ހަބަރު

ސަރުކާރު ކޯލިޝަންގެ ކާމިޔާބީ ފާހަގަކޮށްފި

ގިނަ ސިޔާސީ ޕާޓީތަކެއްގެ އެހީތެރި ކަމުގައި ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކުރާތާ ދެ އަހަރުވުމަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ފަހުރުވެރި ކާމިޔާބީއެއް ކަމަށް ކުރީގެ ރައީސް އަދި ކޯލިޝަންގެ އެއް ބައިވެރިޔާ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ބާރުވެރި ސަރުކާރު ނިމުމަކަށް އައީ ސެޕްޓެންބަރު 23، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. އިންތިހާބަށް އިދިކޮޅުން ނުކުތް ކޯލިޝަންގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާއި މައުމޫން ރިފޯމް މޫވްމަންޓް އޮތެވެ. އަދި ސިޔާސީ އިސް ހުރިހާ ލީޑަރުން ތިއްބެވީ އިދިކޮޅުގަ އެވެ.

އެ އިންތިހާބަށް ފަހު މި ސަރުކާރު އެކުލަވައިލެވުނު ފަހުން ސަރުކާރު ހިންގަމުންދަނީ ކޯލިޝަން ޕާޓީތަކުން ބައިވެރިވާ ސަރުކާރެއްގެ ގޮތުގައެވެ. އެކުގައި މަސައްކަތް ކުރަމުންދާތާ ދެ އަހަރު ފުރުމާއި ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ކޯލިޝަނަކާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރިތާ ދެ އަހަރު ފުރުމުން ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެ ކާމިޔާބީގައި ރައީސް މައުމޫނާއި މި ފަހުން ރައީސް މައުމޫން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވަމަންޓްގެ ލީޑާޝިޕްގެ ބޭފުޅުންނާއި މެންބަރުން ކުރެއްވި ހިތްވަރު ފާހަގަ ކުރައްވާ ކަމަށެވެ.

ޔުމްނާގެ އެ ޓްވީޓަށް ދެއްވި ޖަވާބެއްގައި ރައީސް މައުމޫން ވަނީ ކޯލިޝަން ސަރުކާރުގެ ކާމިޔާބީ ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ މިއީ "ކޯލިޝަންގެ ފަހުރުވެރި ކާމިޔާބީއެއް" ކަމަށެވެ.

ދެހާސް އަށް ވަނަ އަހަރުގެ ފަހުން ބޭއްވުނު ތިން ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކޮށްފައި ވަނީ ކޯލިޝަންތަކުންނެވެ. ނަމަވެސް ރައީސް ނަޝީދަށް ވެސް އަދި ރައީސް ޔާމީނަށް ވެސް ކޯލިޝަން ސަރުކާރެއް ދެމެހެއްޓިފައެއް ނުވެއެވެ. ކޮންމެވެސް ސިފައެއްގައި މިހާ ދިގު މުއްދަތަކަށް ކޯލިޝަން ދެމެހެއްޓެވި ފުރަތަމަ ރައީސަކީ ރައީސް ސޯލިހެވެ.

ސަރުކާރު ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ ޔަގީންކަން އެންމެ ފަހުން ދެއްވީ ޖުލައި 23 ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން،" އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލްވުމުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ކޯލިޝަންގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް ގެކުރިން ކެބިނެޓް ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއް ގެއްލިފަ އެވެ. އަދި ހައުސިން މިނިސްޓްރީ އުވާލުމާއެކު އެމްއާރްއެމްގެ ސްލޮޓެއް ވެސް ވަނީ މަދުވެފަ އެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. އެމްޑީޕީ މެންބަރުން ގެންދަވަނީ ކޯލިޝަން ރޫޅާލައި އެހެން ޕާޓީތަކުގެ މިނިސްޓަރުން ވަކި ކުރުމަށް ގޮވާލަމުންނެވެ. އެކަމާ ގުޅިގެން އެހެން ޕާޓީތަކުގެ ނުތަނަވަސްކަން އޮތީ ވަރަށް ބޮޑުވެފަ އެވެ.