އަވަސް ރީލް

ރައްޔިތުންނަށް އެހީވާން ރިޒާވެއް ބޭނުން!

އިގްތިސޯދަށް ގެއްލުންވެދާނެތީ ރައްކާތެރިކަމުގެ ނިޒާމުތައް ގާއިމް ކުރަން ސުނާމީ ކާރިސާއިން ލޯހުޅުވައި ދިނެވެ. އަދި އެ ހާދިސާއާއެކު އެއް ސިނާއަތަކަށް ބަރޯސާވުމުގެ ނުރައްކާ ރާއްޖެއަށް އެނގުނެވެ. އިގްތިސޯދީ ކާރިސާތަކުގެ ވަގުތުގައި އެހީވެވޭނެ ފަންޑުތައް ހުންނަން ޖެހޭނެކަން ހަނދާން ކޮށްދިނެވެ. ސުނާމީ އެރިތާ 16 އަހަރު ފަހުން މިއަދު ރާއްޖޭގެ ހާލަތަށް ބަލާލާއިރު 2004 ގެ ކުރިއާ މާ ބޮޑު ތަފާތެއް ނެތެވެ. ކާރިސާގެ ހާލަތުގައި ރާއްޔިތުންނާއި ވިޔަފާރިތަކަށް އެހީވާނެ މާލީ ބާރުވެރިކަމެއް ވެސް ސަރުކާރަކު ނެތެވެ. އޭގެ ނަތީޖާއަކަށްވީ ކޮވިޑާއެކު ދިވެހިން ހާލުގައި ޖެހުމެވެ. އިގްތިސޯދު ފަހަތަށް ސޮއްސައިލުމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޮޑެތި ކާރިސާ ތަކުން އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަކުރަން ހުންނަނީ ދުރާލާ ސޮވެރިން ވެލްތް ފަންޑުތައް އުފައްދާފަ އެވެ. އެ ފަންޑުތައް ދިރުވަނީ އިގްތިސޯދު ރަނގަޅު ދުވަސްވަރު ވެހޭތާ ފެންނާށޭ ބުނާ އުސޫލުންނެވެ. ކޮވިޑް-19 އިން ރައްޖޭގެ އިގްތިސޯދު ބަލިކޮށްލައި އިގްތިސޯދު ބޮޑު އަނދަވަޅަކަށް ވައްޓާލިއިރު ދިވެހި އިގްތިސޯދަށް ޕަންޕް ކޮށްލާނެ ފައިސާ ފޮއްޗެއް ލައި ދެވޭނެ ގޮތެއް ސަރުކާރަކު ނެތެވެ. އޮތީ ގޮތް ހުސްވެފަ އެވެ.