ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގަމުން މިވަގުތު މިދަނީ ދުނިޔޭގެ ގައުމެއްގައި މިއަދު ނެތް ފެންވަރުގެ މޮޅު ޑިމޮކްރެޓިކް ގާނޫނުއަސާސީ އެއް ގެ ދަށުންނެވެ. މިގާނޫނުއަސާސީގެ ދަށުން ގިނަ ސިޔާސީ ޕާޓީތައް އުފައްދައި ވާދަވެރި އިންތިޚާބުތައް ބޭއްވުމުގެ ހައްގު ރައްޔިތުންނަށް މިވަނީ ލިބިދީފައެވެ. އަދި ހަމަ އެހެންމެ އަދުލު އިންސާފު ގާއިމް ކުރުމަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ޝަރުއީ ނިޒާމަކަށްވެސް ވަނީ ފުރުޞަތު ދެވިފައެވެ.
މީގެ އިތުރުން ސަރުކާރުގެ ހިންގުން ވަރުގަދަކޮށް ޖަވާބުދާރީ ކުރުވުމަށް މިނިވަން މުވައްސަސާތައް ވެސް މިވަނީ އުފައްދާފަ އެވެ. ނަމަވެސް ސިޔާސީ ހަމަނުޖެހުން ގައުމުގައި އަދިވެސް މިދަނީ ތަޖުރިބާ ކުރެވެމުންނެވެ. ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް މަސްލަހަތާއި ޚާރިޖީ ގުޅުންތަކަށްވެސް މިސިޔާސީ ހަލަބޮލިކަމާހެދި ސީރިއަސް ދުއްތުރާތައް މިދަނީ ކުރިމަތިވަމުންނެވެ. ދިވެހި ގައުމުގައި ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް ޖާގަ ދެވިފައިވާ އިރު ސިޔާސީ ހަލަބޮލިކަން އަދިވެސް މި ދަރަޖައަށް މެދުވެރި މިވަނީ ކޮން ސަބަބުތަކާ ހުރެތޯ ބަލާލުން ރައްޔިތުންނަށް މުހިންމެވެ.
ރައިސް މައުމޫންގެ ފަސް އަހަރުގެ ހަ ދައުރުގެ ވެރިކަން ރައްޔިތުންނަށް މައްސަލައަކަށްވި އެއް ސަބަބަކީ އެ ވެރިކަން މާ ދިގު ޒަމާންތަކަކަށް ދެމިގެން ދިއުމާއެކު އެއްބޭފުޅަކު ވެރިކަމުގައި މާގިނަ ދުވަހު ހުންނަން ދިމާވުމެވެ. އެވެރިކަން ދިގު ދެމިގެން ގޮސް ވެރިކަމުގެ ބާރުތައް ގަދަވެ ރައްޔިތުންގެ ތެރޭގައި އެކިކަންކަމަށް އިންސާފު ލިބިދެވޭ ގޮތާދޭތެރޭ ސުވާލު ކުރާނެ ޖާގަ އުފެދިގެން ވެސް ދިއުމުންނެވެ.
ގައުމު ކުރިއަށް ދާންވީ ހަލުވިމިނުގައި ކުރިއަށް ނުގެންދެވޭކަމުގެ ޝަކުވާވެސް ބޮޑުވާން ފެށުމެވެ. އެންމެ ފަހުން ވެރިކަމުގައި އެކަކު މާގިނަދުވަހު ހުރެގެން މުޅި ނިޒާމު ވަކި ބަޔަކު ބޭނުންވާހާ ގޮތަށް އެނބުރުން އެއީ އިންސާފު ނުލިބޭ ކަމެއްކަމަށް ގަބޫލްކުރަން ފެށުމެވެ. އަދި ނިޒާމުގެ ތެރެއިން ނާޖާއިޒު ފައިދާ ބަޔަކު މީހުން ނަގައި އަނެއް ބައެއްގެ މައްޗަށް ހަމަހަމަ ކަމެއްނެތި ބޭއިންސާފުން ގަދަވެގަތުން ތަޖުރިބާ ކުރަންވެސް ޖެހުމުންނެވެ. އެހެންކަމުން ސިޔާސީ ގޮތުން ހަމަހަމަ ކަމާއެކު ކުރިއަށް ގޮސް ގައުމަށް ހެޔޮ ބަދަލު ގެންނަން ބޭނުންވި ފަރާތްތަކަށް އެޖާގަ ނުލިބުން އެއީވެސް އެވެރިކަން ބަދަލަކަށް ބޭނުންވި ސަބަބެކެވެ.
އެ މައްސަލަތަކާއި އަދި ރާއްޖެއަށް އަންނަމުންދިޔަ ޑިމޮކްރަސީގެ ރައްޓެހި ބަދަލުތައް ބޭނުންވީ ގިނަ ބަޔަކު ހިއްސާވާ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ. އެގޮތުން މަލްޓިޕާޓީ ޑިމޮކްރެޓިކް ސިސްޓަމެއް ނުވަތަ ނިޒާމެއް އުފެއްދުމުގެ ހުއްދަ 2005 ގެ ޖޫން މަހުގައި ސަރުކާރުން ދިނެވެ. އެއިގެ ނަތީޖާއެއްގެގޮތުން އެކަށީގެންވާ އަދަދަކަށް ސިޔާސީ ޕާޓިތައް ރަޖިސްޓްރީވާން ހުށަހަޅައި ހައެއްކަ ސިޔާސީ ޕާޓީ ފުރަތަމަވެސް ވުޖޫދުވުމަށް މަގުކޮށިގެން ދިޔައެވެ.
ގިނަބަޔަކު އިންސާފު ބޭނުންވެގެން ގިނަ ސިޔާސީ ޕާޓީތަކަށް ފުރުޞަތު ހޯދަން ނުކުތް ރައްޔިތުންނަށް އެކަން ކާމިޔާބުވި ނަމަވެސް، އުފެދުނު މަދު ސިޔާސީ ޕާޓީތައް ކޮންޓްރޯލް ކުރަން މަދުބަޔަކު ފެށުމުގެ ނަތީޖާއަކީ ޕާޓީތަކާމެދު ރައްޔިތުންގެ ނުރުހުން އިތުރުވާންފެށުމެވެ. އެގޮތުން ޕާޓީތަކުގައި މިއަދު ރައްޔިތުން ތިބީ ހިތްހަމަ ނުޖެހުމާއެކުކަން މިއަދު މިދަނީ ފާހަގަވަމުންނެވެ. އެއް ޕާޓީން އަނެއް ޕާޓީއަށް މެންބަރުން ސުވިޗު ކުރުން އެއީ މީގެ ހެއްކެކެވެ. ބައެއް ރައްޔިތުން ހިތާ ދެކޮޅަށް ނަމަވެސް މިހާރު އުފެދިފައިވާ ޕާޓީތަކުގައި ދެމިއެބަތިބިއެވެ. ކޮޅު މޮޅުވުމަށްޓަކައި ނުވަތަ ޕާޓީން ކޮންމެވެސް މަންފާއެއް ކުރާތީ ތިމާމެން ގަބޫލްކުރާ އުސޫލުތަކާއި ހަމަތައް ދޫކޮށްލައި ޕާޓީތަކަށް ގުރުބާންވާން އެއްބަޔަކު ދެމިތިބިއިރު އަނެއްބައި ރައްޔިތުން ޕާޓީގެ ބޭއިންސާފާހެދި ކެއްނުވެގެން އެހެން ޕާޓީއަކަށް އަނެއްކާވެސް ކޮންމެވެސް އެހެން މަންފާއަކަށް ދަނީ ލެނބެމުންނެވެ. ކޮންމެ ސިޔާސީ ޕާޓީއަކާ ދޭތެރޭވެސް ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއްބަޔަކު އަނެއް ސިޔާސީ ޕާޓީއަކުން ހިންގާ ބޭއިންސާފު ކަންކަމާ ގަބޫލްނުކުރެވޭ ކަންކަން މިދަނީ ތިލަކޮށް އިހުތިޖާޖު ކުރަމުންނެވެ.
ސިޔާސީ ޕާޓީތަކާ މެދު ރައްޔިތުން ނުރުހުންވެ އިންތިހާއަށް ކަންބޮޑުވެގެން މިދަނީ ޕާޓީތަކުން ޚުދުމުޚުތާރު ގޮތްތައް ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްތަކުން ދައްކާތީ ކަމަށް ރައްޔިތުން މިއަދު އަނެއްކާވެސް ގަބޫލް ކުރަން ފަށައިފި އެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމުގައިވާ ދެޕާޓީގެ ތެރޭގައި އެތެރޭގެ ޑިމޮކްރަސީ އޮތީ ކިހާ މިންވަރަކަށްތޯ އެރައްޔިތުން މިއަދު ދަނީ ސުވާލު އުފައްދަމުންނެވެ. ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީ ހިންގުމަށް އުފައްދާފައިވާ އެންމެ މުހިންމު އަސާސީ ގުނަވަންތަކެވެ. އެއީ ރައްޔިތުންގެ ގައުމީ މުވައްސަސާތަކެވެ. ޕާޓީތައް ފުރަތަމަ ޑިމޮކްރެޓިކް ނުވެ ވެރިކަމަށް އަންނަ އެފަދަ ޕާޓީތަކުން ޑިމޮކްރެޓިކް ވެރިކަމެއް ކޮށްދޭނެ ކަމަށް ދުށުމަކީވެސް ވާނީ ހެއްވާ ކަމެއްކަމަށް ރައްޔިތުން ގަބޫލްކުރެއެވެ.
ރާއްޖޭގެ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ އަށް ބަލާލާއިރު ޕާޓީތައް އުފެދުނީއްސުރެ ރައްޔިތުންނަށް މިފެންނަނީ ލީޑަޝިޕްގައި އެއްބޭފުޅަކު އެތައް ޒަމާނެއް ވަންދެން ހުންނަތަން ނުވަތަ ހުންނަން އުޅޭތަނެވެ. އެއިން ކޮންމެ ޕާޓީއަކަށް ބެލި ނަމަވެސް ޕާޓީގެ ރައިސް މިވަނީ ރިޔާސީ އިންތިޚާބެއްގައި ކާމިޔާބު ނުލިބުނަސް ބަދަލު ނުވާތަނެވެ. ޑިމޮކްރަސީގައި އިންތިޚާބުތަކުގައި ބަލިވުމަކީ ޕާޓީގެ ރައިސް ޖަވާބުދާރީ ވާންޖެހޭނެ ކަމެކެވެ. ނަމަވެސް މިހާތަނަށް ޕާޓީތަކުގެ ރައިސުން އެއްގޮތަކަށް ވެސް ޕާޓީ މެންބަރުންނަށް ޖަވާބުދާރީ ނުވެ ބަހަނާ ދައްކަމުން އަނެއްކާވެސް އައު އިންތިޚާބުތަކަށް މިދަނީ ކުރިން ރިޔާސީ އިންތިޚާބުގައި ބަލިވި ރައިސާއެކު ވިޔަސް ނިކުންނަން މަސައްކަތް ކުރަމުންނެވެ. މިއީ ޕާޓީތަކުގެ ތެރޭގައި މިއަދު ބަދަލުވާޏްޖެހޭ ސަގާފަތެކެވެ. ރިޔާސީ އިންތިޚާބެއްގައި ޕާޓީއަކުން ބަލިވުމާއެކު ޕާޓީގެ އާ ރައީސަކު ހޮވައި އާ ރައީސާއެކު އާ އަޒުމާއެކު ރާއްޖޭގެ ރައްޔިތުންގެ ހައްގު ހޯދުމުގެ މަސައްކަތާއިގެން ޖެހިލުންވުމެއްނެތި ނިކުންނަން ގަޓު ހުންނަން ޕާޓީތަކުގައި އެބަޖެހެ އެވެ.
ރާއްޖޭގެ ވެރިކަމުގައި ޑިމޮކްރަސީ ނެތުމުން ދިމާވި މައްސަލަތައް ފާހަގަކޮށް ވާހަކަ ދައްކަވައި ޑިމޮކްރަސީގެ ނިޒާމު ގެންނަން ބުރަ މަސައްކަތް ކުރެއްވި ފަރާތްތަކުން މިއަދު އެބޭފުޅުން ތިއްބެވި ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީއާ މެދު ވާހަކަ ނުދައްކައި އަދި އެވާހަކަ ދައްކަން ބޭނުންނުވެ އެއްވެސް ސަމާލުކަމެއް ދޭން ބޭނުން ނުވާ މަންޒަރަކީ ޑިމޮކްރަސީއަށް ރާއްޖޭގައި އޮތް ބިރުވެރި ކަމެކެވެ. އެކަން މިދަނީ މިއަދު ހައިރާންކަމާއެކު ފެންނަމުންނެވެ. ޕާޓީތަކުގެ އެތެރޭގައި ޑިމޮކްރަސީ ނެތުމުގެ އަލާމާތްތައް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ތެރޭގައިހެންވެސް މިއަދު މިދަނީ ފެންނަމުންނެވެ. ދާދި ފަހުން އެމްޑީޕީގެތެރޭގައިވެސް އަދި އެއިގެ ކުރިން ޕީޕީއެމްތެރޭގައި ވެސް ޕާޓީގެ އެތެރޭގެ ލީޑާޝިޕްގެ ޑިމޮކްރަސީ ނެތިގެން ބޮޑެތި މައްސަލަތަކެއް ރައްޔިތުންނަށް ވަނީ ފެނިގެން ގޮސްފަ އެވެ.
މިވަގުތު ވެރިކަމުގައި އޮތް ޕާޓީ ތެރޭގައި މިހިނގަމުންދާ މައްސަލައިން ވެސް މި ފެންނަނީ ޕާޓީގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވަނިކޮށް ޕާޓީގެ ރައީސަކުގެ އިންތިޚާބު ބާއްވައި އައު ރައިސަކު ހޮވައި ލީޑަރޝިޕްގެ ކޯޅުމެއް އުފެދިގެން އުޅޭތަނެވެ. އެޕާޓީގައި އަނެއްކާވެސް އަލަށް އިންތިޚާބުވި ރައިސް ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ނުފެނިގެން އުޅޭ މަންޒަރެވެ. ޕާޓީގެ ފަރާތުން ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރި ފަރާތުގެ ޚިޔާލާފިކުރާއި ދެކޮޅަށް އެޕާޓީގެ ރައިސް ކަމަށް އަލަށް ހޮވުނު ފަރާތުން ސީދާ ގައުމުގެ ސިޔާސީ ނިޒާމު ގުރުބާންކުރުމަށްފަހު ވެސް ޕާޓީގެ ލީޑަރުގެ ގޮތުގައި އުމުރަށް ހުރެވޭނެ ގޮތަކަށް ފާޅުގައި މަސައްކަތް ކުރަމުންދާ މަންޒަރު ރައްޔިތުން ކަންބޮޑުވުމާއެކު މިދަނީ ބަލަމުންނެވެ. އެޕާޓީގެ މިހާލަތާ މެދު ޕާޓީގެ އެތެރޭގައި އޮތީ ބޭއިންސާފު ކަމަށް އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި ތުހުމަތުވެސް މިދަނީ ކުރަމުންނެވެ. ޕާޓީ ތެރޭގެ މިކޯޅުމުގައިވެސް ޕާޓީގެ ރައިސް މިހާތަނަށްވެސް އެއްވެސް ސާފް ހެއްކެއް ނުދައްކަވާ އަނެއްބައެއްގެ މައްޗަށް ހުސްއެކަނި ބަހުން ތުހުމަތުތަކެއްކޮށް ބަހުގެ ހަނގުރާމައެއް ހިންގަމުން އެދަނީ ހަމަ ލީޑާޝިޕްގެ ކޯޅުމާހެދި އެވެ.
މިކަމުން ސާފުކޮށް އެނގިގެންދަނީ އެޕާޓީގެ އެތެރޭގައިވެސް ޑިމޮކްރަސީ ނެތްކަމާއި ޑިމޮކްރަސީދެކެ ޖެހިލުންވުމާއި ޑިމޮކްރަސީއަށް ފަރިތަ ނޫން މިންވަރެވެ. އަދި ޕާޓީގެ އެތެރޭގައި އޮންނަން ޖެހޭ ޑިމޮކްރަސީގެ ޖަވާބުދާރީ ކުރުވުމުގެ ގުނަވަނުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުހިނގާކަމެވެ. ޑިމޮކްރަސީއެއްގައި ދެފުއްފެނުމާއި، ޖަވާބުދާރީވުމާއި ގާނޫނާއި ގަވާއިދަށް އިހުތިރާމް ކުރުމާއި ޖަވާބުދާރީ ވުމަކީ އަސާސީ ރުކުންތަކެވެ. މިއިން ރުކުނެއް ފުރިހަމަ ނުވާނަމަ ފެނިގެންދާނީ ލީޑާޝިޕް ޖަވާބުދާރީ ކުރެވޭނެ ޖާގަ ނެތުމާއި ޕާޓީތަކުގެ މެންބަރުންނަށް ބޭއިންސާފުން ފިޔަވަޅު އެޅިގެންދާތަނެވެ. މިފަދަ ހާދިސާތައް އެއީ ޕާޓީތަކުގެ ތެރޭގައި ޑިމޮކްރަސީ ނެތްކަމުގެ ރަނގަބީލް ކަމަށް ބަލައި ޕާޓީތައް ޑިމޮކްރަސީއާ އަހުލުވެރިވެ ޕާޓީތަކުގެ މެންބަރުންނަށް އެކަން އިހުސާސްވެސްވުމަކީ މުހިންމު ކަމެކެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި ކޮންމެ ޕާޓީއެއްގެ ވެސް މިވަގުތު ރިޔާސަތު ބަދަލު ނުވާތާ ގާތްގަނޑަކަށް 15 އަހަރަށްވުރެ ގިނަ ދުވަސް، ކޮންމެ ޕާޓީއަކަށް ބެލިކަމުގައިވީނަމަވެސް މިއޮތީ ފެންނާށެވެ. އެއީ ޑިމޮކްރަސީ އަށް އޮތް ނުރައްކަލެކެވެ. އެކަން ސާބިތުވަނީ މީގެ ކުރިން ގައުމުގައިވެސް އެއްޕާޓީއެއްގެ ލީޑަރަކު މާދިގު ޒަމާންތަކަކަށް އެޕާޓީގެ ލީޑަރު ކަމުގެ މަގާމުގައި ހުރުމުގެ ސަބަބުން ޑިމޮކްރަސީއަށް އެޅުނު ހުރަހާއި ބޭއިންސާފް އެތައްކަމެއް ރައްޔިތުންނަށް ފެނި ގަބޫލްކުރެވިގެންނެވެ. އެހެންކަމުން ޑިމޮކްރަސީ ނެތިގެން ގައުމަށް ދިމާވިފަދަ ނުރައްކަލަކަށް އެކަންކަންވާއިރު ޕާޓީތަކުގެ އެތެރޭގައިވެސް މިއަދު މިއޮތީ ހަމަ އެނުރައްކާ ކަންދަނެ މިކަން ޕާޓީތަކުގެ އެތެރޭގައި ވެސް ބަދަލު ކުރުމަކީ އިންތިހާއަށް މުހިއްމު ކަމެއްކަމަށް ރައްޔިތުން ގަބޫލް ކުރެއެވެ.
ސިޔާސީ ޕާޓީތަކަކީ ގައުމުގެ ސިޔާސީ ހަޔާތުގައި އެންމެ މުހިންމު ގުނަވަންތަކަށްވާއިރު މި ގުނަވަންތައް ވަކީންބޮޑަށް ޑިމޮކްރެޓިކް ހަމަތަކުގެމަތީން ހިންގަން ޖެހޭނެ ކަމަށްވެސް ރައްޔިތުން މިއަދު ގަބޫލް ކުރެއެވެ. ގައުމުގައި ޑިމޮކްރަސީ ގެނައުމަށް އާގާނޫނުއަސާސީއެއް ގެނައިގޮތަށް މިއަދު ސިޔާސީޕާޓީގެ އައު ގާނޫނެއް ނުވަތަ އޭރެކޭ އެއްގޮތަށް މިހާރު އޮތް ސިޔާސީޕާޓީތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް އަވަހަށް ގެންނަން އެބަޖެހެއެވެ. އެމްޑީޕީއަށް މިވަގުތު މަޖުލިހުގައި ސާފު އައުލަބިއްޔަތު އޮތުމުން ޑިމޮކްރަސީގެ މަސައްކަތަށް ނިކުމެ ބޮޑު ގުރުބާނީއެއްވި ބައެއްގެ ހައިސިޔްތަން އިދިކޮޅު މެންބަރުންނާއެކު ގުޅިގެން ރައްޔިތުންނަށް މިކަންކޮށްދިނުމަކީ ރައްޔިތުން އިންތިހާއަށް އަނެއްކާވެސް އެބަޔަކު ބަލައިގަންނާނެކަމެއްކަން ކަށަވަރެވެ.
އެހެންކަމުން މިފަދަ އިސްލާހެއް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައުމަކީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވެ ގައުމުގެ ކުރިއެރުމަށް އެޅިގެންދާނެ ވަރުގަދަ މުހިންމު ފިޔަވަޅަކަށް ވާނެކަމާމެދަކު ޝައްކެއްނެތެވެ. މިފަދަ އިސްލާހެއްގައި ޕާޓީތަކުން، ރިޔާސީ އިންތިޚާބު ބޭއްވުމުގެ އަހަރެއްވަރު ކުރިން ކޮންމެ ޕާޓީއަކުންވެސް އެޕާޓީއަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީތައް ބާއްވައި ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމާއި، އަދި ރައިސުލްޖުމްހޫރިއްޔާކަމުގައި ޕާޓީއެއްގެ ބޭފުޅަކު ހުރިނަމަވެސް ދެވަނަ ދައުރަކަށް ކުރިމަތިލުމަށްވެސް ޕްރައިމަރީގައި ބައިވެރިވެ ކާމިޔާބު ކުރާ ބޭފުޅަކު ރިޔާސީ ރޭހަށް ނިކުންނަ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުން ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ވެގެންދާނެކަމަށް ގަބޫލްކުރަންޖެހެއެވެ.
އަދި ހަމަ އެހެންމެ ރިޔާސީ އިންތިޚާބަށް ނިކުންނަ ޕާޓީ ކެންޑިޑޭޓަށް ކާމިޔާބުނުވެ އިންތިޚާބުގައި ބަލިވެއްޖެކަމުގައިވާނަމަ ޖަވާބުދާރީވެ ޕާޓީގެ ލީޑާރޝިޕުން އެއްފަރާތަށް ޖެހިލަންޖެހޭގޮތަށް ކަނޑައަޅައި އައު ރައިސަކު ޕާޓީ ހިންގުމާއި ހަވާލުވުމާއި އަދި ޕާޓީތަކުގެ އެތެރޭގައި އިންތިޚާބުތައް ވީއެންމެ ބޮޑަކަށް ޑިމޮކްރެޓިކްވާނެ ގޮތަށް ގައުމީ ވިސްނުމުގައި ގެންގޮސް ޕާޓީތައް މިހާރަށްވުރެ ހަރުދަނާ ކޮށްގެން ނޫނީ ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަ ވެގެން ދިއުމަކީ ދުރުކަމެކެވެ. އެހެންކަމުން މިފަދަ އިސްލާހުތަކެއް ގެނެސް ދުނިޔޭގެ ނިސްބަތުގައި ރާއްޖޭގެ ޑިމޮކްރަސީއަކީވެސް ބޮޑު ޖޯކެއްކަމަށް ސިފަކުރަމުންދާ ދިއުމަށް ނިމުމެއް ގެނެސް ރައްޔިތުންގެ ހައްގުތައް އިތުރަށް ފުޅާކޮށް ގައުމީ ނަވުގެ ކުރިމަގު އުޖާލާކުރަން މިވަގުތު އެބަޖެހެއެވެ. ގައުމީ މަސްލަހަތު އިސްކޮށް ގައުމުގެ ރައްޔިތުންގެ އެއްމެންގެ ހައްގަށްޓަކައިވެސް މެއެވެ.