފް އިން ޝަރްވަރީ އަށް ދިނީ އޭނާގެ ހުނަރުވެރިކަން ފާހަގަ ކުރެވިގެންނެވެ.
އެގޮތުން ޝަރްވަރީ ކުޅެން ހަމަޖެހިފައިވާ ދެ ވަނަ ފިލްމު ވަރަށް އަވަހަށް އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ. ތިން ވަނަ ޕްރޮޖެކްޓަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި މި ފިލްމު އިއުލާން ކުރާނީ އަދި ތަންކޮޅެއް ފަހުން ކަމަށް ޚަބަރުތައް ބުނެ އެވެ.
ފިލްމީ ވިޔަފާރީގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި "ބަންޓީ އައުރު ބަބްލީ 2"ގައި ޝަރްވަރީ ކޮށްފައިވާ މަސައްކަތާ މެދު ވައިއާރްއެފްގެ ހެޑް އަދިތުޔާ ޗޯޕްޅާ ވަނީ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި ޝަރްވަރީ އަކީ އިންޑަސްޓްރީއަށް އިތުރުވާ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށް އަދިތުޔާ ޗޯޕްޅާ ގަބޫލު ކުރެ އެވެ.
ޝަރްވަރީގެ ފުރަތަމަ ފިލްމު ރިލީޒްވުމުން އޭނާގެ ކުޅަދާނަކަން އެންމެންނަށް ވެސް ފާހަގަ ކުރެވިގެން ދާނެކަމަށް ވައިއާރްއެފުން ގަބޫލުކުރެ އެވެ. އެހެންވެ ދުރާލާ ފިލްމު ޑީލެއް އޭނާއާއެކު ހެދީ އެވެ.
ވަރަށް ގިނަ އާ މޫނުތަކެއް މިހާތަނަށް ވައިއާރްއެފުން ތައާރަފް ކޮށްފައި ވެއެވެ. ނަމަވެސް ކާމިޔާބު ލިބިފައިވަނީ ވަރަށް މަދު އެކްޓަރަކަށެވެ.