މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އާ ނިޒާމެއް ތައާރަފުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލްގެ ބަހުސް މިއަދު ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އެވެ.
މި ބިލާއެކު މިހާރު އަމަލުކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު އުވިގެންދާނެ އެވެ.
ބިލްގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.
ދައުލަތުގެ ފިސްކަލް ޕޮލިސީ ހިންގަނީ އިންޓަޖެނެރޭޝަނަލް އިކުއިޓީ ގާއިމުކުރެވޭނެ ފަދައަކުން ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމަކީވެސް މި ބިލްގެ މަގުސަދެކެވެ.
މި ބިލްގައިވާ ގޮތުން އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް ދައުލަތުގެ ފިސްކަލް ޕޮލިސީ އެކުލަވާލައި ހިންގުމާއި ދައުލަތުގެ ފިސްކަލް ނިޒާމުގެ ކަންކަން ހިންގުމުގައި އިސްކަންދޭނީ މި ގާނޫނަށެވެ.
މި ގާނޫނު ހިނގާނެ ދާއިރާތަކުގެ ތެރޭގައި ދައުލަތުގެ އޮފީސްތަކާއި ގާނޫނެއްގެ ދަށުން އުފައްދާފައިވާ ނުވަތަ ގާއިމުކޮށްފައިވާ ޓްރަސްޓް ފަންޑުތަކާއި ދައުލަތުގެ އޮފީހަކުން ހިންގަމުންދާ އެނޫންވެސް އެފަދަ ފަންޑުތައް ހިމެނެ އެވެ. ނަމަވެސް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ޕެންޝަން ފަންޑުގެ މައްޗަށް މި ގާނޫނު ނުހިނގާނެ ކަމަށް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް އަދި ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެޑްވާންސްއެއްގެ ގޮތުގަ އެވެ.
މި ގޮތުން ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 ޕަސެންޓަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން ކަމަށް ބިލްގައިވެ އެވެ.
މިގޮތަށް ނަގާ ފައިސާ އަނބުރާ ދައްކަންވާނީ އެ އިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށް ރިއާޔަތްކޮށް އެ އިންޓަރެސްޓާއެކު ކަމަށްވެސް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާޟްގެ ދަށުން ހިންގަން ރާވާ މަޝްރޫއުތައް ދައުލަތުގެ އަހަރީ ބަޖެޓުގައި ހިމެނުމުގެ ކުރިން އެ މަޝްރޫއުތަކުގެ ފީޒިބިލިޓީ ވަޒަން ކުރުމުގެ ގޮތުން އެ މަޝްރޫއަކުން ލިބޭނެ ކަމަށް ލަފާކުރާ މާލީ، އިގުތިސާދީ އަދި އިޖުތިމާއީ މަންފާ އާއި ހިނގާނެ ހަރަދާއި ލިބިދާނެ ގެއްލުން ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު މިނިސްޓަރު ވަޒަންކުރަންވާނެ އެވެ.