ކްރިމިނަލް ކޯޓް

ހަތަރު ކިލޯގެ ކޮކެއިން އެތެރެކުރި މީހުންގެ ބަންދަށް އިތުރު 10 ދުވަސް

Feb 16, 2022
ކްރިމިނަލް ކޯޓު. ބްރެޒިލްގެ ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ދީފައިވޭ -- ފޮޓޯ: އަވަސް
0%
0%
0%

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.3 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްގެން ހައްޔަރުކޮށްފައިވާ ބްރެޒިލްގެ ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަސް ދީފަ އެވެ.

ދެ މީހުންގެ ބަންދަށް ކުރިން ދީފައިވާ މުއްދަތު ހަމަވާތީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ބަންދު މަޖިލީހުގައި ފުލުހުން ބުނީ އެ ދެ މީހުން ރާއްޖެ އަށް އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވާން ތިބި މީހުން ހޯދުމަށް ހިންގާ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނަށް އެ މީހުން އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ވާހަކަ ދޮގުކޮށް އެ ދެ މީހުން ބުނީ ފުލުހުންގެ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ.

ކުރީގެ ބަންދު މަޖިލީހެއްގައި ދެ މީހުން ވަނީ ދައުލަތުން ވަކީލެއް ހަމަޖައްސައިދިނުމަށް އެދިފަ އެވެ. އެ މީހުންގެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ވަކީލަކު ހަމަޖައްސައިދިން ނަމަވެސް ވަކީލާ ބައްދަލުނުވާތީ ވަކީލަކު ހަމަޖައްސައިދިނުމަށްވެސް އެ ދެ މީހުން ކޯޓުގައި އެދުނެވެ.

ފުލުހުން ވަނީ ބްރެޒިލްގެ ދެ މީހުންނަކީ ރޭވިގެން ހިންގާ މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އުޅޭ ބައެއް ކަމަށް ތުހުމަތުކޮށް އެ މީހުން އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވާނެ ދިވެހިން ތިބޭނެ ކަމަށް ކޯޓުގައި ބުނެފަ އެެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބްރެޒިލްގެ މި ދެ މީހުން މަސްތުވާތަކެއްޗާއެކު ހުއްޓުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނެވެ.

ބްރެޒިލްގެ ދެ މީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި އެއްޗެއްްގައި ޕެކްކޮށްފައި -- ފޮޓޯ: ކަސްޓަމްސް

މިމައްސަލައިގައި ކަސްޓަމްސް އިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އެ ގައުމަށް ނިސްބަތްވާ 23 އަހަރުގެ އަންހެނަކު ހުއްޓުވާ ލަގެޖް ފާސްކުރިއިރު ލަގެޖްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމުސް އިން ބުނީ އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ފިރިހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.8 ކިލޯ ގްރާމް ހުރިއިރު އަންހެން މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ.

މި ތަކެތީގެ މަގުމަތީ އަގު 21.3 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން އިތުރުވަމުންދާ ކަން ފާހަގަކުރެވެ އެވެ. އެގޮތުން ބްރެޒިލް މީހުންނާ ގުޅޭ މަސްތުވާތަކެތީގެ ބައެއް މައްސަލަތައް މިހާރުވެސް ކޯޓުގައި ހިނގަމުންދެ އެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910