ރިޕޯޓް

ބަރުލަމާނީ ނިޒާމެއް ކަމުނުދަނީ ކީއްވެގެން؟

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހިނގަމުންދާ ބޮޑެތި ކޯޅުންތަކާހެދި ދޭތެރެދޭތެރެއިން ބަރުލަމާނީ ނިޒާމެއްގެ ވާހަކަ މިދަނީ ފެންމަތިވަމުންނެވެ. ބަރުލަމާނީ ނިޒާމަކީ ކޮންގޮތަކަށް އުފެދިގެން، ކޮން ކަމަކަށް އުފެއްދި ކޮން ބޭނުމެއްގައި ކުރެވޭ ކަމެއްކަން އެނގުން މިހާރު އެބަ މުހިންމުވެ އެވެ.

އެންމެ އިހުގެ ޒަމާނަށްފަހު ދެން އައި ޒަމާންތަކުގައި ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ވެރިކަންތަކުގެ ދައުރު ދިގުވެ ރައްޔިތުންގެ މިނިވަންކަމަށާއި ހައްގުތަކަށް ބާރު ފޯރުވައި ހުދުމުހުތާރު ގޮތްތައް ބާރުގަދަކޮށް އަދުލު އިންސާފު ނުލިބި ވެރިކަންތަކުގެ އަނިޔާވެރިކަން ރައްޔިތުންނަށް ބޮޑުވުމުގެ ނަތީޖާއަކީ އެފަދަ ވެރިންތަކުގެ ބާރު ކުޑަކުރުމަށް އެއިރުގެ ރައްޔިތުންތައް ނިކުމެ ވެރިކަމުގެ ބާރު ޖަވާބުދާރީ ކުރެވޭނެ ގޮތް ހެދުމެވެ.

މިގޮތުން ރަސްރަސްކަލުން ތިބި ގައުމުތަކުގައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ރަސްކަލުންނަށް ލަފާ ދިނުމަށް އިތުރު ކައުންސިލްތައް ނުވަތަ އެސެމްބްލީތައް އެކި ޒަމާންތަކުގައި ރައްޔިތުން އުފެއްދި އެވެ. މިފަދަ ބަދަލުތައް ޔޫރަޕާއި، އެމެރިކާ އަދި އެފްރިކާއާއި އޭޝިއާގައި ވެސް އެންމެ ބޮޑަށް އައީ 16 ވަނަ ގަރުނުން ފެށިގެންނެވެ. އެފަދަ އެސެމްބްލީތަކުން ރަސްރަސްކަލުންގެ ބާރު ކުޑަކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވޭނެ ބާރުތައް މަޑުމަޑުން ހޯދުނެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމުތައް ބޮޑަށް ގެނެވިފައި މިވަނީ ރަސްކަމުގެ ބާރު ނަހަމަ ގޮތަށް ބޭނުން ކުރަން ފެށުމުން އެފަދަ ގައުމުތަކުގަ އެވެ.

އިނގިރޭސި ވިލާތުގައި މިއަދުވެސް އެއޮތީ އެގޮތަށް ރަސްކަމުގެ ބާރު ހަނިކޮށް އެހެން ނަމަވެސް މުޅިން ރައްޔިތުންނަށް ބާރު އަދިވެސް ހިންގުމަށް ގެނެވިފައިނުވާ ބަރުލަމާނީ ނިޒާމެކެވެ.

އެމެރިކާއަކީ ރަސްކަމެއް ނެތި ގެނެސްފައިވާ ރައްޔިތުންގެ ޑިމޮކްރަސީއެއް ކަމަށްވުމުން އެމެރިކާގައި އެފަދަ ބަރުލަމާނީ ނިޒާމެއްނެތި ރައްޔިތުންގެ ބާރުވެރި ޖުމްހޫރިއްޔަތެއް އުފައްދައި އެދަނީ ޑިމޮކްރަސީ ހިންގަމުންނެވެ. ހުދުމުހުތާރު ކަމަށް އެންމެ ޖާގަ ކުޑަ ވެރިކަމެއް މިއަދު ހިނގަމުން އެދަނީވެސް އެމެރިކާގަ އެވެ.

ރާއްޖޭގައި ވެސް ރައްޔިތުން ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަކަށް ބޭނުން ވެގެން 1968 ގައި އެވަނީ ދެވަނަ ޖުމްހޫރިއްޔަތެއް އުފައްދާފަ އެވެ. އަދި އެޑިމޮކްރަސީ އިތުރަށް ވަރުގަދަ މިވަނީ މިދިޔަ ދުވަސްތަކުގައި ކުރަން މަސައްކަތްތަކެއްކޮށް 2007 ގައި ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދޭ ގާނޫނުއަސާސީއެއް ގެނެސްފަ އެވެ. އެހެންކަމުން ހިނގަމުން މިގެން ދެވެނީ އެމެރިކާއާއި ގާތްކުރާ ޑިމޮކްރަސީ އެކެވެ. ހުދުމުހުތާރުވުމަށް މި ނިޒާމުން ޖާގަ ނުދޭތީ ރާއްޖޭގެ މިހާރުގެ މިއޮތް ނިޒާމުގައި މައްސަލަތަކެއް ހުރިކަމަށް ބުނާބަޔަކު ބުނަނީ ހުދުމުހުތާރު ނުވެވިގެންވާ އުނދަގުލުން ކަމުގައި ރައްޔިތުން ދެކެއެވެ.

މިހާތަނަށް ދުނިޔެ އައި އިރު ޑިމޮކްރަސީތައް މިގެނެވުނު އެއްވެސް ގައުމެއްގައި ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ނުވަތަ ބަރުލަމާނީ ނިޒާމުން ރިޔާސީ ނިޒާމަކަށް މިއިން އެއްވެސް ކޮޅަކުން އަނެއް ކޮޅަަކަށް ބަދަލު ގެނެވިފައި ނުވެއެވެ. ސަބަބަކީ މިއިން ކޮންމެ ނިޒާމެއްގައި ވެސް ގާނޫނުއަސާސީގައި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދެވިފައިވާތީއާއެކު އަދި މަސައްކަތް ކުރަނީ ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށްވާތީ، މިފަދަ އެއް ނިޒާމުން އަނެއް ނިޒާމަކަށް ބަދަލު ކުރަން އުޅުމަކީ ވަކިބަޔަކު ހުދުމުހުތާރު ވެރިކަމެއް ގެނައުމަށް ނުވަތަ އަނިޔާވެރި ވެރިކަމަކަށް މަގުފަހި ކުރާނެ ކަމަކަށްވާތީ އެވެ. އެހެންކަމުން ދުނިޔޭގެ އެއްވެސް ގައުމެއްގައި ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ނުވަތަ ބަރުލަމާނީ ނިޒާމުން ރިޔާސީ ނިޒާމަށް ބަދަލު ނުކުރަނީ މި ސަބަބާ ހެދި އެވެ. އެހެން ބަދަލުކޮށްފިނަމަ ދިގު މުއްދަތެއްގެ ސީދާ ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެގެންދާނެތީ އެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް އެކަކު އެކަނިމާއެކަނި ނިޒާމު ބަދަލުކުރަން ޖެހޭ ވާހަކަ ދެއްކުމަކީ ވެސް ނުރައްކާތެރި ކަމެކެވެ. އެހެނީ މިފަދަ ކަމަކަށް ރައްޔިތުން ބޭނުންވާނަމަ އެވާހަކަ ދައްކަން ޖެހެނީ ގައުމުގެ އެއްމެހާ ރައްޔިތުންނަށް ވާންޖެހެނީ ވެސް އެފަދަ ހުދުމުހުތާރު ކަމަކަށް މަގުފަހިވިޔަ ނުދިނުން ކަށަވަރު ކުރުމަށް ކަމަށްވާތީ އެވެ. އެހެންކަމުން މިހާރު އޮތް ނިޒާމުން އެހެން ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ހިޔާލު މިވަގުތު ހޯދަން ރައްޔިތުން ބޭނުންވާ ކަމަކަށް އެއްގޮތަކަށް ވެސް ރައްޔިތުން ނުދެކެއެވެ.

ބަރުލަމާނީ ނިޒާމަކުން ރައްޔިތުންނަށް އުނިވެގެން ދާނެ ހައްގުތަކާއި އެ ހައްގުތަކަށް ހުރަސް އެޅިގެންދާނެ މިންވަރު ބަލާލުން ވެސް މުހިންމެވެ. ފުރަތަމަ ކަމަކަށް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުން ރައްޔިތުންނަށް އުނިވެގެން ދާނެ އެންމެ ވަރުގަދަ ހައްގަކީ ސީދާ ގައުމުގެ ރައީސު ހޮވުމަށް ރައްޔިތުންނަށް ލިބިދީފައި އޮތް ހައްގު ނުވަތަ ބާރު ރައްޔިތުންގެ އަތުން ގެއްލުމެވެ.

ބަރުލަމާނީ ނިޒާމެއްގައިނަމަ ރައިސް ހޮވާނީ ނުވަތަ ބޮޑުވަޒީރު ހޮވާނީ މަޖުލިހުން ކަމަށްވާތީ އެވެ. މަޖުލިހުގެ މެޖޯރިޓީ ހޯދާ ޕާޓީއަކުން އެމީހުން އައްޔަން ކުރާ މީހަކީ އެއީ ވާނީ ގައުމުގެ ރައީސް ނުވަތަ ބޮޑު ވަޒީރަށެވެ. މީގެ އިތުރުން ވަޒީރުން ވާނީ މަޖުލިސް މެންބަރުންނަށެވެ. އެހެންކަމުން މަޖިލިހާއި ވަޒީރުންގެ މަޖިލިސް އޮންނާނީ ހެޔޮވަރުވަރަކަށް ރަނގަޅަށް މަސްހުނި ވެފައެވެ. މީގެ އިތުރުން ރަމްޒީ ބާރުތަކަކާއެކު ގައުމުގެ ރައީސެއް ގާއިމްކުރުމާއެކު ބައެއް ފަހަރަށް ރަމްޒީ ވަޒީރުންގެ މަޖިލިހެއް ވެސް ގާއިމް ކުރެވޭތީ އެއީވެސް އެއްބާވަތެއްގެ އެއްކަމެއް ކުރާ މުއައްސަސާތަކެއްގެ ތަކުރާރުވުމަކަށް ވުމުގެ ބުރަ ވެސް ބޮޑެވެ.

ތިން ބާރު ވަކިން އޮންނަ ސިޔާސީ ނިޒާމެއް ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭލެއް މާ ފުރިހަމައެވެ. ބަރުލަމާނީ ނިޒާމުގައި އަންނަ މި މަސްހުނި ކަމުން ރައްޔިތުންގެ ހައްގަށް ހުރަސްތައް ކުރިމަތި ކުރެއެވެ. އެހެނީ ގާނޫނު ހެދުމުގެ ބާރު ވަކި ބަޔަކަށް އޮވެފައި ރައީސާއި ވަޒީރުންގެ ވަކި ބާރެއް އޮވެފައި އަދި އަދުލުއިންސާފުގެ ބާރު ވަކިން އޮތުމަކީ ރައްޔިތުންގެ ހައްގު ކަށަވަރު ކޮށްދިނުމަށް އެއްބާރު އަނެއްބާރުން ޖަވާބުދާރީ ކުރުވުމަށް އެޅިގެންދާ ބާރަކަށްވާކަމެވެ.

ވަޒީރުންގެ މަޖިލިހާއި ރައްޔިތުންގެ މަޖިލިސް އެކައްޗަކަށްވެ މަސްހުނިވުމުން ދައުލަތް ހިންގުމުގެ ބާރު ހުދުމުހުތާރު ކަމަށް ފުރޮޅިގެން ދިއުމުން ގައުމުގެ މިނިވަން ކަމަށާއި، އަދުލު އިންސާފުވެރި ކަމަށާއި ރައްޔިތުންގެ ހައްގުތަކަށް ނުރައްކާތެރިކަން ކުރިމަތި ކުރުވައެވެ.

މީގެ އިތުރުން މިހާރުވެސް މަޖިލިހަށް ދިމާވާ ތައުލީމީ މީހުން ނޫން މީހުން ހޮވުމުގެ މައްސަލަ ވަޒީރުންގެ މަޖިލިހަށްވެސް ކުރިމަތިވުމާއި އެއްވެސް ހުނަރެއް ތައުލީމެއް ނެތް މީހުން ވަޒީރުންނަށް ވުމަށް މަގުފަހިވުން އެއީ ގައުމުގެ ކުރިއެރުމަށް އެޅޭނެ ހުރަހެވެ. އެފަދަ ފަރާތްތަކުން ޓެރަރިޒަމް ހިންގުމާއި މަޖުލިހުގައި އަނިޔާވެރިކަންކަން ހިންގުން ކުރިމަތި ކުރުވައެވެ.

އަދި ހަމަ މަޖުލިސްތެރެއިން ވެރިކަމާ ތަޅާފޮޅުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ފަސޭހައިން ނެގުމާއި މަޖިލިސްތެރޭ އިންތިހާއަށް ކޮރަޕްޝަން ހިންގުމާއި، މަޖުލިސް އަޣުލަބިއްޔަތުން އަނިޔާވެރިކަން ދެއްކުމާއި އަނިޔާވެރިކަން ހިންގުން މިއީ ބަރުލަމާނީ ނިޒާމުން ކުރިމަތި ކުރުވާ މައްސަލަތެކެވެ.

ރާއްޖެފަދަ ގައުމެއްގައި މިހާތަނަށް ވެސް މިފަދަ އެތައް މައްސަލަތަކެއް މަޖުލިސްތެރޭ ހިނގައިގެންދިޔަތަން މިވަނީ ދެކި އަދި ދަނީވެސް ދެކެމުންނެވެ. އެހެންކަމުން ކޮރަޕްޝަންގެ އަމަލުތަކާއި ސަރުކާރުތައް ވައްޓާލުމާއި މިފަދަ ނުރައްކާތައް އެއީ ރާއްޖެފަ ދަ ގައުމަކަށް ރައްޔިތުންނަށް އިންތިހާއަށް ހަރަދު ބޮޑު ބުރަ ބޮޑު އަނިޔާވެރި މައްސަލައަކަށް ބަރުލަމާނީގެ ނިޒާމު ވެގެންދާނެކަން ފާއިތުވި ކުރު މަޖުލިހުގެ މާޒީންވެސް ވަނީ ދައްކާފައެވެ.

ރިޔާސީ ނިޒާމެއްގައި އޮންނަނީ ސަރުކާރު ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދި އަދި އަދުލު އިންސާފުގެ ބާރާއިއެކު މި ތިން ބާރު ވަކިން، އެއްބަޔަކު އަނެއްބަޔަކު ޖަވާބުދާރީ ކުރެވޭ ގޮތަށެވެ. ރާއްޖޭގައި މިވަގުތު މިއޮތީ އެފަދަ ރިޔާސީ ނިޒާމެއްގެ ސިފައެވެ.

ވަޒީރުންގެ މަޖިލިހަށް ގެނެވޭނީ ރައީސަށް ފެންނަ ތައުލީމީ ގާބިލް ބައެކެވެ. ގައުމުގެ ސުލްހަމަސަލަސްކަމާއި އަސްކަރީ ބާރުވެރިކަމުގެ އިންސާފުވެރިކަން ވެސް ރިޔާސީ ނިޒާމުގައި ފުރިހަމައެވެ. މިވަރުން ވެސް ރާއްޖޭގަ މިހާރު މިއޮތް ނިޒާމުން ވެސް ރައްޔިތުންނަށް ލިބިދެވޭ ހައްގުތައް ކަށަވަރު ކޮށްދިނުން ކޮންމެވެސް މިންވަރަކަށް ހުރަސް އަޅަމުން ދާއިރު، ބަރުލަމާނީފަދަ މިތިން ބާރުގެ މަސްހުނި ނިޒާމެއް ގެންނަން ރައްޔިތުން ބޭނުމެއް ނުވާނެ އެވެ. އެއީ ބަރުލަމާނީ ނިޒާމުގެ ބިރުވެރި ސިފަތަކާހެދި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެއީ ސިޔާސީ ކަންކަމުގެ ތަޖުރިބާ ލިބި ވަޑައިގެން ހުންނެވި ރައްޔިތުންގެ ހައްގުތަކަށް ލޯބިކުރައްވާ ބޭފުޅަކަށް ވުމުން އެމަނިކުފާނުވެސް މިވަނީ ސާފުކޮށް ނިޒާމުގެ ވާހަކަ ނުދެއްކުމަށް އެދިވަޑައިގެންފަ އެވެ. އެހެންކަމުން ރައީސްގެ އެ އެދިވަޑައިގަތުމަށް ބޯލެނބުމަކީ ޑިމޮކްރެޓިކް އަދި ރައްޔިތުން ރުހޭނެ އެއްބައެއް އަނެއްބައެއްގެ ސުލްހައަށް ވެސް ކޮށިގެންދާނެ މަގެކެވެ.

ރާއްޖޭގެ މިކުރު ސިޔާސީ ބަދަލުގެ ތަޖުރިބާއަކީ ވެސް ރައްޔިތުންނަށް އެތައް ހައްގުތަކެއް ލިބި ކޮރަޕްޝަން ފަދަ ބޮޑެތި ކަންކަން ބެލުމަށް މަގިފަހވެފައި މިވާ މިންވަރެވެ. ދެހާސް އަށެއްގެ ފަހުން އައި ސަރުކާރުގައި ހިނގާފައި ހުރި ކޮރަޕްޝަން އެތަކެއް މައްސަލައެއްގެ ތަހުގީގު ކުރެވި އިންސާފު މިވަނީ ހޯދުމުގެ މަގުމަތީގަ އެވެ. އަދި ހަމަ އެހެންމެ 2013 ގައި ގެނެވުނު ވެރިކަމުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް މިވަނީ ތަހުގީގު ކޮށް އަދުލުއިންސާފުގެ މަގަށް އަނބުރާފަ އެވެ. އަދި 2018 ގައި ރައްޔިތުންގެ ހައްގުން ކަށަވަރުކުރެވުނު ސަރުކާރުން ވެސް މިދިޔަ ކުރު މުއްދަތުގައި ހިނގި ހިނގަމުންމިދާ ކޮރަޕްޝަން ތަހުގީގު ކުރެވި އިންސާފުގެ މަގަށް މިދަނީ އަނބުރާލެވެމުންނެވެ.

އެހެންކަމުން ސަރުކާރުގެ ކަންކަމަށް މިފާރަވެރި މިކުރެވެނީ މިހާރުގެ ނިޒާމުގެ ތެރެއިން ކަމަށްވާއިރު، ކޮރަޕްޝަންފަދަ ކަންކަން ތަހުގީގު ނުކުރެވޭނެ ނުވަތަ ނުބެލޭނެ، ތިން ބާރު އެއްވެފައިވާ މަސްހުނި ބަރުލަމާނީ ނިޒާމެއް ރައްޔިތުން ދުވަހަކު ވެސް ބޭނުމެއް ނުވާނެކަމަށް ސާފުކޮށް މިދަނީ ރައްޔިތުން ބުނަމުންނެވެ.

ގާނޫނު އަސާސީގައި ރައްޔިތުންނަށް ސީދާ މުތުލަގު ގޮތުގައި ދެވިފައިވާ ހައްގުތައް ނުވަތަ ބާރުތައް ޝަރުއީ ނިޒާމުން ކަށަވަރު ކޮށްދިނުމުގެ މުހިންމު މަސްއޫލިއްޔަތު ހަވާލުވެފައި އޮވެމެ އެކަން ހަނިވަމުންދާ ދިއުން ހުއްޓުމަކަށް ގެނެވޭނީ އަދުލުއިންސާފުގެ ދާއިރާގެ މަސްއޫލިއްޔަތު ފުރިހަމައަށް ގައުމަށްޓަކައި އަދާ ކޮށްގެންނެވެ. ޕަބްލިކް އިންޓަރެސްޓްގައި މަސައްކަތް ކުރައްވާ ފަރާތްތަކުން މިފަދަ މައްސަލަތައް ކޯޓުތަކަށް ހުށަހަޅަންޖެހެ އެވެ. ރައްޔިތުންނަށް އެކަން މިއަދަށްވުރެ ފުރިހަމައަށް އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް މިވަގުތު އެޅިގެންދާނެ ހަރުދަނާ ފިޔަވަޅަކަށްވާނެ އެވެ.