ދެހާސް އަށްވަނަ އަހުރުގެ ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެއީ މައްސަލައަކަށް ވެގެން ރައްޔިތުން ކަންބޮޑުވެގެން އެވާހަކަ ނުދައްކަ އެވެ. މުޒާހަރާ ވެސް ނުކުރެ އެވެ. ނަމަވެސް ގިނަ ސިޔާސީ ޕާޓީތަކަށް އެކުލެވޭ އާ ސިޔާސީ ނިޒާމާއެކު ރާއްޖޭގެ މިނިވަން ކަމަށާއި ސިޔާދަތަށް އަދި ޚާރިޖީ ސިޔާސަތަށް މިއަދު މިއަންނަނީ ބޮޑެތި ލޮޅުންތައް އަރަމުންނެވެ.
ދިވެހި ޚާރިޖިއްޔާގައި މިވަގުތު ހުރީ ޚާރިޖީ ދާއިރާގައި މަސައްކަތްޕުޅު އެތައް އަހަރެއްވަންދެން ކުރައްވާފައި ހުންނެވި ތަޖުރިބާ ބޮޑު ކުޅާދާނަ ބޭފުޅެކެވެ. އެހެންނަމަވެސް ރައްޔިތުން މިއަދު މިދަނީ ގައުމުގެ ޚާރިޖީ ސިޔާސަތު ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށްބުނެ އިހުތިޖާޖު ކުރަމުންނެވެ. ރާއްޖޭގެ ރައްޔިތުންނަށް މިއަދުގެ ޚާރިޖީ ސިޔާސަތު ނުރައްކަލަކަށް ވެގެން މިއުޅެނީ ކޮންކޮން ސަބަބުތަކާހުރެތޯ އެނގެން މުހިންމެވެ.
ޚާރިޖީ ސިޔާސަތުގެ އެއްމެ މައިގަނޑު އެއް ބޭނުމަކީ އެ ގައުމެއްގެ މިނިވަންކަމުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް ކަށަވަރު ކުރުމެވެ. މިކަމަށްޓަކައި ބަވަނަވެފައިވާ ދުނިޔެއެއްގައި ދުނިޔޭގެ ހުރިހާ ގައުމަކާއެކު ވެސް އިހުތިރާމްކުރާ އަދި ރަހުމަތްތެރި ގުޅުމެއް ދަމަހައްޓަން ހަމަކޮންމެހެންވެސް ޖެހެއެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގުވާމީ ބާރުތަކާއި އަދި ސަރަހައްދީ ބާރުތަކާއެކު އޮންނަ ގުޅުން އެއީ ހަމަހަމަ ވަކިފަރާތަކަށް ނުޖެހޭ އިންސާފުވެރި ގުޅުންތައްކަމަށް ހަދަން ޖެހެއެވެ. ސަބަބަކީ ރާއްޖޭގެ މިނިވަންކަމާއި ސުލްހަމަސަލަސްކަން ގުޅިލާމެހިފައި ވަނީ ބައިނަލްއަގުވާމީ ސުލްހަ އާއި ސަރަހައްދީ ސުލްހަ ދެމެހެއްޓިގެން ކަމަށްވާތީ އެވެ.
ރާއްޖޭގެ މިނިވަންކަމާއި ސުލްހައިގެ ރައްކަލަށް ބައިނަލްއަގުވާމީ އަދި ސަރަހައްދީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން މުހިއްމުވާ ފަދައިން، ރާއްޖޭގެ އެތެރޭގެ ހަމަޖެހުން މިހުރިހާ ކަމަކަށްވުރެ ބޮޑަށް، ރާއްޖޭގެ މިނިވަންކަމާއި ސުލްހައަށް މިހާރު ވަނީ މުހިންމުވެފަ އެވެ.
ރާއްޖޭގެ ސިޔާސީ މާހައުލު 2003 އިން ފެށިގެން އާދަޔާ ޚިލާފަށް މިދަނީ ކޯޅުން ބޮޑުވެ ހަމަނުޖެހުންތަކަށް މަގުފަހި ކުރުވަމުންނެވެ. ޑިމޮކްރަސީގެ ފިކުރާއި ޚިޔާލުތައް ރާއްޖޭގެ ސިޔާސީ ނިޒާމަށް ތައާރަފްކޮށް ރައްޔިތުންގެ ހައްގުތައް އިމެއް މިނެއް ނެތް މިންވަރަށް ފޯރުކޮށްދީގެން ވެސް ރާއްޖޭގެ މިނިވަންކަމާއި ސުލްހަ އާއި ހަމަޖެހުމަށް އަދި ހަމަޖެހުމުގެ ނޭވާ އެއް މިދަނީ ނުލެވި އެވެ.
ޑިމޮކްރަސީ ގެނެވިއްޖެއެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވާ ވެރިކަންތައް މިއަދު މިކުރެވެނީ ރައްޔިތުން ނިންމާ ގޮތަކަށެވެ. ބޭނުން ބަޔަކު ސަރުކާރު ހިންގުމަށް ކުރިމަތިލާ ވޯޓުލައިގެން ސަރުކާރެއް ހޮވައިގެން ކުރިއަށް ދާތާ 12 އަހަރު ފާއިތުވެއްޖެ އެވެ. އެހެންކަމުން ވެރިކަން ހޯދަން މަކަރާއި ހީލަތް ހެދުމާއި ބޭރުގެ ބާރުގަދަ ގައުމުތަކުގެ އުނގަށް ވެއްޓި އެ ގައުމުތައް ވެސް ވާވެއްދޭނެ ކަމަށް ހީކޮށް ކުޅޭ ކުޅިވަރު މިހާރު ސިޔާސީ މައިދާނުގައި ހުއްޓަން ވެއްޖެ އެވެ.
ރައްޔިތުންނަށް އޯގާތެރި ބަޔަކަށްވެ ގައުމުގެ މިނިވަންކަމާއި ހަމަޖެހުމާއި ސުލްހަމަސަލަސް ކަމަށްޓަކައެވެ. ތިމާމެން ނޫން އަނެއް ބަޔަކީވެސް މިގައުމުގެ ރައްޔިތުންކަން ދަނެ ރައްޔިތު އެއްމެނަށް ހެޔޮ އެދުމަށްޓަކަ އެވެ. ގައުމުގައި ތިބެން ވާނީ ހުސްއެކަނި ތިމާމެން ކަމަށް ދެކޭ މީހުންނަށް ކުރިމަގުގައި ސިޔާސީ މައިދާނުގައި ރައްޔިތުންގެ އިހުތިރާމް ހޯދައި ކާމިޔާބު ނުލިބޭނެތީ އެކަން ދަނެގަތުމަށްޓަކައި ވެސް މެއެވެ.
ރާއްޖެ އޮތް ސަރަހައްދަކީ ބައިނަލްއަގުވާމީ މެރިޓައިމްގައި ވަރަށް މުހިއްމު ސަރަހައްދެއް ކަމަށްވާތީ މި ސަރަހައްދުގެ ބާރުވެރިކަން އެއްވެސް ގައުމަކުން ބޭއިންސާފުން ދަމައިގަތުމަކީ އަނެއް ގައުމަކުން ހިމޭނުން ބަލަން އޮންނާނެ ކަމެއްކަމަށް އެއްވެސް ގައުމަކުން ދުށުމަކީ ކުށް ހީ އެކެވެ. ނުވަތަ ގޯހެކެވެ. އެހެންކަމުން ޖިއޯ ޕޮލިޓިކްސްގެ ނުރައްކާތެރި ކުޅިވަރުތަކަށް ނުވަދެ މި މެރިޓައިމް ސަރަހައްދުގެ އަމާންކަން ދިވެހިރާއްޖެއިން ހުރިހާ ގައުމަކަށް ބަލަހައްޓައި ދިނުމަކީ ދިވެހިރައްޖޭގެ ކޮނޑުގައި އެޅިފައި އޮތް ސީރިއަސް މަސްއޫލިއްޔަތެކެވެ.
ޖިއޯ ޕޮލިޓިކްސްގަ އުޅޭ ނުރައްކާ ބާރުތަކުން ކުޅޭ ކުޅިވަރުތަކަށް ރާއްޖެއިން ސީރިއަސްކަމާއެކު ސަމާލުވާންޖެހެ އެވެ. ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތްކުރަން ޖެހެނީ މި ސަބަބާހެދި އެވެ. ނެތް ބާރު ހޯދަން ސިއްރުން އުޅުމަކީ ގޯހެކެވެ. އެއިގެ ނަތީޖާ ތިމާއަށާއި ތިމާގެ ގައުމަށާއި ސަރަހައްދަށާއި އެއްމެނަށް ލިބޭނެކަން ދަންނަން ޖެހެ އެވެ. ގައުމުގެ ބާރު ގެއްލޭ ހިސާބުން މޮޅުތަކެއް ވާނެ ކަމަށް ހީކުރާ ސިޔާސީ ކޮށި ވިސްނުމުގެ މީހުންނަށް އިނގެން ޖެހޭ ކަމަކީ ބާރު ގެއްލޭ ހިސާބުން ނުވަތަ ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބުން ބާރު ހޯދަ ދިން ގައުމުން ތިމާމެނާ ދޭތެރޭ ހަދާނީ ހަދާނެ އެއްޗެއް ކަމެވެ. ރާއްޖޭގެ ތާރީޚުން ވެސް އަދި ދުނެޔޭގެ ތާރީޚުން ވެސް ދާދިފަހުން ވެސް މި ހަގީގަތް މިވަނީ ދައްކާ އަދި ދަނީ ދައްކަމުންވެސް މެއެވެ. އެހެންކަމުން އެވަރުގެ ކޮސް ހެދުމުގެ ރާސްތާ ޚިޔާރު ކުރުން ވަގުތުން އެކަންކުރާ ފަރާތްތަކުން ހުއްޓަން އެބަޖެހެ އެވެ.
މަލްޓިޕާޓީ ޑިމޮކްރަސީ ގެނައުމަށް ކުރި ދަތުރުގައި ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބޭރުގެ ނުފޫޒުތައް އާދަޔާ ޚިލާފަށް ބައިވެރިކުރިތަން ފާއިތުވި ދުރު ނޫން މާޒީގައި ވަނީ ފެނިފަ އެވެ. މުޒާހަރާ ކުރި ފަރާތްތަކުގެ ދިފާއުގައި އިންސާފަކަށް ބެލުމެއްނެތި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ސަރުކާރަށް ކުރިމަތިކުރަމުންދިޔަ ޕްރެޝަރުތައް އޮބި ނޯވެ ގޮސް، މުޒާހަރާ ކުރި ފަރާތްތަކުގެ ދިފާއުގައި ކުލީ ސެކިއުރިޓީން ބޭރު ގައުމުތަކުން ގެނެސް މުޒާހަރާތަކުގައި އުޅުނު މަންޒަރު ވެސް ދިވެހިންނަށް ވަނީ ފެނިފަ އެވެ. އެމީހުން މިއަދު ވެސް ހަމައެތިބީ އެ މަސްތުގައި އާވާރާވެފަ ކަހަލަ އެވެ.
މިހާރަކަށް އައިސް ބައެއް ޑިޕލްމެޓިކް ބޭފުޅުން ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ގާނޫނުތަކާއި އުސޫލްތަކާ ޚިލާފަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ދަރަޖައަށް ވެސް ކަންކަން މިދަނީ މަގުކޮށަމުންނެވެ. މިގައުމުގެ މިނިވަންކަމާއި ކަރާމަތަށް އިހުތިރާމް ފުރަތަމަ ޕާޓީތަކުން ކުރަން އެބަޖެހެއެވެ. ހަމައާއި އުސޫލުތަކާއި ގާނޫނުތައް ގަބޫލްކޮށް އިމުގެ ތެރޭގައި ސިޔާސީ ކަންކަން ކުރަން ވެސް ފަރިތަވާން ޖެހެއެވެ. ގައުމުގެ މިނިވަންކަން ގެއްލުން އެހެން ނޫނީ އޮންނާނީ ދާދި ގާތުގައެވެ.
ރާއްޖެއަށް ޑިމޮކްރަސީގެ ވަރުގަދަ ނިޒާމު އައިއިރު އައިސްފައި ވަނީ ބައިނަލްއަގުވާމީ އެހީތެރިޔާ ވެސް ގޮވައިގެންނެވެ. ބައިނަލްއަގުވާމީ ބައެއް ބާރުތަކާއެކު އާދަޔާ ޚިލާފް ރަހުމަތްތެރި ކަމާއެކުގަ އެވެ. ބައިނަލްއަގުވާމީ ރަހުމަތްތެރިކަމަކީ ވަކި އިމެއްގައި ބާއްވަންޖެހޭ ކަމެކެވެ. އެ އިމަކީ އިންސާފާއި ހަމަހަމަ ކަމުގެ އިމެވެ. އެ އިން ފަހަނަޅައި ވަކި ބާރުތަކެއްގެ އުނގަށް ވެއްޓި ގައުމުގެ މިނިވަންކަމަށް ނުރައްކާ ކުރިމަތިވަނީ ގައުމުގެ ކޮންމެވެސް އެއްބަޔަކު އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދީ މަގުފަހި ކުރުމުންނެވެ.
މިއީ ވަރަށް ހަނި ކޮށި ވިސްނުމެކެވެ. އެހެނީ ބައިނަލްއަގުވާމީ ސުލްހަ ބިނާވެގެންވަނީ ހުރިހާ ބާރަކާވެސް ހަމަހަމަ ރަހުމަތްތެރިކަމެއް ބާއްވާއިގެން އިންސާފުން މަޝްވަރާ ކޮށްގެން ކަމަށްވާތީއެވެ. ވަކި ބާރުތަކެއްގެ އުނގަށް ވެއްޓި ބާރުތަކުގެ ތިލަފަތުގެ ހަމަހަމަކަން ގުޑުވާލުމުން އަނެއް ބާރުތަކަށް އެއިގެ ނުރައްކާތެރިކަން އިހުސާސް ކުރެވެއެވެ.
މިފަދަ އަމަލެއްގެ ބިރުވެރި އިހުސާސެއް އުފުދުނު ފަހުގެ ތާރީހެއްގެ މިސާލަކީ ކިއުބަން މިސައިލް ކްރައިސިސް އެވެ. އެއީ 1960 ގެ އަހަރުތަކުގައި ބާރުގަދަ ރަޝިއާއެކު ކިއުބާގެ ގުޅުން އާދަޔާ ޚިލާފަށް ވަރުގަދަ ކުރި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކިއުބާގައި ރަޝިޔާގެ އަސްކަރީ މަރުކަޒުތައް ގާއިމްކޮށް ނިއުކްލިއާ މިސައިލް ހަމަލާ ދެވޭނެ ގާބިލްކަން ގާއިމް ކުރިއެވެ. ޖެހިގެން އޮތް އެމެރިކާއަށް މިކަމުގެ ނުރައްކާ އިހުސާސްވެ ރަޝިއާއާއި ކިއުބާގައި އެމަރުކަޒުތައް ނައްތާލުމަށް އެމެރިކާއިން އެދެމުން ދިޔަ އެވެ. މިކަމުގެ ތެރޭގައި މިތިން ގައުމުގެ މެދުގައި ވަރުގަދަ އަރާރުންތައް އުފެދި ރަޝިއާގެ ނިއުކްލިއަ މިސައިލް ހަމަލާ އަކުން އެމެރިކާ ސަލާމަތްވީ ފަޅި ސިކުންތެއްގެ ހަނި ވަގުތުކޮޅަކުންނެވެ. އެ ހަނި ނުރައްކާ ވަގުތުކޮޅު ނުލިބުނުނަމަ މިއަދު އެތައް މިލިއަން މީހުން މަރުވެ އެ ބައްރު އަނދާ އަޅިޔަށްވީހެވެ. އެފަޅި ސިކުންތުގައި ރަޝިއާއިން ކިއުބާގައި ގާއިމްކޮށްފައި ހުރި އަސްކަރީ މިސައިލް މަރުކަޒުތައް އެހެންތަނަކަށް ބަދަލު ކުރަން އެއްބަސްވުމާއެކު އެއްމެން އެފަހަރު އެބިރުވެރި ނުރައްކަލުން ސަލާމަތްވިއެވެ.
ރައްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް މީހުން ވެސް މި ކޮށި ވިސްނުން އެބަ ގެންގުޅެއެވެ. މީގެ އެންމެ ފުރިހަމަ ހެއްކަކީ އިންޑިއާގެ ހައިކޮމިޝަން ތެރެއަށް ދިވެއްސަކު ދާދިފަހުން ވަދެ އެތައް ދުވަހެއް ހޭދަ ކުރި ކުރުމެވެ. މިކަމުގައި އިންޑިއާއާއި އަދި ދިވެހި މީހާވެސް ހެދީ ގޯހެވެ. ދިވެހި މީހާ ހައިކޮމިޝަންތެރެއަށް ވައްދާ އެތައް ދުވަހެއް ވަންދެން އެތާނގައި ބެހެއްޓުން އެއީ އެގައުމުން މިހާތަނަށްހެދި ވަރަށްބޮޑު ގޯހެކެވެ. ހުރިހާ ހަމަތަކެއްގެ މަތީން ވެސް އެއީ ގޯހެކެވެ. ދިވެހި މީހާ ހެދި ގޯހަކީ ހައިކޮމިޝަންތެރެއަށް ރާއްޖޭގެ މިނިވަންކަމާމެދު ވިސްނުމެއްނެތި ވަނުމެވެ. މިފަދަ ކަންކަމަށް އަވައްޓެރި ބާރުގަދަ ގައުމުތަކުން ފުރުޞަތު ދިނުން އަބަދަށްޓަކައި ނިންމަން ޖެހެއެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަމަސަލަސްކަން ގާއިމް ކުރުމަށްޓަކައެވެ.
ހަމަ އެހެއްމެ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް މީހުން ވަކި ގައުމެއް ބޭނުންނަމަ ރާއްޖެއަށް އަރައިގަނެ ރާއްޖެ ހިފުމަކީ ދާދި ފަސޭހައިން ކުރެވިދާނެ ކަމެއްކަމަށާއި އަދި އަވައްޓެރި އިންޑިއާގެ ސިޔާސީ މައިދާނުގަ ހަރަކާތްތެރިވާ ފަރާތްތަކުން ވެސް ރާއްޖެ ހިފަން ލިބޭ ފުރުސަތުތައް ބޭނުން ކުރުމަށާއި ރާއްޖޭގެ ރައްޔިތުން ބާއްވާ އިންތިޚާބުތަކަށް ބީރައްޓެހި ރަހުމަތްތެރިން ނުހޮވޭނެހެން ހީވަންޏާ އަސްކަރީ ގޮތުން ސިފައިން ފޮނުވައި ރާއްޖޭގެ ހާލަތު ބޭނުން ގޮތަކަށް އަނބުރާލުމަށް ފާޅުގައި ގޮވުމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިހުރި އިންތިހާއަށް ކަންބޮޑުވާ މާޔޫސްކަން ގެނުވަމުންދާ ކަންކަމެވެ. އަދި ރާއްޖޭގެ މިފަދަ ފަރާތްތަކުން ތިމަންނާމެންގެ އިންތިޚާބު ކާމިޔާބު ކުރެވުނީ އިންޑިއާގެ ޑިޕްލޮމެޓުންގެ މަސައްކަތާހެދި ކަމަށް ފާޅުގައި ބުނެފައި ވެސް އެބަހުއްޓެވެ. މިއީވެސް ދެ ގައުމުގައިތިބި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބީރައްޓެހި ފަރާތްތަކުން ކުރިމަތިކުރުވާ ނުތަނަވަސް ކަމެވެ. ދެ ގައުމުން ވެސް މިކަން ކުރިމަތިލުމަކަށް ނުގޮސް ވަގުތުން ހުއްޓަން އެބަޖެހެއެވެ.
ރާއްޖެއަކީ މުސްތަގިއްލު މިނިވަން ގައުމެކެވެ. އެކަން ކަށަވަރުކޮށް ދެނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތަކާއި އުސޫލްތަކުންނެވެ. އެހެންކަމުން އަދި ދާދި ފަސޭހައިން ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލުމަށް ފަހު ގައުމުތައް އަޅުވެތި ކުރުމަކީ ހަމަ އެއްގޮތަކަށްވެސް އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. އެކަން ދިވެހިން މިހާރު ދަނެ އެވެ. ރާއްޖެ ދާދި ފަސޭހައިން ހިފިދާނެ މޭރުމުން ސިޔާސީ މައިދާނުގައި އުޅޭ ބައެއްފަރާތްތަކުން ވާހަކަ ދެއްކުމުން އެބައެއްގެ ކޮށި ވިސްނުން ތިލަވުން ނުން ކަމެއް ނުވެއެވެ.
ދުނިޔޭގެ އެއްމެ ބާރުގަދަ އެއްގައުމު ކަމަށްވާ އެމެރިކާއަށް އެގައުމުގެ ބާރަށް އެކަނި ބެލުމަށްފަހު ގިނަ ގައުމުތަކެއް ހިފުމަކީ ދާދި ފަސޭހަ ކަމަކޭ މީހަކު ބުނެފާނެ އެވެ. އެހެން ބުނާނީ ވެސް ދުނިޔޭގޭ އާޖުފާޖު ނޭނގޭ ކޮށި މީހެކެވެ. އާޖުފާޖު ނޭނގުނަސް އަދި އެކަމަކު އެކަން ވާނެވެސް ހެއްޔެވެ. ޔަގީނުން ވެސް އެކަމެއް ނުވާނެ އެވެ. އެމެރިކާއިން އެކަން ކުރަން ކިރިޔާ ވެސް ހިތައްއެރުވިޔަސް ދެންތިބި ގައުމުތަކުން މަޑަކުން ނުތިބޭނެ އެވެ. ނަތީޖާއަކަށް ވާނީ ދުނިޔޭގައި ބޮޑު ބިރުވެރި އަނިޔާވެރި ހަނގުރާމައެއް ފެށުމެވެ. އެހެންކަމުން އެންމެ ފުރތަމަވެސް ކޮންމެ ގައުމަކުން ވިޔަސް ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާނެ އެވެ.
ރާއްޖޭގެ ދާޚިލީ ކަންކަން ނިންމާނީ ދިވެހިންނެވެ. ވެރިކަމަށް އަންނަން މަސައްކަތް ކުރަންޖެހޭނީ ހަމައެކަނި ރައްޔިތުންގެ ތާއީދު ހޯދައިގެންނެވެ. ބޭރުގައުމުތަކުގެ އުނގުތެރެއަށް ވެއްޓިގަނެގެންނެއް ނޫނެވެ. ދިވެހިންގެ ދާޚިލީ ކަންކަން ދިވެހިން އަތުން ބީވެއްޖެނަމަ ދިވެހިން އެތައް ޒަމާނެއްވަންދެން މިޖަޒީރާ ތަކުގައި އުޅެމުން މިއަންނަ އައުމަށް އޮތީ ސާފު ނުރައްކަލެވެ. ބައެއްގެ އަޅުވެތިކަމަށް ގޮސް އެބަޔަކު ބުނާހާގޮތަކަށް ދިވެހިން އުޅެންޖެހުމުން ކުރާނެ ހިތިތަޖުރިބާ އާއި އަނިޔާއާއި ވޭނާއި ކެކުޅުން އިހުސާސްވާން އެބަޖެހެއެވެ. ދަރިންނަށްޓަކައެވެ. އެ ދަރީންގެ ދަރީންނާއި ދެންވެސް އަންނަން ތިބި ދިވެހިންގެ ކެކުޅުމަށްޓަކައެވެ. ރައްޔިތުންގެ ޒިންމާވެސް އިންތިހާއަށް ބޮޑެވެ.
ކޮޅުގަދަކުރަން ކޮންމެ ގޮތެއް ވަރިހަމަވެ ސިޔާސީ ކޮށި ވިސްނުންތަކަށް ރައްޔިތުން ފާރަވެރިވެ ސީރިއަސްކޮށް ވިސްނައި އެފަދަ ކޮށި ވިސްނުންތަކަށް ނޭނގިތިބެގެން ނަމަވެސް އެނގިތިބެނަމަވެސް ފޯރިދީ ހިތްވަރު ދިނުން ހުއްޓަން ޖެހެއެވެ. ރާއްޖޭގެ އިންތިޚާބުތައް ކާމިޔާބު ކުރާނީ ވަކި ގައުމުތަކުން ތިމަންނާމެނަށް ތާއީދު އޮތްކަމަށް ނުވަތަ ތާއީދު ކުރާނެ ކަމަށް ދައްކައިގެނެއް ނޫނެވެ. އަދި ބައެއް ގައުމުތަކުން ވެސް އެފަދަ ދިވެހީންގެ އަމަލުތަކަށް ފޯރިދީ ހިތްވަރު ދިނުން ހުއްޓަން އެބަޖެހެއެވެ. ބާރުގަދަ ގައުމުތަކުގެ ޒިންމާވެސް މިކަމުގައި ބޮޑެވެ.
ފުރަތަމަ އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަކި ގައުމުތަކަކުން ތިމަންނާމެން ކޮންމެ ގޮތަކަށް އަމަލު ކުރިއަސް އެބާރުތައް ތާއީދު ކުރާނެ ކަމަށް ދެކޭ ކޮށި ވިސްނުން ދޫކޮށްލުމެވެ. ރައްޔިތުންނަށް އޯގާތެރިކަމަށް ބުނާ ބުނުން އެހެން ނޫނީ ރައްޔިތުން ގަބޫލް ކުރުމަކީ ދުރު ކަމެކެވެ. އެހެނީ މިގައުމު ހަނގުރާމައެއްގެ ތުންފަތްމައްޗަށް ފޮނުވާލައި ނުރައްކަލަށް ވައްޓާލުމަކީ ހެޔޮ ވިސްނޭ ބަޔަކު ކުރާނެ ކަމަކަށް ނުވާތީއެވެ. އަދި ބާރުގަދަ ގައުމުތަކުގައި ތިބި އެފަރާތްތަކުގެ ކޮށި ރަހުމަތްތެރިން ވެސް ރާއްޖޭގައި ތިބި އެކޮށި ވިސްނުމުގެ ރަހުމަތްތެރިން މުނިފޫހިފިލުވައި ހިއްވަރު ދޭދިނުން ދޫކޮށްލަންވެސް އެބަޖެހެއެވެ. މިކަން ނުހުއްޓައި ދެފަރާތުންވެސް މިކަންކަން ތަކުރާރު ކުރާނަމަ މިގައުމުގެ މިނިވަންކަމަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަޔަށް ނުރައްކާ ކޮށް ގޮވުމަކާ ހަމައަށް ދިއުން ވަރަށް ކައިރިއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ޚާރިޖީ ސިޔާސަތަކީ ވަކި ބާރުތަކެއްގެ ކޮޅަށް ބުރަވެފައިވާ ސިޔާސަތުތަކެއްކަން ދައްކާ ދެއްކުން ހުއްޓައި ވަކިފަރާތަކަށް ނުޖެހޭ ހަމަހަމަ ހުރިހާ ގައުމަކާގުޅޭ ސިޔާސަތުތައް ފާޅުގައި ރައްޔިތުންނަށް ޔަގީންކޮށްދޭން މިވަގުތު ކޮންމެހެން އެބަޖެހެއެވެ. އެހެންނޫންކަމަށްވާނަމަ ރާއްޖޭގެ ރައްޔިތުން އެފަދަ ސިޔާސީ ޕާޓީތަކަށް ތާއީދު ކުރުން ދުރެވެ.
ވަކި ގައުމަކާ އެކު އިގްތިސާދީ ގުޅުން މާބޮޑަށް ގާއިމް ކުރުމަކީ ރާއްޖޭގެ މިނިވަންކަމަށާއި ސަރަހައްދަށް ނުރައްކާ ހުރި ކަމެކެވެ. އެހެން ކަމުން ހުރިހާ ގައުމަކާއެކު ވެސް އެއްވަރަކަށް ހަމަހަމަ ކަމާއެކު ރާއްޖޭގެ އިގްތިސާދީ ގުޅުން ދަމަހައްޓަން އެބަޖެހެއެވެ.
ޗައިނާއާއި އިންޑިއާ އަކީ މިސަރަހައްދުގެ ބޮޑު ދެބާރެވެ. ވަކި ބަޔަކަށް ބުރަވާ ގޮތަށް ރައްޖެއިން އެއްވެސް އަމަލެއް ހިންގާނަމަ އެވެގެން ދާނީ ރާއްޖެއަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަޔަށް ކުރިމަތިކުރާ ނުރައްކަލަށެވެ. އެކަން ބަލަން މި ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން ވެސް އަދި މިސަރަހައްދުގެ ރައްކާތެރިކަން އޮންނަން ބޭނުންވާ އެހެނިހެން ގައުމުތަކުން ވެސް ބަލަން ނުތިބޭނެކަން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެއްމެހާ ފަރާތްތަކުން ދަންނަން އެބަ ޖެހެއެވެ. ވަކި ގައުމަކުން ރާއްޖެއާ މާބޮޑަށް ގުޅުން ބަދަހިކުރާ މަންޒަރު އެހެނިހެން ބާރުގަދަ ގައުމުތަކަށް ނުފެންނާނެ ކަމަށް ރާއްޖެއިން ދުށުމަކީ ނުވަތަ ހީކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހަދާނެ އެންމެ ބޮޑު ގޯހެވެ.
އެހެންކަމުން އެއްވެސް ގައުމަކުން ރާއްޖެއާ ވަކި ޚާއްޞަ އިގްތިސޯދީ ގުޅުމެއް އުފައްދަން ބާރު އެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ރާއްޖެއިން އެކަން ބަލައިގަނެގެންވެސް ނުވާނެއެވެ. ބައިނަލްއަގުވާމީ ބާރުތަކުން އެތިބީ ސަމާލުކަން ދީގެންނެވެ. ރާއްޖޭގެ މިނިވަންކަމާއި ސަރައްދު ރައްކާތެރިކޮށްދޭން ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަން ޖެހެއެވެ. ހަމަހަމަކަމާއެކު އިގްތިސޯދީ ގުޅުން ގާއިމްކުރަން ރާއްޖެއަށް އަބަދުވެސް ލާޒިމެވެ.
ރައްޖޭގެ މިނިވަންކަމުގެ ރައްކާތެރިކަމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ގައުމުގެ ސުލްހަޔާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައިގެ މަސަލަސްކަން ރާއްޖޭގެ ޚާރިޖީ ސިޔާސަތުން ޔަގީންކޮށްދެމުން ދިއުމާއެކު ގައުމުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ހަމަޖެހުމާއި އެއްމެހާ ރައްޔިތުންގެ ރައްކާތެރިކަން އިންތިހާއަށް ކަށަވަރުކޮށްދިނުމަށް ހަމަކޮންމެހެން މިވަގުތު ލާޒިމެވެ. ރާއްޖެއާ އެކުވެރި އެއްމެހާ ގައުމުތަކުންވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކޮށް އަމަލުން އެކަން ދައްކަން އެބެޖެހެއެވެ.