ހަބަރު

ހަށިގަނޑުގައި ޑުރަގު އެތެރެކުރި އަންހެނަކު ހައްޔަރުކޮށްފި

އެތެރެހަށީގައި ރައްކާ ކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކެންޔާ އަންހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެތެރެހަށީގައި ރައްކާ ކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކެންޔާ އަންހެނެއްކަމަށްވާ ޖެޑިޑާ އެންޑުކޫ ކިންގޫ، 27 އެވެ.

މިއަންހެންމީހާ ރަާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ، އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުރެވިގެންނެވެ. އަދި އެ މީހާ ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން ކަސްޓަމްސް އިން ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީންކުރެވުނު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނީ އެ އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 53 ބުލެޓް ފެނިފައިވާ ކަމަށެވެ. އަދި އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުންވަނީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.