ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓު ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން މަޖިލީހުގައި އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައްޔިތުން މަޖިލީހަށް ފޮނުވި ސިޓީގައި އެދިފައިވާ ގޮތުން ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. ސަސްޕެންޑް ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދޭން އެދިފަ އެވެ. ފިނޭންސް މިނިސްޓަރު ފުރަތަމަ އެދުނީ މިދިޔަ އަހަރުގެ އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހަށް މި ތިން މާއްދާ ސަސްޕެންޑް ކޮށްދޭށެވެ.
ނަމަވެސް، ސަރުކާރުން އަނެއްކާ ވެސް މަޖިލީހުގައި އެދިފައިވަނީ މި މުއްދަތު މި މަހުގެ 26 އިން ފެށިގެން އެއް އަހަރު ދުވަހަށް އިތުރު ކޮށް ދިނުމަށެވެ. އޯވަޑްރޯގެ މުއްދަތު އިތުރުކޮށްދީފިނަމަ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯވަޑްރާފުޓުގެ ގޮތުގައި ނެގި 4.4 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ސަރުކާރަށް އިތުރު އެއް އަހަރު ލިބޭނެ އެވެ.
ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހުގައި އެދިވަޑައިގެންފައިވާ ގޮތުން ވޭތުވެދިޔަ އެއް އަހަރަކު ތެރޭގައި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ހިދުމަތަށް ބުރޫ އެރިއަނުދީ ހިފެހެއްޓުނެވެ. މީގެ އިތުރުން އިގްތިސޯދީ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ކޮވިޑް-19 ގެ ސަބަބުން ކުރަން ޖެހުނު ސިއްހީ ހޭދަ އަށް ފަސޭހަ ވެގެން ދިޔަ ކަމަށް ބުނެފައިވެ އެވެ.
މިނިސްޓަރު އަމީރު ވިދާޅުވެފައިވާ ގޮތުގައި މި އިސްތިސްނާ އަށް އެއް އަހަރު ވާން ކައިރިވެފައިވީ ނަމަވެސް، އިގްތިސޯދު ފުން ވަޅުގަނޑުން އަރައި ގެނެވިފައިނުވާ ނުވާ ކަމަށެވެ.
"... އަދި ވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި މާލީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފަ އެވެ. މިގޮތުން 2020 ގެ ހަތަރު ވަނަ ކުއާޓަރުގައި ވެސް ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ،" އަމީރު ވިދާޅުވެފައިވެ އެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 ގެ ކުރިއާ އަޅާބަލާއިރު ރާއްޖޭގެ ވަޒީފާ ނެތް މީހުންނާއި ވިޔަފާރިތަކުގެ ވިކުރާ ވެސް ދަށްވެފައިވާ ކަމަށާ، އެހެންކަމުން ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާ އިން ދިން އިސްތިސްނާގެ ހާލަތުން އަރައިގަނެވިފައި ނުވެ އެވެ.
"މި ވަގުތު ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ އިސްތިސްނާތަކަށް އަމަލު ކުރުމަކީ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލު ކުރުމަކީ ރާއްޖޭގެ އިގްތިސޯދު އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫންނެވެ،" އަމީރު ވިދާޅުވި އެވެ.
ސަރުކާރުން މަރުކަޒީ ބޭންކް އިން 4.4 ބިލިއަން ރުފިޔާގެ އޯވްޑްރާފްޓު ކުރުމުގެ ސަބަބުން އިގްތިސޯދުގެ ގިނަ މިންގަނޑުތަކަށް ބަދަލު އައިސްފައިވެ އެވެ. އޯވަޑްރާފްޓް ކުރުމަކީ ފައިސާ ޗާޕު ކުރުން ކަމަށް ބައެއް މާހިރުން ދެކެ އެވެ. މީގެ ސަބަބުން އިގްތިސޯދުގައި ފައިސާ ގިނަވެ އިންފްލޭޝަން މައްޗަށް އުފުލުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.