ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެމްއޭ

އޯޑީން އިތުރުވި ފައިސާގެ ބޮޑުބައި ވަނީ ނެގިފައި

މިދިޔަ އަހަރު ސަރުކާރަށް ދިން، އޯވާޑްރާފްޓް ފެސިލިޓީ ނުވަތަ ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިގްތިސޯދުގައި އިތުރުވި ދިވެހި ފައިސާގެ ބޮޑުބައި ނެގިފައިވާ ކަމަށް މަރުކަޒީ ބޭންކް އިން ބުނެފި އެވެ.

އޯވާޑްރާފްޓް ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވި މައްސަލަ މަޖިލީހުގައި ދިރާސާ ކުރާ ހާއްސަ ކޮމިޓީގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ މި ފެސިލިޓީގެ ސަބަބުން އިގްތިސޯދަށް ކޮށްފާނެ އަސަރުތައް ކުޑަ ކުރަން ފިޔަވަޅު ތަކެއް އަޅާފައިވާނެ ކަމަށާ، އެހެންކަމުން އޯޑީގެ މުއްދަތު އިތުރު ކުރުމުން އިގްތިސޯދީ ހާލަތު އިތުރަށް ގޯސް ނުވާނެ ކަމަށެވެ.

"އޯޑީ ފެސިލިޓީ ދީފައި އިނީމަ މީގެން ލިކުއެޑިޓީ ސިސްޓަމް ތެރެއަށް އިންޖެކްޓްވެ ނިމިފައިވަނީ. އެހެންވެ މީގެ ކަންތައްތައް މެނޭޖު ކުރުމަށްޓަކައި ބައެއް ކަހަލަ މަނިޓަރީ ސިޔާސަތުތައް އެބަ ހިންގަން. އެއީ ސިސްޓަމް ތެރެއަށް އެދާ އެމައުންޓަކީ އޭގެ ފުލް އެމައުންޓުގައި ސިސްޓަމް ތެރޭގައި އެނބުރޭ އެއްޗަކަށް ނުވުމުގެ ގޮތުން މާކެޓް އޮޕަރޭޝަން ތަކެއް ހިންގުން. އެހެންކަމުން އަޅުގަނޑުމެންގެ މަނިޓަރީ އިންސްޓްރޫމަންޓްތައް މެދުވެރިކޮށް މީގެ ބޮޑުބައި ވަނީ ނެގިފައި،" އިމާދު ވިދާޅުވި އެވެ.

އިތުރަށް އިމާދު ވިދާޅުވީ އެހެންކަމުން މި ފެސިލިޓީގެ މުއްދަތު އިތުރު ކުރުމުން ރާއްޖޭގެ ބޭރު ފައިސާގެ މާކެޓަށް އިތުރަށް ބުރޫ ތަކެއް އަރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ދައުލަތުގެ ބަޖެޓު މެނޭޖު ކުރުމުގެ ގޮތުން ސަރުކާރުން އެދިގެން 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯފް ފެސިލިޓީއެއް އެމްއެމްއޭ އިން ހަމަޖައްސާ ދީފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ނިޔަލަށް މި ފެސިލިޓީން 3.8 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ނަގާފަ އެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން އަށް އަސަރުކޮށް، ބޭރު ފައިސާގެ އަގު މައްޗަށް ދާނެ ކަމަށް މާހިރުން ކުރިން ބުނެފައިވެ އެވެ. މީގެ ހެކިތައް ރާއްޖޭގެ މާކެޓުން ފެނިފައިވެ އެވެ. މިގޮތުން ގިނަ ތަކެތީގެ އަގު އުފުލިގެން ދިޔަ އެވެ. ނަމަވެސް ސަރުކާރުން ވަނީ ރާއްޖޭގެ އިންފްލޭޝަނަށް އަސަރު ނުކުރާ ކަމަށް ބުނެފަ އެވެ.