އުރީދޫ

"ލިޓްލް ބަޑީ ޓެލެންޓްޒް" ރާއްޖޭގައި ފަށަނީ

ކުޑަކުދިންނަށް ހާއްސަކޮށް އެކި ގައުމުތަކުގައި ކުރިއަށް ގެންދާ "ލިޓްލް ބަޑީ ޓެލެންޓްޒް" މުބާރާތް ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.

މި މުބާރާތަކީ، ކުޑަކުދިންގެ ހުނަރު ދައްކާލުމަށް އެކި ގައުމުތަކުގައި އޮންލައިން ކޮށް ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތް ވަނީ ޔޫރަޕާއި އެފްރިކާގެ ގައުމުތަކުގައިވެސް ބާއްވާފަ އެވެ. ކޮންމެ ގައުމަކުން ވެސް ގަދަ 16 އަށް ހޮވޭ ބައިވެރިންނާއެކު ދުނިޔޭގެ ގަދަ ހަތަރެއް ވެސް ހޮވަ އެވެ.

ޑިޖިޓަލް ޕާޓްނާ އެއް ގޮތުގައި އުރީދޫ އާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 2.5 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ކުދިންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މުބާރާތުގެ ބައިވެރިންނަށް ހަތަރު ދާއިރާއަކުން ހުނަރު ދައްކާލެވޭނެ އެވެ. އެއީ ކުރެހުމާއި ލަވަކިޔުމާއި ނެށުން އަދި އިންސްޓްރުމެންޓަލް މިއުޒިކް އެވެ. ބައިވެރިން ބަހަނީ ހަތަރު ކެޓަގަރީއަކުންނެވެ. އެއީ؛

ކެޓަގަރީ އޭ: 2.5 އަހަރާއި ފަސް އަހަރާ ދެމެދު
ކެޓަގަރީ ބީ: ހަ އަހަރާއި 10 އަހަރާ ދެމެދު
ކެޓަގަރީ ސީ: 11 އަހަރާއި 13 އަހަރާ ދެމެދު
ކެޓަގަރީ ޑީ: 14 އަހަރާއި 18 އަހަރާ ދެމެދު

މުބާރާތުގައި ބައިވެރިވުމަށްޓަކައި ކޮންމެ ބައިވެރިއަކުވެސް، ޝައުގުވެރިވާ ކެޓަގަރީއަކުން އެ ބައިވެރިއެއްގެ ހުނަރު ފެންނަ ވީޑިއޯއެއް (ދެ މިނެޓުގެ) ނުވަތަ ފޮޓޯއެއް ވެބްސައިޓަށް އަޕްލޯޑު ކުރަން ޖެހޭނެ އެވެ.

މުބާރާތުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އާއި ނެށުންތެރިޔާ ރޮބޯމޭން އަދި ކުރެހުމުންތެރިޔާ ސުދީޝް އެވެ.