ހުޅުމާލެ

ދެވަނަ ފޭސްގެ ބްރިޖެއް ހުޅުވާލަައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެއް ބްރިޖާއި ވަކި ސަރަހައްދެއް އާއްމުންނަށް ވަދެވޭ ގޮތަށް މިއަދު ހުޅުވައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރޭ އިއުލާނެއް ކޮށް ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާއްމު ފަރާތްތަކުން ދިރިއުޅެން ފެށުމާ ގުޅިގެން އެ ފަރާތްތަކަށް އެ ސަރަހައްދަށް އަރައި ފޭބުމުގައި ދަަތިތައް ދިމާވާތީ އެކަން ހައްލު ކުރުމަށް ކަމަށެވެ. މިއަދުން ފެށިގެން ހުޅުވާލުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގާ ގުޅިފައިވާ ބްރިޖެވެ.

އެޗްޑީސީން ބުނީ، ބްރިޖު ހުޅުވި ނަމަވެސް، ދެވަނަ ފިޔަވަހިން ހުއްދަ ދީފައިވާ ސަރަހައްދު ނޫން އެހެން ސަރަޙައްދުތަކަށް އެ ކޯޕަރޭޝަނުގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި އަރައިފޭބުން މަނާ ވާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން، އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސެކަންޑް ފޭސްގައި ދޫކޮށްފައިވާ ބިންތަކުގައި އަމިއްލަ މީހުން އަޅާފައި ހުރި ބައެއް ގެތަށް ނިމި އެ ސަރަހައްދަށް މީހުން ބަދަލުވާން ފެށީ މި ހަފްތާ ތެރޭގަ އެވެ. މީހުން ދިރިއުޅެން ފަށާފައިވަނީ ނިރޮޅު މަގާ ގުޅިގެން ފޭސް ދޭކަށްވާ މަގުތަކަށް ހުރި ގޯތިތަކުގަ އެވެ. އެމީހުން އެ ސަރަހައްދަށް ވަދެ ނިކުމެ އުޅުނީ، ކޮންމެ ފަހަރަކު ލޮޓް ނަންބަރު ބުނެގެން ހުއްދަ އާއެކު އެވެ. ސެކަންޑް ފޭސް ސަރަހައްދަށް އާއްމުންނަށް ވަދެވެނީ އެޗްޑީސީގެ ވަކ ހުއްދައަކާއެކު އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި 240 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަށްސާއި ދެވަނަ ފިޔަވަހި ގުޅުވާލުމަށް ހަދާ ކަނެކްޓިން ބްރިޖުތަކުގެ ހަތަރު ބްރިޖެއް ތަރައްގީކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ. މި ބްރިޖުތަކުގައި ވެހިކަލްތަކަށާއި ފައިމަގުގައި އުޅޭ މީހުންނަށް ހާއްސަ ލޭންތަކެއް ހުރެ އެވެ.