ވިޔަފާރި

މި އަހަރު ރާއްޖޭގެ އިގްތިސޯދުގެ 85-90 ޕަސެންޓް ރިކަވާވާނެ

މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިން އޮތްވަރުގެ 85 ޕަސެންޓާއި 90 ޕަސެންޓަށް ރިކަވާވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯވަޑްރޯކޮށްފައިވާ 4.4 ބިލިއަން ރުފިޔާ ދައްކަން ދީފައިވާ މުއްދަތު އިތުރުކޮށްދޭން، މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރަން ދިން މުއްދަތު އިތުރު ކުރަން އެދިފައިވާ މައްސަލާގައި ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިގްތިސޯދު ރަނގަޅު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ކުރީގައި އިކޮނޮމީ އޮތް ހާލަތުގެ 80 ޕަސެންޓާއި 90 ޕަސެންޓް ކަވަރު ކުރެވޭނެ ކަމަށެވެ.

"މި ފިޔަވަޅުތަކުގެ އިގްތިސޯދީ ތަދުމަޑުކަން ކުޑަ ކުރެވި އިގްތިސޯދު ރިކަވާ ކުރެވޭނެ. މީގެތޭގައި ހިމެނޭ ސިއްހީ ބަލި މަޑުކަން މެނޭޖު ކުރި ގޮތާއި މިހާތަނަށް ކުދި ވިޔަފާރި އާއި ބޮޑެތި ވިޔަފާރިތަކަށް ދެވުނު ލޯނުތައް އަދި ޑެޓް މޮރިޓޯރިއަމް އަދި ކަރަންޓާއި ފެނުގެ ޑިސްކައުންޓަށް މިހާތަނަށް 143 މިލިއަން ރުފިޔާ ދެވިފައިވާނެ. ބީއެމްއެލް މެދުވެރިކޮށް 20 މިލިއަން ޔޫރޯ 320 މިލިއަން ރުފިޔާގެ ދެވިފައިވާނެ،" އަމީރު ވިދާޅުވި އެވެ.

ހަރަދު ކުރަނީ ބަޖެޓު ކުރި ގޮތަށް

ބަޖެޓުން ހަރަދު ކުރުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހުގައި ވާހަކަ ދެއްކެވީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަ ފުޅަކާގުޅިގެންނެވެ. ތަކުރާރުކޮށް ނިޒާމީ ނުކުތާ ތަނެއް ނަންގަވަން ފެށުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ފުރުސަތުގައި، ޝިޔާމް ވިދާޅުވީ ބަޖެޓަށް ގިނަ އެހީތަކެއް ލިބި އެމްއެމްއޭ އިން އޯވަޑްރޯ އަށް 4.4 ބިލިއަން ރުފިޔާ ޗާޕު ކުރި ނަމަވެސް ސަރުކާރުން ހަރަދު ކުރިގޮތް ނޭނގޭ ކަމަށެވެ.

މި ވާހަކަ ފުޅާ ގުޅިގެން، މިނިސްޓަރު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓް ބޭރުން އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"ބަޖެޓުކޮށްގެން ހަރަދު ކުރަނީ. ބަޖެޓު ފޮތުގައި ފާހަގަ ކޮށްފައިވާ ކަންތައް ތަކަށް،" ބަޖެޓު ފޮތް ދައްކަވާ ލައްވަމުން މިނިސްޓަރު ވިދާޅުވި އެވެ

މިނިސްޓަރު އަމީރު ވިދާޅުވީ ހަރަދު ކުރާއިރު ދައުލަތުގެ އެކައުންޓިން ސިސްޓަމްގައި އެސްއޭޕީ، ޕާޗެސިން އޯޑަރު ހެދޭނެ ކަމަށެވެ.

"ޕާޗެސިން އޯޑަރު ހެދޭނީ ކޯޑުގައި ނުވަތަ ބަޖެޓުގައި ފައިސާ ހުރެގެން. މިއީ ކޮންމެ ލައިން އޮފީހެއްގެ މާލީ ޒިންމާދާރު ޒިންމާވާން ޖެހޭ ކަމެއް. އަނެއް ކަމަކީ ޕްރޮކިއުމަންޓް. ޕްރޮކިއުމަންތް ގެންދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ދަށުން. މިނިސްޓަރީން ފައިސާ ދައްކަނީ މާލީ ޒިންމާދާރު ވެރިން ކަށަވަރުކޮށް، އެސްއޭޕީގައި ޕޭސްޓް ކޮށްގެން. މާލީ ދާއިރާގައި ހުރި އިރެގިއުލޭޝަން ބަލާނެ ގޮތްތައް ވެސް ހެދިފައިވޭ،" އަމީރު ވިދާޅުވި އެވެ.

ޕާޗެސިން އޯޑަރު ހެދޭނީ ކޯޑުގައި ނުވަތަ ބަޖެޓުގައި ފައިސާ ހުރެގެން. މިއީ ކޮންމެ ލައިން އޮފީހެއްގެ މާލީ ޒިންމާދާރު ޒިންމާވާން ޖެހޭކަމެއް. އަނެއް ކަމަކީ ޕްރޮކިއުމަންޓް. ޕްރޮކިއުމަންތް ގެންދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ދަށުން
އިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ އޭސީސީ އާއި އޮޑިޓަ ޖެނެރަލް އޮފީހަށް އެސްއޭޕީ ލައިވްކޮށް ބެލޭނެ ކަމަށެވެ.

"ދައުލަތަކަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަކަށް ހަރަދެއް ނުކުރެވޭނެ. އޭގެ އިތުރުން ދައުލަތުގެ ހަރަދުތައް ކޮންމެ ގޮތަކަށް ފައިނޭންސް ކުރިނަމަވެސް ހަރަދުތައް ބަޖެޓު ކުރެވެގެން ޖެހޭނެ. ހަރަދު ކުރެވެންވާނީ ބަޖެޓު ކުރެވުނު ކަންތައްތަކަށް،" އަމީރު ވިދާޅުވި އެވެ.