ސުޝާންތު ސިންގް

ސުޝާންތު މަރުވީ އަމިއްލައަށްކަން ޔަގީން: ޑޮކްޓަރު

ސުޝާންތު ސިންގް ރާޖްޕޫތު މަރުވީ އަމިއްލައަށް ނޫން ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ސުޝާންތުގެ އާއިލާއިންނާއި އެކުވެރިން އަދި ބައެއް ފޭނުން ދައްކަމުންދާ ވާހަކަތަކަށް އޭނާގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުންގެ ޓީމުންގެ އިސް ޑޮކްޓަރު ޖަވާބު ދެއްވައިފި އެވެ.

އެއިމްސްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ސުދީރް ގުޕްތާ އެންޑީޓީވީއަށް ވިދާޅުވި ގޮތުގައި ސުޝާންތު ވަނީ މަރާލާފައެއް ނޫނެވެ. އޭނާ މަރުވީ އަމިއްލައަށްކަން ވަނީ މުޅިން ޔަގީން ކުރެވިފަ އެވެ. މަރާލީ ކަމަށް ބެލޭނެ އެއްވެސް ޗާންސެއް މިހާރަކު ނެތެވެ.

ސުޝާންތުގެ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސް ކޮށްލައިގެން މަރާލީ ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އަދި އޭނާ މަރާލާފައިވަނީ ވިހައެއް ދީގެން ކަމަށް ވެސް ބައެއް މީޑީއާތަކުން ބުނެފައި ވެއެވެ.

ނަމަވެސް މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ޕޯސްޓްމޯޓަމް ހެދުމުން ޔަގީން ކުރެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ސުޝާންތުގެ މަރުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި ރިއާގެ ބޭބެ ޝޯވިކް ހައްޔަރުކޮށް ސުވާލުކުރަމުންދާއި ސީބީއައި އިން ވެސް ބުނެފައިވަނީ ސުޝާންތު ވަނީ މަރާލާފައި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ނަމަވެސް އޭނާ އަމިއްލައަށް މަރުވާން ގަސްތުކުރި ހާލަތަކީ ރިއާ ގަސްތުގައި އުފެއްދި ހާލަތެއް ކަމަށް ގިނަ މީހުން ރިއާ އަށް ތުހުމަތުކުރެ އެވެ. އޭނާގެ ޑިޕްރެޝަންގެ މައްސަލަތައް ހުންނަކަން އެނގޭއިރު ވެސް ޑިޕްރެޝަންގެ ބޭހާއެކު ޑްރަގް ދިނުމާއި ސުޝާންތުގެ އާއިލާ އާއި އޭނާ ވާހަކަ ދެއްކިޔަ ނުދޭން ރިއާ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެ އެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުކުރަމުންދާ ސީބީއައި ޓީމުން ވަނީ ސުޝާންތުގެ ކައްކާއެއްގެ ގޮތުގައި އޭނާ މަރުވި ދުވަހާ ހަމައަށް ވެސް ހުރި ނީރަޖް އާ ވެސް ސުވާލު ކޮށްފަ އެވެ.

ނީރަޖް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ސުޝާންތުގެ މެނޭޖަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ދިޝާ ސާލިއާން މަރުވުމާ ގުޅިގެން ސުޝާންތަށް ވަރަށް ފުން އަސަރުތަކެއް ކުރިކަން އޭނާއަށް ފާހަގަ ކުރެވުނު ކަމަށެވެ. އަދި ދިޝާގެ މަރަށް ފަހު ސުޝާންތު ކަނީ ވެސް ވަރަށް މަދުން ކަމަށް އޭނާގެ ކައްކާ ބުނެފައި ވެއެވެ.

ދިޝާ މަރުވީ އޭނާގެ ލޯބިވެރިޔާގެ ގޭގެ ބެލްކަނިން ވެއްޓިގެންނެވެ. ދިޝާ ފުންމާލީ އަމިއްލައަށް ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާގެ މަރާއި ސުޝާންތުގެ މަރާ ކޮންމެވެސް ކަހަލަ އަޑި ނޭނގޭ ގުޅުންތަކެއް ވާކަމަށް ގިނަ ބަޔަކު ޝައްކު ކުރެ އެވެ. މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވިއިރު ދިޝާ މަރުވެފައިވަނީ އޭގެ ހަފުތާއެއް ކުރިންނެވެ.

ސުޝާންތު އާއެކު ދިރިއުޅުމަށް އޭނާގެ ގެޔަށް ރިއާ ބަދަލުވުމަށް ފަހު ސުޝާންތުގެ ސްޓާފުންގެ ގޮތުގައި މަސައްކަތްކުރި ގިނަ ބަޔަކު ކަނޑާލައި އާ ސްޓާފުން ހޯދާފައިވާ ކަމަށް ރިއާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ނީރަޖް ޖަވާބު ދީފައި ވެއެވެ. ނީރަޖް ބުނަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި ރިއާ އަމިއްލައަށް އެއްވެސް މީހަކު ކަނޑާނުލާ ކަމަށެވެ. ހުރިހާ މުވައްޒަފުން ކައިރީ ވެސް ރިއާ ބުނާ ގޮތަށް ކަންތައް ކުރުމަށް އެންގީ ސުޝާންތު ކަމަށް ނީރަޖް ބުންޏެވެ.

ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ރަނގަޅަށް ނުކުރާނަމަ ރިއާ ބައެއް ފަހަރަށް އެއްޗެތި ކިޔާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ޕްރެޝަރުކޮށް ނަހަދާ ކަމަށް ވެސް ކައްކާ ބުންޏެވެ.

ރިއާ އާ މެދު ކުރާ އަނެއް ތުހުމަތަކީ ސުޝާންތު މަރުވި ދުވަހުގެ ކުރީ ރޭ ސުޝާންތު އާ ބައްދަލު ކުރަން ރިއާ އެގެއަށް ދިޔަ ކަމަށެވެ. އޭރު ދެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހިގެން ރިއާ ސުޝާންތުގެ ގެއިން ނުކުމެގެން ދިޔަތާ ދުވަސްކޮޅެއް ވެފައި ވެއެވެ.
ނަމަވެސް 'އާޖް ތަކް" ނިއުސް ޗެނަލް އަށް ރިއާ ދީފައިވާ އިންޓަވިއު އެއްގައި އެ ބުނާ ދުވަހަކު އޭނާ ސުޝާންތު އާ ބައްދަލު ކުރަން އެ ގެޔަށް ނުދާ ކަމަށް ބުނެފައި ވެއެވެ.

ސުޝާންތު އާ އެއް ފްލެޓެއްގައި ދިރިއުޅޭ އޭނާގެ އެކުވެރިޔެއް ކަމަށްވާ ސިދާރްތު ޕިތާނީ ސީބީއައި އަށް ދިން ބަޔާނުގައި ރިއާ ދެއްކި ވާހަކައަކީ ތެދެއް ކަމަށް ބުނެފައި ވެއެވެ. އަދި އެ ބުނާ ރޭ ސުޝާންތު އާ ރިއާ ބައްދަލުކޮށްފައި ނުވާ ކަމަށް ސިދާންތު ބުނެފައި ވެއެވެ.
އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް މި މައްސަލައިގައި ރިއާ ބައްދަން ސުޝާންތުގެ އާއިލާ އާއި ބައެއް އެކުވެރިން އަދި ފޭނުން މަސައްކަތް ކުރަމުންދާއިރު އަދި މިކަމުގައި ރިއާ ބެދޭނެ އެކަށީގެންވާ ރަނގަޅު ހެއްކެއް އަދި މިމީހުންނަކަށް ހޯދިފައެއް ނެތެވެ.
ސުޝާންތު އަކީ 2017 އިން ފެށީގެން ވެސް ޑްރަގް ނަގާ މީހެއް ކަން ވެސް ތަހުގީގަށް ސާބިތު ވެފައި ވެއެވެ. އެއީ ސާރާ އަލީ ޚާން އާއެކު "ކޭދާރްނާތު" ކުޅުނު ދުވަސްވަރު އޭނާ ޑްރަގް ބޭނުންކުރާތަން ފެނިފައިވާ ކަމަށް ސާރާ ބަޔާން ދީފައި ވެއެވެ.
އެހެންކަމުން ރިއާ އާ ބައްދަލުވުމުގެ މާ ކުރިއްސުރެ ވެސް ސުޝާންތު އަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއް ކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.

ކޮންމެއަކަސް މި ތަހުގީގަށް އަދިވެސް ރިއާ ހުރީ ހައްޔަރުކޮށްފަ އެވެ. ބެއިލް ހޯދަން އޭނާ ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.