ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް ނުވަތަ، ޔޫޒަބަލް ރިޒާވްގައި ދަށަށް ގޮސް، މިހާރު ހުރީ 122.28 މިލިއަން ޑޮލަރު ކަމަށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އޮގަސްޓް 20 ވަނަ ދުވަހާ ހަމަ އަށް ބަލާއިރު ބޭނުން ކުރެވޭ ގޮތަށް ހުރި ރިޒާވްގެ ޖުމްލަ އަދަދަކީ 122.28 މިލިއަން ޑޮލަރެވެ. މިއީ ޖުލައި މަހުގެ 20 ވަނަ ދުވަހާ ހަމަށް ޔޫޒަބަލް ރިޒާވްގައި ހުރި 155.64 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 21 ޕަސެންޓުގެ ދަށްވުމެކެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިދޮރު އެއްކޮށް ބަންދުވެފައި ވާއިރު، ޔޫޒަބަލް ރިޒާވް މިހާރު ފެންނަ ވަރަށް ދަށްވުމަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އައިސްފައިވާ އެންމެ ބޮޑު ދަށްވުމެކެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށްވެފައި ވަނީ 2016 ގެ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. އެ ފަހަރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 45 ޕަސެންޓުގެ ދަށްވުމަކާއެކު 110.57 މިލިއަން ޑޮލަރަށް ވެއްޓުނެވެ.
ރާއްޖޭގެ ރިޒާވް ހާއްސަ ކޮށްފައި އޮންނަނީ ރާއްޖެއަށް ބޭނުންވާ މުދާ އިމްޕޯޓް ކުރަން ބޭނުންވާނެ ޑޮލަރު ފޯރު ކޮށްދޭށެވެ. މިހާރު ރިޒާވްގައި ހުރި އަދަދުން އެވްރެޖު ގޮތެއްގައި ފުދޭނީ މަހެއްހާ ދުވަހުގެ އިމްޕޯޓަށެވެ. ރާއްޖޭގެ ރިޒާވްގައި އާއްމު ގޮތެއްގައި ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ ރައްކާ ކޮށްފައި ހުރެ އެވެ. މިހާރު ޔޫޒަބަލް ރިޒާވް ދަށްވެފައިވާ އެއް ސަބަބަކީ ރިސޯޓުތަކުގެ އޮޕަރޭޝަން ދަށްވެ އަދި ލޯކަލް ކޮންސަމްޝަން ވެސް ދަށް ވެގެނެވެ.
ޔޫޒަބަލް ރިޒާވް ބޮޑުތަން ދަށްވިއިރު، ޖުމްލަ ރިޒާވްގައި މިދިޔަ މަހުގެ 20 ގެ ނިޔަލަށް ހުރީ 569.65 މިލިއަން ޑޮލަރެވެ. މިއީ ޖުލައި މަހުގެ 20 ގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރި 649.41 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 12 ޕަސެންޓުގެ ދަށްވުމެކެވެ. އަދި އަހަރު އަހަރަށް ބަލާނަމަ މިއީ ހަތް ޕަސެންޓުގެ ދަށްވުމެކެވެ.
މަރުކަޒީ ބޭންކް އިން ދަނީ ރާއްޖޭގެ ރިޒާވް މެނޭޖު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބޭންކް ތަކަށް ޑޮލަރު ވިއްކުމުގައި މިހާރު އެންމެ އިސްކަމެއް ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށް ދިނުމަށެވެ. އެމްއެމްއޭ އިން ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް "ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން" އިތުރު ކޮށްފަ އެވެ.
ރާއްޖޭގެ ރިޒާވް މިހާރު ދަށްވެފައިވާތަން މިވަގުތު ހިސާބުތަކުން ފެނުނު ނަމަވެސް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖެ އަށް ލިބިފައިވާ 250 މިލިއަން ޑޮލަރުގެ ބޮންޑުގެ ސަބަބުން ރިޒާވް އިތުރުވާނެ ކަމަށް ބެލެވެ އެވެ. މި ފައިސާ އެމްއެމްއޭ އަށް ލިބިފައިވާތީ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދޭން ފަސޭހަ ވެގެންދާނެ ކަމަށް މާހިރުން ގަބޫލުކުރެ އެވެ.