ދުނިޔެ

އަފްޣާން ސުލްހައިގެ މަންދޫބު ޕާކިސްތާނަށް

އަފްޣާނިސްތާންގެ ސުލްހައިގެ އިސް މަންދޫބު އަބުދުﷲ އަބުﷲ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި އެވެ. އެ މަނިކުފާނަކީ އަފްޣާނިސްތާންގެ ކުރީގެ ބޮޑުވަޒީރުގެ އިތުރަށް ޕީސް ކައުންސިލްގެ ވެރިޔާ އެވެ.

މި ދަތުރުފުޅުގެ ބޭނުމަކީ އަފްޣާނިސްތާން ގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމާބޭހޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ. އަފްޣާނިސްތާނުން ދެކޭގޮތުގައި އެގައުމުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ޕާކިސްތާނަކީ ވަރަށް މުހިންމު ބައިވެރި އެކެވެ.

އިއްޔެ އިސްލާމް އާބާދަށް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އަބުދުﷲ އަބުދުﷲ ޕާކިސްތާނުގެ ފޮރިން މިނިސްޓާ ޝާހު މުހަންމަދު ގުރޭޝީ އާއި ބައްދަލު ކުރައްވާފައިވާއިރު ބޮޑުވަޒީރު އިމްރާން ހާން އާއި ވެސް ބައްދަލު ކުރައްވާނެ އެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން އެތައް އަހަރެއް ކުރީއްސުރެ އޮންނަނީ ވަރަށް ބޮޑަށް ހީނަރު ވެފަ އެވެ. އަފްޣާނިސްތާނާއި އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ ބައިނަލްއަގްވާމީ ގައުމުތަކުން ދެކޭ ގޮތުގައި ޕާކިސްތާން ދަނީ ތާލިބާން ހަނގުރާމަވެރިންނަށް ވާގިވެރިވެ އެހީތެރި ވަމުންނެވެ. އެއީ އިންޑިއާގެ ނުފޫޒު އަފްޣާނިސްތާން ގައި ގަދަވިޔަ ނުދިނުމަށެވެ. އެކަމަކު ޕާކިސްތާން ދަނީ އަބަދުވެސް މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ހަމަ އެގޮތަށް ޕާކިސްތާނުން ވެސް އަފްޣާނިސްތާން ތެރޭން ޕާކިސްތާންގެ ސަރުކާރާއި ދެކޮޅު ހަނގުރާމަ ވެރިން، އެ ގައުމަށް ހަމަލަ ދޭން އެހީވާ ކަމަށް ތުހުމަތުތައް ކުރެ އެވެ. އެ ތުހުމަތުތަކަށް އަފްޣާނިސްތާން ވެސް ދެކޮޅު ހަދަ އެވެ.

ޕާކިސްްތާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "ޕާކިސްތާނުން އަފްޣާނިސްތާން ރައްޔިތުންގެ ސުލްހަ އާއި ހަަމަޖެހުމާއި ފާގަތި ކަމަށް އެދޭ" ކަމަށެވެ. އަދި އަބަުދުﷲގެ ދަތުރުފުޅަކީ އަފްޣާންގެ ސުލްހައިގެ މަސައްކަތާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށް ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.