ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޭނުން ކުރެވޭ ރިޒާވް 279 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

Oct 29, 2020
2

އިންޑިއާ އިން ގަތް ބޮންޑުގެ ފައިސާ ޖަމާވުމާއެކު، ރާއްޖޭގެ ޔޫޒަބަލް ރިޒާވް 279 މިލިއަން ޑޮލަރަށް އިތުރު ވެއްޖެ އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮގަސްޓް 20 ގެ ނިޔަލަށް ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވުގައި ހުރީ 122 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު މި ރިޒާވް ވަނީ 279 މިލިއަން ޑޮލަރަށް އިތުރު ވެފަ އެވެ. މި އިތުރުވުމަކީ އޮގަސްޓް މަހާ އަޅާ ބަލާއިރު 37 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 695.9 މިލިއަން ޑޮލަރެވެ. މިއީ އޮގަސްޓް މަހުގެ 20 ގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރި 569.6 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 31 ޕަސެންޓުގެ އިތުރުވުމެކެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ބޭރު ފައިސާ ވަންނަ މައިދޮރު އެއްކޮށް ބަންދުވެފައި ވާއިރު، ޔޫޒަބަލް ރިޒާވް މިދިޔަ މަހު ދަށްވިދަަށްވުމަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ރިޒާވަށް އައި އެންމެ ބޮޑު ހީނަރުކަމެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ރިޒާވް އެންމެ ބޮޑަށް ދަށްވެފައި ވަނީ 2016 ގެ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. އެ ފަހަރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 45 ޕަސެންޓުގެ ދަށްވުމަކާއެކު 110.57 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔަ އެވެ.

ރާއްޖޭގެ ރިޒާވް ހާއްސަ ކޮށްފައި އޮންނަނީ ރާއްޖެ އަށް ބޭނުންވާ މުދާ އިމްޕޯޓް ކުރަން ބޭނުން ވާނެ ޑޮލަރު ފޯރު ކޮށްދޭށެވެ. އާއްމު ގޮތެއްގައި ރާއްޖޭގެ ރިޒާވްގައި ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ ރައްކާ ކޮށްފައި ހުރެ އެވެ. މިހާރު ޔޫޒަބަލް ރިޒާވް ދަށްވެފައިވާ އެއް ސަބަބަކީ ރިސޯޓުތަކުގެ އޮޕަރޭޝަން ދަށްވެ އަދި ލޯކަލް ކޮންސަމްޝަން ވެސް ދަށް ވެފައިވުމެވެ.