ބޮލީވުޑް

ކުލަޔަށް ފާޑުކިޔުމާ ދެކޮޅަށް ސުހާނާ އާއި ގޯރީ

ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާގެ ހަމުގެ ކުލަޔަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް އަބަދުވެސް މަލާމަތް ކުރެ އެވެ. މިފަދަ މަލާމާތްކުރާ މީހުންނަށް މީގެ ކުރިން އޭނާ ރައްދެއް ނުދެ އެވެ. ނަމަވެސް ދާދި ފަހުން އޭނާ އިންސްޓަގްރާމްގައި ލިޔެފައިވާ ޕޯސްޓެއްގައި މަލާމާތްކުރާ މީހުންނަށް ވަރުގަދަ ރައްދެއް ދީފައި ވެއެވެ.

ސުހާނާގެ "ކުލައިގެ ވާހަކަ ހުއްޓާލާ" ސުރުހީގެ ދަށުން ލިޔެފައިވާ ޕޯސްޓު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލް ވެފަ އެވެ. އަދި ސުހާނާގެ ޕޯސްޓަށް ތާއީދުކޮށް އޭނާގެ މަންމަ ވެސް ހުކުރު ދުވަހު ވަރަށް ވަރުގަދަ ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވެއެވެ. މި ޕޯސްޓުގައި އަންހެނުން ބާރުވެރި ކުރުވުމާ ބެހޭ ގޮތުން ގޯރީ ވާހަކަ ދައްކާފައި ވެއެވެ.

މިދިޔަ ބުދަ ދުވަހު ސުހާނާ ޝެއާ ކުރި ޕޯސްޓުގައި ބުނެފައިވަނީ އުމުރުން އެންމެ 12 އަހަރުން ފެށީގެން އޭނާއަށް ގިނަ ބަޔަކު ވަރަށް ބޮޑަށް ފާޑުކިޔާ މަލާމާތްކުރާ ކަމަށެވެ. އޭނާގެ ގައިގެ ކުލަ އަނދިރިކަމުންނެވެ.

ވަރަށް ހުތުރުބަހުން އޭނާއާ މުޚާތަބުކޮށް މީހުން ކޮށްފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއް ވެސް ސުހާނާ ވެސް އިންސްޓަގްރާމްގައި ލިޔުނު ލިޔުމާއެކު ޝެއާ ކޮށްފަ އެވެ. އެ މެސެޖުތަކުގައި ވަރަށް އޭނާގެ ގައިގެ ހަމަށް ނިސްބަތްކޮށް ވަރަށް ހުތުރު އެއްޗެތި ބައެއް މީހުން ކިޔާފައި ހުއްޓެވެ.

ސުހާނާ ބުނެފައިވާ ގޮތުގައި އޭނާއަށް މަލާމާތްކުރަނީ ބޮޑެތި މީހުންނަށް ވާއިރު އެންމެ ދެރައީ އެ އެންމެންނަކީ ވެސް އިންޑިޔާ ރައްޔިތުންނަށް ވާތީ އެވެ. އަދި އިންޑިޔާ މީހުންނަކީ އެވްރެޖްކޮށް ހަމުގެ ކުލަ އެހާ އަލި ބައެއް ނޫންކަން ވެސް ސުހާނާ ފާހަގަ ކުރި އެވެ.

"އަހަރެމެންގެ ތެރެއިން އެކި މީހުންގެ ހަމުގައި ހުންނަނީ އެކި ކަހަލަ ޝޭޑް. ހަމުގެ ކުލައަށް ބަދަލު އަންނަނީ މެލަނިން ހުންނަ މިންވަރުން ކަމަށް ވާއިރު އެއާ ދުރުވާން ކިތަންމެ ވަރަކަށް އިންސާނުން މަސައްކަތް ކުރިޔަސް އެކަމެއް ނުވޭ. އަމިއްލަ ގައުމުގެ މީހުން ދެކެ ނަފްރަތުކޮށް މަލާމާތްކުރުމަކީ އެ ބައެއްގެ ހަމަނުޖެހޭކަން ކަމަށް ގަބޫލުކުރަން،" ސުހާނާގެ ޕޯސްޓުގައި ވެއެވެ.

"ސޯޝަލް މީޑިއާ އަހަނަންނަށް މާފު ކުރޭ. ކައިވެނިކުރާނެ ބައިވެރިން ހޯދާދޭ މީހުންނާއި އަމިއްލަ އާއިލާގެ މީހުން ވެސް އަންހެންކުދިންނަށް ވިސްނައި ދެނީ އެމީހުންގެ އިސްކޮޅުގައި ފަސް ފޫޓު ހަތް އިންޗި ހުރެފައި ހަމުގެ ކުލަ ދޮން ނޫންނަމަ އެއީ ރީތި އަންހެނެއް ނޫނޭ. ނަމަވެސް ތި އެންމެންގެ ސަމާލުކަމަށްޓަކައި އަހަރެން ބުނެލަން ބޭނުންވަނީ އަހަރެންގެ އިސްކޮޅުގައި ހުންނަނީ އެންމެ 5 ފޫޓު 3 އިންޗިއޭ. އަދި އަހަރެންގެ ހަމުގައި ހުންނަނީ މުށިކުލައޭ. އަހަރެންގެ އިސްކޮޅާއި ކުލައާ މެދު އަހަރެން މިހިރީ ނިހާޔަތަށް އުފަލުން. ތި އެންމެން ވެސް އުފާކުރަން ޖެހޭނެ. ކުލައިގެ ތަފާތުކުރުމަށް ނިމުމެއް ގެނޭ،" ސުހާނާ ލިޔެފައި ވެއެވެ.

ސުހާނާގެ މި ޕޯސްޓަށް އެތައް ހާސް އަންހެނުންނަށް ތާއީދުކޮށް މެސެޖުތައް ލިޔެފައި ވެއެވެ. އަދި އެ މިހުންނަށް ކުރެވިފައިވާ މިފަދަ ހިތްދަތި ތަޖުރިބާތައް މި ހުރިހާ އަންހެނުން ވެސް ވަނީ ހިއްސާ ކޮށްފަ އެވެ.

"ހަމުގެ ކުލައަކީ އެމީހާ ރީތި ތޯ ނުވަތަ ހުތުރުތޯ މިނޭނެ މިންގަނޑެއް ނޫން. އިސް ނަގައިގެން އެހެން މީހުންނާ ހަތަރުކަޅި ހަމަކޮށްގެން އަބަދުވެސް އުޅޭ،" މި ޕޯސްޓަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.

ސުހާނާގެ މި ޕޯސްޓަށް އެންމެ ވަރުގަދަ މެސެޖެއް ލިޔެފައިވަނީ އޭނާގެ މަންމަ ގޯރީ އެވެ.

"އަހަންނަކީ އަންހެނެއް. ރައްކާތެރިކޮށްދޭ މީހެއް. ހުވަފެން ދެކޭ މީހެއް. ބޭނުންވާ ކަންތައްތައް ހާސިލުކުރާ މީހެއް. އާވާރާއެއް. ތި މީހުންނަށް ތި ފެންނަނީ އަހަރެންގެ އެއް ބައި. އަހަރެންގެ ދިރިއުޅުމުގައި ކުރާ ކަންތައްތަކާ ގުޅިފައިވާ ބައި. އަހަރެންގެ ރޫހެއް ތި މީހުންނަކަށް ނުފެނޭ. ތި މީހުންނަށް ނުފެންނަ ބައި އަހަރެން ފުރިހަމަ މީހަކަށް ހަދަނީ. އަދި އެ ބައިން އަހަރެން ހިތްވަރު ހޯދަނީ،" ގޯރީގެ މެސެޖުގައި ވެއެވެ.