އެމްއެމްއޭ

ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 855.7 މިލިއަން ޑޮލަރު

Apr 2, 2021

މިދިޔަ މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވް ނުވަތަ އޮފިޝަލް ރިޒާވްގައި ހުރީ 855.7 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކް އިން ބުނެފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި 855.7 މިލިއަން ޑޮލަރު ހުރިއިރު، މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 830.7 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު ހުރީ 757.5 މިލިއަން ޑޮލަރެވެ.

މި މައުލޫމާތުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ރިޒާވް މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 13 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހާއި މާޗް މަސް އަޅާ ކިޔާނަމަ މި އަދަދު އުޅެނީ ތިން ޕަސެންޓުގެ އިތުރު ވުމެއްގަ އެވެ.

ރާއްޖޭގެ ރިޒާވް އާއްމު ގޮތެއްގައި ބޭނުން ކުރަނީ ރާއްޖެ އަށް ކެއުމަށް ބޭނުންވާ މުދާ އެތެރެ ކުރުމަށެވެ. މި ފައިސާގެ ބޮޑު ބައެއް ކާޑު އެތެރެ ކުރަން ބޭނުން ކުރެ އެވެ. ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ލިބުން ދަށްވުމުގެ ސަބަބުން ރާއްޖެ އަށް ވަންނަ ޑޮލަރު މަދުވެ އިގްތިސޯދު ވަނީ ހީނަރުވެފަ އެވެ. މީގެ ސަބަބުން ބޭންކް ތަކުން ވަނީ ކާޑުތަކަށް ދީފައިވާ ޑޮލަރުގެ ލިމިޓު ވެސް ދަށްކޮށްފަ އެވެ.