މި ހަފްތާ ނިމެމުން ދަނިކޮށް ރާއްޖޭގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މިވަނީ ސަރުކާރާއެކު ތިބި އެހެނިހެން ޕާޓީތަކަށާއި ވަކިން ހާއްސަކޮށް ވަޒީރުންނަށް އިހާނަތްތެރި ބަސްތަކެއް ދޫކޮށްލައްވާފަ އެވެ. މިވަގުތު ރާއްޖޭގައި ވެރިކަން ކުރަމުން މިދާ ކޯލިޝަން ސަރުކާރަށް ރައްޔިތުގެ މަޖިލިހުގެ އަޣުލަބިއްޔަތުން މި ހަމަލާ ދިނީ ކޮންކޮން ސަބަބުތަކާ ހުރެތޯ ރައްޔިތުން ބަލާލުން މުހިންމެވެ.
ސިޔާސީ ޕާޓީތަކުން ރާއްޖޭގެ ސިޔާސީ ހަގީގަތް ފުރަތަމަ ވެސް ގަބޫލް ކުރަން އެބެޖެހެ އެވެ. ރާއްޖޭގެ ސިޔާސީ ހަގީގަތަކީ ގައުމީ އިގްތިސޯދީ މައްސަލަތަކާއި، ސިޔާސީ މައްސަލަތަކާއި އިޖްތިމާއީ އަދި ސަގާފީ ކަންކަމުގައި މުޅި އެއްމެހާ ރައްޔިތުން ގުޅިގެން ބައިވެރިވެގެން ހައްލު ކުރަން ދެކޭ ފިކުރެވެ. އެހެން ވެގެން ދިވެހި ރައްޔިތުން އެންމެ ޕާޓީއެއްގެ ވެރިކަން ކަމުނުގޮސްގެން ގެނައީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެކެވެ. މި ސިޔާސީ ނިޒާމު ގެނައުމަށް އެތައް މަސައްކަތެއްކުރި އެމްޑީޕީން މިއަދު ސީދާ މިދަނީ އެ ނިޒާމަށް ހަމަލާ ދެމުންނެވެ. އެންމެ ފަހުން ދިން ވަރުގަދަ ހަމަލާ އެޕާޓީގެ ޕީޖީ ލީޑަރު މިވަނީ އެމްޑީޕީގެ އެތެރޭގެ ނޫޙެއްގައި ދެތިން ދުވަހެއް ކުރިން އެތަކެއް އިހާނެތި ބަސްތަކެއް މެދުވެރިކޮށް އެހެނިހެން ސިޔާސީ ޕާޓީތަކަށް ދޫކޮށްލާފަ އެވެ.
ގިނަ ސިޔާސީ ޕާޓީތަކާއެކު އުފުދުނު ސިޔާސީ ނިޒާމުގައި ފުރަތަމަ ބޭއްވުނު އިންތިހާބުގައި ވެސް އެއްވެސް ސިޔާސީ ޕާޓީއަކަށް ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތެއް ނުދެ އެވެ. އެއީ ރައްޔިތުންގެ ނިންމުމެވެ. ޖެހިގެން އައި އިންތިހާބުގައި ވެސް ރައްޔިތުން އެއްވެސް ޕާޓީއަކުން ހުދުމުހުތާރުވުމަށް ޖާގަ ނުދިނެވެ. އެ ފަހަރުވެސް އެއްވެސް ޕާޓީއަކަށް ސީދާ އަޣުލަބިއްޔަތެއް ރައްޔިތުން ނުދެއެވެ. އަދި ސެޕްޓެމްބަރު 23، 2018 އިގެ އިންތިހާބުގައި ވެސް ރައްޔިތުން ނިންމީ އެއް ޕާޓީއަށް އެކަނި ވެރިކަން ހަވާލު ނުކުރާށެވެ. އެގޮތުން އަޣުލަބިއްޔަތު ވޯޓު ދިނީ ކޯލިޝަން ސަރުކާރެއް ގެނައުމަށެވެ.
ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ ގައުމީ ގުނަވަންތަކެކެވެ. އެއީ މުޅި ދިވެހި އެންމެހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރައްޔިތުން ބޭނުން ވެގެން ގެނެސްފައި ހުރި ސިޔާސީ ޕާޓީތަކެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ވެސް އުފެދިފައި ވަނީ ހަމަ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށެވެ. އެހެންކަމުން ވަކި މީހެއްގެ މަސައްކަތް ކުރުމަށް ނުވަތަ ވަކި ޕާޓީ އެއް އެކަނި ރާއްޖޭގައި ހިންގުމަށް ނުވަތަ ބޭއްވުމަށް ދިވެހި ރައްޔިތުން ނޭދޭކަން ސިޔާސީ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިއަދު ކެނޑިނޭޅި ހަނދާން ކުރަން އެބަޖެހެއެވެ. ހުރިހާ ސިޔާސީ ޕާޓީތަކަށްމެ އިހުތިރާމް ކުރަން ހަމަ އެންމެހާ ފަރާތްތަކުގެ ހިތްވަރާއި ފަންވަރު ހުންނަން ހަމަކޮންމެހެން ވެސް އެބަޖެހެ އެވެ. މަޝްވަރާގެ މަތިން ގައުމީ ކަންކަމުގައި އެއްބަސްވެ ހަމަނުޖެހުން އުފެއްދުމުން ދުރުވާން ޖެހެއެވެ.
އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ދިނުން ދިވެހިންނަށް ހިތި ތަޖުރިބާއަކަށް ވުމުން އެއްވެސް ޕާޓީއަކަށް މިވަނީ އެކަނި އަޣުލަބިއްޔަތު ނުދީފަ އެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ ގައުމީ ކަންކަމުގައި މަޝްވަރާގެ މަތީން ހުރިހާ ޕާޓީއަކާ ވެސް މަޝްވަރާކޮށް ގައުމީ ކަންކަން ނިންމައި ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ދިވެހި ސަރުކާރު ހިންގައި ދިނުމަށް ކަމަށް ދިވެހި ރައްޔިތުން ސާފުކޮށް މިދަނީ ބުނަމުންނެވެ.
ކޯލިޝަން ސަރުކާރުތަކަކީ ދުނިޔޭގެ ގައުމުތަކުގައި ކާމިޔާބު ކަމާއެކު ހިންގަމުން އަންނަ ސިޔާސީ ނިޒާމެކެވެ. އެގޮތުން ޖަރުމަނާއި އިޓަލީ، އިންޑިއާ، އަޔަލޭންޑް އަދި އިޒްރޭލް ފަދަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަޖުރިބާކޮށް އަދި މިހާރުވެސް ދަނީ ހިންގަމުންނެވެ. މިއީ ހައްތަހާވެސް މަޝްވަރާގެ މަތީން ގައުމީ ކަންކަން ނިންމުމުގެ ތަޖުރިބާ ކުރަމުން ކާމިޔާބުކަމާއެކު ގައުމުތައް ހިންގަމުން އަންނަ ގައުމުތަކެވެ.
ކޯލިޝަން ނިޒާމުތަކުގައި އެންމެ ފައިދާ ބޮޑީ ތަފާތު ފިކުރުތަކުގެ މެދުގައި މަޝްވަރާކޮށް އެއް ސިޔާސަތުތަކެއް އެކުލަވައި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަންކަން ނިންމުމުގެ ފުރުސަތު އޮތުމެވެ. އެހެންކަމުން ހުޅުވިފައިވާ ސިޔާސަތުތަކާއެކު އެންމެންގެ މަސްލަހަތަށް މަސައްކަތް ކުރުމުގެ ފުރުސަތު އިންތިހާއަށް އޮވެއެވެ. އަދި ހަމަ އެއްބަޔަކު އަނެއްބަޔަކު ގޮތް ދޫނުކޮށް ނުތިބެ އެންމެންގެ މަސްލަހަތުގައި ހުޅުވިފައިވާ ސިޔާސަތު ތަކަށް ޖާގަ ދެއެވެ. އެހެން ކަމުން ގައުމުގެ މަސްލަހަތާއި އަމާންކަމާއި ސުލްހަމަސަލަސްކަމާއެކު ރައްޔިތުންގެ ފައިދާއަށް ނުވަތަ ޑިމޮކްރަސީއަށް ވަރުގަދަޔަށް މަސައްކަތްކުރުމަށް މި ނިޒާމް ތަންދެ އެވެ.
ރާއްޖޭގެ ސިޔާސީ މާހައުލުގައި މިހުރި ތަފާތުތައް އެއީ ހަގީގަތެކެވެ. އެހެންކަމުން މިހުރިހާ ވައްތަރެއްގެ ފިކުރުތަކަކަށް އިހުތިރާމް ކުރާ ސިޔާސީ ނިޒާމެއް އެއީ ރާއްޖެއަށް އެންމެ ފައިދާހުރި ކަމުދާނެ ނިޒާމް ކަމަށް ރައްޔިތުން ދެކެ އެވެ. ސަރުކާރުން މިފަދަ އެކުވެރި މާތް މަގްސަދެއްގައި މަސައްކަތް ހިންގައި ރައްޔިތުންގެ ސަރުކާރެއް ހިންގަން މަސައްކަތް ކުރާއިރު ހަމަ އެވިސްނުމުގައި ރައްޔިތުންގެ މަޖުލިހުގެ ފަރާތުން އެވިސްނުން ބަހައްޓައި ގައުމުގެ ކުރިމަގަށް މަސައްކަތްކޮށްދިނުމަށް ދާދި ފަހުން ރައިސުލްޖުމްހޫރިއްޔާ މަޖުލީހުގެ ރައިސް އަރިހު އެދިވަޑައިގަތީ އެހެންވެގެން ކަމުން ރައްޔިތުން އުފާކުރެއެވެ.
ކެބިނެޓުގައި މަސައްކަތް ހިންގަމުންދަނީ ގައުމީ މަސްލަހަތުގަ އެވެ. އެއްވެސް ޕާޓީއެއްގެ އަމިއްލަ އެޖެންޑާއެއް ހިންގަން އުޅޭ ތަނެއް ނުފެނެއެވެ. ކެބިނެޓުގައި ދެބައިކުޅަ އެއްބައި އެއީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނަށްވާއިރު ދެން ތިބީ ރާއްޖޭގެ ސިޔާސީ މުހިންމު ތިން ޕާޓީއަކަށް ނިސްބަތްވާ ބޭފުޅުންނެވެ. މިހުރިހާ ބޭފުޅުން އެކުގައިމެ މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތުގަ އެވެ. އެއީ ރައްޔިތުން ނިންމި ގޮތެވެ. އެހެންކަމުން ރައިސުލްޖުމްހޫރިއްޔާ އެހުރިހާ ބޭފުޅުންނާއެކު ގައުމީ މަސްލަހަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެކަން މިދަނީ ޔަގީންކޮށް ދެއްވަމުންނެވެ. އެމަނިކުފާނު ރައްޔިތުންގެ ހައްގުގައި އެކަން ޔަގީންކުރައްވާނެ ކަމާމެދަކު ވެސް ރައްޔިތުން ޝައްކެއް ނުކުރެއެވެ. އެމަނިކުފާނާ ރައްޔިތުން ގައުމު ހިންގަން ހަވާލުކުރީ އެޔަގީންކަމާ އަދި އެމަގްސަދާ އެކުއެވެ.
އެމްޑީޕީގެ ކެބިނެޓް މެންބަރަކަށް ވުމަކީ ސަތޭކަ ޕަސެންޓް އެމީހާ ފުރިހަމަ މީހަކަށްވެ ރައްޔިތުން އެދޭހާ ފުރިހަމަކޮށް ކަންކަން ކުރެވޭނެ ބަޔަކަށް ވާނެކަމަކަށް ރައްޔިތުން ނުދެކެ އެވެ. މިހާތަނަށް ސަރުކާރު ހިންގުމުގައި އެކަން އެމްޑީޕީއަށް ނިސްބަތްވާ ކެބިނެޓް މެންބަރުންގެ ފަރާތުންވަނީ ހާމަވެސް ވެފައެވެ. އެއީ ޑިފެންސް މިނިސްޓަރަށް ބެލިޔަސް، ހާރިޖީ ވަޒީރަށް ބެލިޔަސް، ޕްލޭނިން މިނިސްޓަރަށް ބެލިޔަސް، އެޑިއުކޭޝަން މިނިސްޓަރަށް ބެލިޔަސް، ފިނޭންސް މިނިސްޓަރަށް ބެލިޔަސް، އިގްތިސޯދީ މިނިސްޓަރަށް ބެލިޔަސް، ޖެންޑާ މިނިސްޓަރަށް ބެލިޔަސް، ޔޫތު މިނިސްޓަރަށް ބެލިޔަސް، އެޓާނީ ޖެނެރަލަށް ބެލިޔަސް މިއެންމެހާ ބޭފުޅުންގެ ހިންގުންތެރިކަމާ ދޭތެރޭ ރައްޔިތުންގެ ކަނބޮޑުވުން އެކި މިންވަރަށް އެބަހުރިކަން ރައްޔިތުންގެ އަޑުތަކުން އެނގެ އެވެ.
އެހެންކަމުން ހިންގުމުގައި މިސްޓޭކްތައް ހެދުން ބިނާވެފައި އޮންނާނީ އެ ކެބިނެޓް މެންބަރެއްގެ ހުރި ގާބިލް ކަމުގެ މައްޗަށެވެ. އެއީ ވަކި ޕާޓީއެއްގެ މެންބަރަކަށް ވުމުން ނުވަތަ ވަކި ފިކުރެއް ހުރުމުން ވާކަމެއްކަމަށް ދުށުމަކީ ހަނި ވިސްނުމެކެވެ. ކޮންމެ މީހަކީވެސް ތަފާތު ފިކުރެއްގެ ތަފާތު ވިސްނުމެއްގެ މީހަކަށް ވާއިރު ސިޔާސަތުތައް ނިންމާއިރު އެކަން ރިފްލެކްޓް ކުރާނެ އެވެ. ކޮންމެ ވަޒީރަކުވެސް އެބޭފުޅެއްގެ ހުރި މިންވަރަކުން ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ ކަމާމެދު ރައްޔިތުން ޝައްކެއް ނުކުރެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ ހައްގުގައި ކެބިނެޓުން ގައުމީ މަސްލަހަތުގައި ނިންމާ ކަންކަމަކީ މަޝްވަރާގެ މަތީން ރައިސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ހިންގަވާ ސިޔާސަތުތަކަށްވާއިރު، ރައްޔިތުންގެ މަޖިލިހުގެ ޒިންމާއަކީ ރައްޔިތުންނަށް ފައިދާހުރި އެފަދަ ސިޔާސަތުތަކަށް ގާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެގެ އިތުރުން އެ ސިޔާސަތުތަކުގައި ރައްޔިތުންނަށް އިހުމާލުވާ ކަންކަން ހުރިކަމުގައިވާނަމަ އެފަދަ ކަންކަމާމެދު މަޖުލިހުގައި ޖަވާބުދާރީ ކުރުވުމެވެ. އެފަދަ ކަންކަން އޮންނަ އުސޫލުގެ ތެރެއިން ކަންކަން ނުކޮށް، އެއްވެސް ހެއްކެއް ނެތި ހަމައެއްލަމައެއް ނެތް ގޮތަށް ހިތަށް އެރުމުން މަޖުލިހުން ސަރުކާރަށް ފާޑު ކިޔައި ސަރުކާރަށް ޖެއްސުން ކުރާނަމަ އެއީ މަޖުލިހުގެ މަސްއޫލިއްޔަތު އުފުލުން ކަމުގައި ނުވިތާކަށް ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތުވެސް ނުއުފުލެމެވެ.
މަޖިލިހަކީ ޒިންމާދާރު ކަމާއެކު ސަރުކާރުގެ ހިންގުމަށް ފާރަވެރިވާންޖެހޭ މުވައްސަސާއަކަށް ވާއިރު އެކަން ކުރަން ޖެހޭނީ ޒިންމާދާރު ކަމާއެކުގައެވެ. މަޖިލިސް މެންބަރުންގެ ހައިސިއްޔަތު އެބޭފުޅުންގެ ހަނދުމާގައި އަބަދުމެ ހުންނަން ޖެހެއެވެ.
ތިންބާރު ވަކި ކުރެވިފައިވާ މި ސިޔާސީ ނިޒާމުގައި ގިނަ ފިކުރުތަކަށާއި ގިނަ ޕާޓީތަކަށް ފުރުސަތު ދިނުމަށް އެކުލެވިފައިމިވާ ނިޒާމަށް އެންމެހާ ރައްޔިތުން އަހުލުވެރިވާން ޖެހެއެވެ. ހާއްސަކޮށް ސިޔާސީ މައިދާނަށް ނުކުންނަ ފަރާތްތައް ވާން ޖެހޭނީ ގިނަ ފިކުރުތަކާ އެކު އުޅެވޭފަދަ ގާބިލް ފަރާތްތަކަށެވެ. އެހެންކަމުން މި ނިޒާމަށް ފަރިތަވާން މަސައްކަތް ކުރަން އެބަޖެހެއެވެ. ވަކި މީހަކު އެކަނި ބޭނުންވާ ގޮތަށް ސިޔާސީ ލީޑަރަކު ވިޔަސް ނުވަތަ ވަކި ޕާޓީއަކުން އެކަނި ކަންކަން ނިންމަން ބޭނުންވާ ގޮތަށް ޕާޓީއަކުން ވެސް މަސައްކަތް ކުރުން ހުއްޓައި، މުޅި އެންމެންގެ މަސްލަހަތުގައި ސަރުކާރު ހިންގުމުގެ ވިސްނުން އިސްކޮށް ޚުދުމުޚުތާރުވާން އުޅުމުގެ ސަގާފަތާ އަބަދުވެސް ދުރުވާން މަސައްކަތް ކުރަން ސިޔާސީ ފަރާތްތަކުން ރައްޔިތުން ދަނީ އެދެމުންނެވެ.
އޭގެ މާނައަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ޑިމޮކްރަސީއަށް އޮތް ފަހި މަގަކީ ކޯލިޝަން ސަރުކާރުތައް ކަމެވެ. މިހަގީގަތް ރާއްޖޭގެ ސިޔާސީ މައިދާނުން މިވަގުތު މިދަނީ ދައްކަމުންނެވެ. އެހެންކަމުން މި ހަގީގަތަށް ނުވަތަ ހުރިހާ ޕާޓީތަކެއްގެ މަސްލަހަތަށް އިހުތިރާމް ކުރަން ޖެހެއެވެ.