ފިނޭންސް މިނިސްޓްރީ

އޯވަޑްރޯ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލު ކުރަނީ

Apr 19, 2021

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރޯ ދިގު މުއްދަތުން އަނބުރާ ދައްކާ ބޮންޑަކަށް ބަދަލު ކޮށްދޭން ސަރުކާރުން އެދިއްޖެ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. ސަސްޕެންޑް ކުރުމަށް ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކޮށްދޭން އެދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުވާފައިވާ ސިޓީގައިވާ ލިއުމުގައިވާ ގޮތުން އޯވަޑްރޯގެ މިންވަރު ދިގު މުއްދަތުން ދައްކާ ބޮންޑަކަށް ބަދަލު ކޮށްދޭން އެދިފައިވެ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވެފައިވާ ގޮތުން ޕަބްލިކް ބޭންކް އެކައުންޓުން ނަގާފައިވާ އަދަދު ކުރު މުއްދަތެއްގައި އަދާ ކުރުމުގައި ހުރަސް ތަކެއް ހުރިކަން ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން ދައުލަތުގެ ކޭޝް ފްލޯއަށް ލޮޅުން ކުޑަ ކުރުމުގެ ގޮތުން މި ދަރަނި އަދާ ކުރެވޭނެ އެއްގޮތަކީ މި ދަރަނި އަނބުރާ ދައްކާ ބޮންޑަކަށް ބަދަލު ކުރުމަށް އެދޭ ކަމަށެވެ.

އޯވަޑްރޯގެ މުއްދަތު އިތުރު ކޮށްދޭން އެދިފައިވާ ލިޔުމުގައި މި އަހަރު ދައުލަތުގެ ކޭޝް ފްލޯގެ އަންދާޒާއެއް ދީފައިވެ އެވެ.

ރައްޔިތުން މަޖިލީހުން ވަނީ އޯވަޑްރޯގެ މުއްދަތު އިތުރުކޮށްދޭން އެދިފައިވާތީ، އިތުރަށް ހޯދަން ބޭނުންވާ މައުލޫމާތު ހޯދަން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުން މަޖިލީހަށް ހާޒިރު ކުރަން ވެސް ނިންމާފަ އެވެ.