އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ހާސިލް ނުކުރެވޭނެ ކަމަށް ހެރިޓޭޖް މިނިސްޓަރު އަދި އެމްއާރްއެމްގެ ފައުންޑަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ އިންސާފު ގެއްލޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެމަނިކުފާނު ވަނީ ކެންޕެއިން ދަތުރުފުޅުތަކުގައި ރައްޔިތުންނާ ބައްދަލްކުރައްވާ އެމްޑީޕީ ނޫން ޕާޓީތަކަށް ކައުންސިލްތަކުން ފުރުސަތު ނުދިނުމަށް ގޮވާލައްވާފަ އެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ ރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށެވެ. އަދި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަމެއް ހާސިލެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގޮތް ނިންމާއިރު ރައްޔިތުން އެކަންކަމާމެދު ފުންކޮށް ވިސްނެވުމަށް އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް. އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަމެއް ހާސިލެއް ނުކުރެވޭނެ. ރައްޔިތުން މިކަމާ ފުންކޮށް ވިސްނަވާ.ޔުމްނާ މައުމޫން | އެމްއާރުއެމްގެ ފައުންޑަރު އަދި ހެރިޓޭޖް މިނިސްޓަރު
ކެމްޕެއިނަށް ހދ. ހަނިމާދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް އަލުން ގެނައީ އެމްޑީޕީ ކަމަށާއި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދިނުމަކީ މުޅި އިންސާފު ގެއްލޭނެ ކަމެއް ކަަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ހޯދަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ވެގެންދާނީ އެ ސިޔާސަތުތައް ގަބޫލުކުރާ ބަޔަކު ކައުންސިލް މެންބަރުންގެ ގޮތުގައި އިންތިހާބު ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް، ބޮޑު އަގްލަބިއްޔަތެއް އެމްޑީޕީއަށް ހޯދުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒު ވެގެންދާނީ އެކަން ގަބޫލުކުރާ ބަޔަކު ކައުންސިލްތަކަށް އިންތިހާބު ކޮށްގެން. އެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ކާމިޔާބުވާނެ." ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.