ވިޔަފާރި

އެމްއެމްއޭއިން ބޭންކްތަކަށް ޑޮލަރު ދޫކުރުން އިތުރުކޮށްފި

Oct 5, 2020
2

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަނެއްކާ ވެސް ބޭންކް ތަކަށް ދޫކުރާ ޑޮލަރު އިތުރު ކޮށްފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޭންކްތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފަ އެވެ. އެންމެ ފަހުން ބީއެމްއެލް އިން ޑޮލަރު ދޫކުރުން އިތުރުކުރީ ޒަރޫރީ ބޭނުންތަކަށެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް މާލީ ގޮތުން ލިބެމުންދާ ގެއްލުމުން އަރައި ގަންނަން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިން ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ވެސް ބޭންކް ތަކަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި އަހަރު ނިމެންދެން މިގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނި ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ ގެއްލުމުން އަރައި ގަންނަން ކުރަމުންދާ މަސައްކަތް ތަކަށް މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. މިހާތަނަށް ލިބުނު ފައިސާގެ އަދަދު އިތުރުވެފައި މިވަނީ އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑުގެ ފައިސާ ޖަމާވުމާ ގުޅިގެންނެވެ.

މަރުކަޒީ ބޭންކް އިން ބުނި ގޮތުގައި ބޯޑަރު ހުޅުވިފަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައިސްފައިވަނީ 18،918 ޓޫރިސްޓުން ކަމަށާ، ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ހޭދަކުރާ މުއްދަތު އިތުރުވަމުންދާ ކަމަށެވެ. އަދި އިމާރާތް ކުރުމުގެ ސިނާއަތު ވެސް މަޑުމަޑުން ރަނގަޅުވަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.