އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖައްސައި، އެޖެންޑާ އާއްމު ކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ގިނަ ގޮންޖެހުންތަކާއެކު މިދިއަ މަހުގެ ހަ ވަނަ ދުވަހު މަޖިލީހުގެ ދެވަނަ ދައުރު ނިންމާލީ ރެކޯޑަކާއެކު އެވެ.އެއީ މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށި ފަހުން މަޖިލިސް ރިސެސްއަށް ނުގޮސް އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރެކޯޑެވެ.
މާދަމާ ތިން ވަނަ ދައުރު ފަށާއިރު، އެންމެ ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައިވަނީ ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލު ކުރުމެވެ.
މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މިނިސްޓަރު އަސްލަމާ ސުވާލު ކުރަން ހުށަހަޅުއްވާފައި ވަނީ މާވަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކުރުމަށެވެ.
މާދަމާގެ ޖަލްސާގައި އިބްތިދާއީ ބަހުސަށް ތިން ބިލެއް އެޖެންޑާ ކޮށްފައިވާއިރު، ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހު ހިމެނެ އެވެ.
މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިބްތިދާއީ ބަހުސްވެސް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.
މާދަމާގެ ޖަލްސާގެ ކުރިން ތަޅުމުގެ ގޮނޑިތައް ޖަހާފައިވާ ތަރުތީބު ބަދަލުކުރުމުގެ މަޝްވަރާތައް މަޖިލީހުގެ އާއްމު ކޮމިޓީގައި ވަނީ ފަށާފަ އެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން އަދި ކޮމިޓީ މަރުހަލާގައިވެސް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.