ފިނިޕޭޖް

ޔާޝް ޗޯޕްޅާ ބައޮޕިކް އެއް ނުހަދާނެ: ވައިއާރްއެފް

މިހާރު މި ދުނިޔެ ދޫކޮށްފައިވާ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ބައޮޕިކް އެއް އުފައްދަން އޭނާގެ ފިލްމު ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގު ކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން އިއްޔެ ބުނެފައި ވަނީ ޔާޝްގެ ރޯލަށް ޝާހްރުކް ޚާން ލައިގެން މި ބައޮޕިކް އުފެއްދުމުގެ މަސައްކަތް ފަށަން އުޅޭ ކަމަށެވެ. ނަމަވެސް މި ޚަބަރު ދޮގު ކުރަމުން ވައިއާރްއެފް އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ ވައިއާރްއެފްގެ އިސް ވެރިޔާ އަދި ޔާޝް ޗޯޕްޅާގެ ދޮށީ ދަރިފުޅު އަދިތުޔާ ޗޯޕްޅާ އޭނާގެ ބައްޕަގެ ބައޮޕިކް އެއް އުފައްދަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

ޔާޝް ޗޯޕްޅާގެ ބައޮޕިކްގެ ވިސްނުމެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް މި ބަޔާނުގައި ވަނީ ބުނެފަ އެވެ.

މި ހަފުތާގެ ކުރީކޮޅު ވައިއާރްއެފް އިން ވަނީ އެ ކުންފުނި ވުޖޫދަށް އައިސް ފިލްމު އުފެއްދުމުގެ މަސައްކަތް ކުރާތާ 50 އަހަރު ފުރުނު ރަންޔޫބީލް ފާހަގަ ކޮށްފަ އެވެ.

ޔާޝް ޗޯޕްޅާ ވައިއާރްއެފް އުފައްދާފައިވަނީ 1970 ވަނަ އަހަރު އެވެ. މި މުނާސަބަތާ ގުޅުވައިގެން އަދިތުޔާ ޗޯޕްޅާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ފިލްމު އިންޑަސްޓްރީން ކީ ހޫނު މަރުހަބާ ކަމަށެވެ.

އެހާ ކާމިޔާބު ކަމާއެކު މިހާތަނަށް އެ ކުންފުންޏަށް އާދެވިފައިވަނީ ކުންފުންޏާ ގުޅިގެން މަސައްކަތްކުރި ޑައިރެކްޓަރުންނާއި އެކްޓަރުން، ކޯރިއޮގްރާފަރުންނާއި އެނޫންވެސް ކުރޫ މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށާއި އަދި ބެލުންތެރިން ދިން ތަރުހީބުން ކަމަށް އަދިތުޔާ ބުނެފައި ވެއެވެ.

ވައިއާރްއެފް އުފެއްދުމަށްފަހު ޔާޝް ޗޯޕްޅާ އެންމެ ފުރަތަމަ އުފެއްދި ފިލްމަކީ ރާޖޭޝް ކަންނާ އާއި ޝަރްމީލާ ޓޭގޯ އަދި ރާކީ މުހިއްމު ރޯލުތައް ކުޅެފައިވާ "ދާގް" އެވެ. މި ފިލްމު ރިލީޒްކޮށްފައި ވަނީ 1973 ގައެވެ. މިއީ ޕްރޮޑިއުސަރެއްގެ ގޮތުން ޔާޝް އުފެއްދި ފުރަތަމަ ފިލްމެވެ. އަދި ޑައިރެކްޓަރެއްގެ ގޮތުން އޭނާގެ އަމިއްލަ ފިލްމު ކުންފުންޏަށް އޭނާ ޑައިރެކްޓް ކޮށްދިން ފުރަތަމަ ފިލްމު ވެސް މެއެވެ.
ހަމަ އެ އަހަރު ވައިއާރްއެފް ކުޑައިގެ ދަށުން އިތުރު ފިލްމެއް ރިލީޒްކުރި އެވެ. އަމީތާބު ބައްޗަން އާއި ރާކީ އަދި ޝަޝީ ކަޕޫރުގެ "ކަބީ ކަބީ" އެވެ. އަމީތާބާއެކު "ކާލާ ޕައްތަރު" ވެސް ޔާޝް ފަހުން އުފެއްދި އެވެ.

ވައިއާރްއެފްގެ އެންމެ ކާމިޔާބު ފިލްމަކީ 1980 އިގެ އަހަރުތަކުގައި ރިލީޒްކުރި ޝްރީދޭވީ އާއި ރިޝީ ކަޕޫރު އަދި ވިނޯދް ކަންނާގެ "ޗާންދްނީ" އެވެ. މި ފިލްމަށް ފަހު ފާއިތުވީ 10 ވަރަކަށް އަހަރަކީ ވައިއާރްއެފްގެ އެންމެ ރަން ޒަމާނުގެ ގޮތުގައި ފާހަގަ ކޮށްލެވެ އެވެ. ސަބަބަކީ އެ ސާސްކަފްގައި ނުކުތް ގިނަ ފިލްމުތަކަށް ބްލޮކްބަސްޓާގެ ދަރަޖަ ލިބިފައި ވާތީ އެވެ.

ޚާއްސަކޮށް "ޑަރް"، "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" އަށް ވަރަށް ފުރިހަމަ ކާމިޔާބެއް ލިބުނެވެ. "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" އަކީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އަދިތުޔާ ޗޯޕްޅާ އުފެއްދި ފުރަތަމަ ފިލްމަށް ވުމީ ވެސް މި ފިލްމު ޚާއްސަވެގެން ދިޔަ އެއް ސަބަބެވެ. ޝާހްރުކް ޚާން އަށް ސުޕަސްޓާރެއްގެ ދަރަޖަ ލިބުނީ މި ފިލްމުންނެވެ.

އޭގެ ފަހުން ވައިއާރްއެފުން ވަނީ 2000 ގެ އަހަރު ތަކުގައި ވެސް ވަރަށް ރީތި ފިލްމުތަކެއް ޕްރޮޑިއުސް ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކަކީ ޚުދް ޔާޝް ޗޯޕްޅާ ޑައިރެކްޓްކުރި ފިލްމުތަކެވެ. އޭނާ އެންމެ ފަހުން އުފެއްދި ފިލްމުތަކުގެ ތެރޭގައި "ވީރް-ޒާރާ" ހިމެނެ އެވެ.
ވައިއާރްއެފް އިން މި ފަހުން އުފެއްދި ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބެއް ލިބިފައި ވަނީ "ޗަކް ދޭ!"، "ޓައިގާ ޒިންދާ ހޭ"، "ސުލްތާން" އަދި މިދިޔަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" އަށެވެ.