ބޮލީވުޑް

ޕާކިސްތާނުގެ "ޗައިވާލާ" އަމިއްލަ ކެފޭއެއް ހުޅުވައިފި

ޕާކިސްތާނު މީހެއް ކަމަށްވާ އަރްޝާދު ޚާނަކީ ނޫލޮލަކާއި ރީތި އިސްކޮޅެއްގެ ވެރި، ވަރަށް ރީތި މީހެކެވެ. އަރްޝަދަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބި އޭނާގެ މަގްބޫލުކަން އިންތިހާއަށް އިތުރު ވެގެން ދިޔައީ އޭނާ ސައިވިއްކަން މަގުމަތީގައި ހުއްޓާ މީހަކު ނެގި ފޮޓޯއެއް ވައިރަލް ވެގެންނެވެ. އެ ފޮޓޯ ފެނިފައި ގިނަ ބަޔަކު އޭނާ ރީތި ކަމުން ހައިރާން ވެގެން އުޅުނެވެ.

އަރްޝަދު މަގުމަތީގައި ސައިވިއްކަން ހުއްޓާ ފުރަތަމަ ފެނުނީ ޕްރޮފެޝަނަލް ފޮޓޯގްރާފަރެއް ކަމަށްވާ ޖިއާ އަލީ އަށެވެ. އޭނާ އަރްޝަދުގެ ފޮޓޯއެއް ނެގީ ސައި ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ނޫކުލައިގެ ވަރަށް އާދައިގެ ކުރުތާއެއް ލައިގެން އެ ދުވަހު އަރްޝަދު ހުރިއިރުވެސް އޭނާގެ ނޫ ލޮލާއި ރީތި ސިފަ ވަރަށް ބޮޑަށް ފާހަގަ ކުރެވެ އެވެ.

ފޮޓޯ ވައިރަލް ވުމާއެކު ލިބުނު މަޝްހޫރުކަމުން ގޮސް ފިލްމުތަކާއި ޓީވީ ޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު އަރްޝަދަށް ލިބެން ފެށި އެވެ. އެއާއެކު މަގުމަތީގައި ސައިވިއްކަން އުޅުނު "ޗައިވާލާ" ބޮޑު ސެލެބްރިޓީއަކަށް ވީ އެވެ.

މިހާރު އިސްލާމްއާބާދުގެ މަޝްހޫރު ހިސާބެއްގައި ޗައިވާލާ (ސައިވިއްކާ މީހާ) ވަނީ އަމިއްލަ ކެފޭ އެއް ވެސް ހުޅުވާފަ އެވެ. އެ ތަނަށް ކިޔަނީ "ކެފޭ ޗައިވާލާ ރޫފް ޓޮޕް" އެވެ.

މިހާރު އަރްޝަދު "ޗައިވާލާ" ދަންނަނީ ހަމައެކަނި ޕާކިސްތާނު މީހުންނެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައި ކަހަލަ ގޮތަކަށް އަރްޝަދު ދަންނަ އަދި އޭނާގެ ރީތިކަމުން އޭނާއަށް ހިތް ކިޔަވާފައިވާ މީހުން ވަރަށް ގިނަ އެވެ. ޕާކިސްތާނުގެ ޓީވީ ޗެނަލަކަށް އުރުދޫ ބަހުން ދިން އިންޓަވިއު އެއްގައި އަރްޝަދު ބުނީ އޭނާގެ ކެފޭ އަށް ޗައިވާލާ ކީ އޭނާއަށް އަމިއްލަ އައިޑެންޓިޓީ އެއް ލިބުނީ މި ނަމުން ކަމަށް ވާތީ ކަމަށެވެ.

އަރްޝަދުގެ ކެފޭގައި ވަރަށް އަމިއްލަވަންތަ ގޮތްތަކެއް ހުރެ އެވެ. އެތަން ޒީނަތްތެރިކޮށްފައިވަނީ ރީތި ޕެއިންޓިން ތަކާއި ގުޑިންނެވެ.
އަރްޝަދަށް ލިބުނު ކާމިޔާބީގެ ވާހަކައަކީ އެހެން މީހުންނަށް ވެސް ހިތްވަރު ލިބިގެންދާނެ ވާޙަކައެއް ކަން ޔަގީނެވެ. އެއް ދުވަހު މަގުމަތިގައި ސައިވިއްކަން ހުރި އާދައިގެ މީހާ ކުއްލިއަކަށް ބޮޑު މުއްސަންޖަކަށް ވީ އޮންލައިންގައި ޝާއިއުކުރި އެންމެ ފޮޓޮއަކުން ކަމަށް ވީތީ އެވެ.