ފިނޭންސް މިނިސްޓްރީ

ސްކޫކުން ވިއްކައިގެން ތިން ބިލިން ރުފިޔާގެ ދަރަނި ދައްކައިފި

ސަރުކާރުން ވިއްކި ސުކޫކުން ލިބުނު ފައިސާއިން އަންނަ އަހަރު ދަންކަން ޖެހޭ ދަރަނީގެ ބޮޑު ބައި ދައްކާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކުރަން ހުށަހެޅި މައްސަލާގައި މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސުކޫކު ވިއްކައިގެން 190 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ) ގެ ދަރަނި އަނބުރާ ދައްކައިވާ ކަމަށާ، މިއީ އަންނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ކަމަށެވެ.

މި ދަރަނި ދައްކާފައިވަނީ ސަރުކާރުން މިދިޔަ އަހަރު ކްރެޑިޓް ސުއިޒް އާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރި ވެގެން އިޝޫކުރި 200 މިލިއަން ޑޮލަރުގެ ސުކޫކުންނެވެ.

މި ސްކޫކް ވިއްކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވިއްކި 250 މިލިއަން ޑޮލަރުގެ ޑޮލަރުގެ ޔޫރޯ ބޮންޑު އަންނަ އަހަރު މެޗުއާވާތީ، އެ ބޮންޑަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށެވެ.

މިނިސްޓަރު ވިދާޅުވީ ޔޫރޯ ބޮންޑުން ދައްކަން ޖެހޭ އަދަދު، ސުކޫކު ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 191 މިލިއަން ޑޮލަރު ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވީ މި ބޮންޑުގެ ބޮޑު ބައެއް ދެއްކިފައިވާތީ އަންނަ އަހަރު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 58 މިލިއަން ޑޮލަރު ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅު ވެގެން ދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިއީ އެލިފެންޓް އިން ދަ ރޫމް. މިއާހެދި ދަރަންޏަށް ބޮޑު އަސަރެއް ކުރޭ. އިންވެސްޓަރުންނަށް ހާލަތުގައި ޔަގީންކަމެއް ނެތް 2022 އަށް ޕޭ ކުރެވޭނެ ކަމެއް. އެހެންވެ މިއީ ސަކްސަސްއެއް. މީގެ މާނައަކީ 200 މިލިއަން ޑޮލަރު ހޯދާފަ 191 މިލިއަން ޑޮލަރު ދައްކާފީމޭ. އެހެންވެ މީގެ ހަފުތާއެއްގެ ކުރީގައި ހުރި ދަރަނީގެ ހާލަތަށް ވުރެ މިހާރު ރަނގަޅުވާނެއޭ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދެން މާކެޓަށް ދާއިރު، ރާއްޖެ އަށް ލިބޭ ރޭޓިން ވެސް ރަނގަޅު ވެގެންދާނެ ކަމަށެވެ.

"މިހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ ދެން މޫޑީސްގެ ރޭޓިން އަންނައިރު ރޭޓިން ވެސް ރަނގަޅުވާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަން ނިންމާފަ އެވެ. މި ސްކޫކް ވިއްކުމުގެ ގޮތުން އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ބޭނުންވެ އެވެ. މިކަން ކުރުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްފައިވާ ކަމަށް އިނދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ. ނަމަވެސް ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ.