ފިނިޕޭޖް

"ސިންހަމް" ބަތަލާ ކާޖަލް އަގަރްވާލް ކައިވެނިކުރަނީ

އަޖޭ ދޭވްގަންގެ "ސިންހަމް "ގެ ބަތަލާ ކާޖަލް އަގަރްވާލްގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށިގެން ކުރިއަށް އެބަދެއެވެ. ކާޖަލް ކައިވެނި ކުރާކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ބުނި ގޮތުގައި އޭނާ ކައިވެނި ކުރަނީ ގޯތަމް ކިޗްލޫ ކިޔާ ވިޔަފާރިވެރިއަކާ އެވެ.

ކާޖަލް އާއި ގޯތަމްގެ ކައިވެނީގެ ރަސްމިއްޔާތުތައް މިހާރު ކުރިޔަށް ދިޔަ ނަމަވެސް ކައިވެނި ކުރުން އޮތީ މިމަހުގެ 30 ވަނަ ދުވަހު މުމްބައިގަ އެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ ހަމައެކަނި ދެފަރާތުގެ އާއިލާއިން ބައިވެރިވާ ކަމެއްގެ ގޮތުގަ އެވެ.

ކައިވެނި ކުރާ ވާހަކަ އިއުލާންކުރުމުން ކާޖަލް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކައިވެންޏަށް ފަހު ވެސް ފިލްމު ކުޅުން ހުއްޓާނުލާ ކުރިޔަށް ގެންދަން ގަސްތުކުރާ ކަމަށެވެ.

ކާޖަލްގެ ބެޗްލަރޭޓް ޕާޓީ ދާދި ފަހުން ވަނީ ބާއްވާފަ އެވެ. އަދި ރީނދޫ ހޭކުމާއި ހީނާފަތް އެޅުން އަދި ލަވަ ބާޒީ ފަދަ ކަންތައްތައް ކުރިޔަށް ދާނީ ކައިވެނީގެ ކުރިން އޮންނަ ދެ ދުވަހު އެވެ.

ކާޖަލްއަކީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ބަތަލާ އެކެވެ. އޭނާގެ ފުރަތަމަ ހިންދީ ފިލްމަކީ 2004 ގެ ރިލީޒްކުރި "ކިޔުން! ހޯގާ ޔާ ނާ" އެވެ. އޭގެ ފަހުން އަޖޭ އާއެކު "ސިންހަމް" ކުޅެފައި ވެއެވެ. އަދި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26"ގެ ބަތަލާ އަކީ ވެސް ކާޖަލް އެވެ.