ރިޕޯޓް

ކޯލިޝަން ސަރުކާރުތަކުގައި ތަކުރާރު ވަނީ އެއްކަމެއް

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހުގަ އާއި އަދި މުޅި ދުނިޔޭގެ ސިޔާސީ މަސްރަހުގައި ވެސް އެއްމެ އާއްމު އެއް ކަމަކީ ކޯލިޝަން ހެދުމެވެ. ދިވެހިރާއްޖޭގެ ސިޔާސީ މާހައުލުގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ތައާރަފު ވުމާއެކު ރާއްޖޭގެ ސަރުކާރުތައް އެކުލަވާލުމުގެ އެއްމެ ކާމިޔާބު އެއްގޮތަކީ ވެސް ކޯލިޝަން ސަރުކާރު ހަދައިގެން ވެރިކަން ކުރުމެވެ. މިހާރުގެ ސަރުކާރަށް ދެ އަހަރު ފުރޭއިރު ކޯލިޝަން ސަރުކާރުގެ ހިންގުމަށް އިހުތިރާމް ކުރުން ކިހާވަރަކަށް ސަރުކާރުން ގެންދެވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ.

ސިޔާސީ މަސްރަހުގައި މަސައްކަތްކުރާ އެއްފިކުރެއްގެ ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްބައިވެގެން ވެރިކަން ކުރުމަކީ ދުނިޔެ ފެށުނީއްސުރެ ހިންގަމުން އަންނަ ކަމެކެވެ. މި ޒަމާނުގައި ކޯލިޝަން ސަރުކާރު އެކުލަވާލުމުގެ ޚާއްސަ ގާނޫނީ ހަމަތަކެއް ހެދިގެން ގޮސްފައި ވަނީ ބަރުލަމާނީ ނިޒާމުގެ ތެރެއިންނެވެ. އެއީ ވެރިކަން ހިންގާ ބޮޑުވަޒީރު ހޮވުމަށް ބާއްވާ މަޖުލިސް އިންތިޚާބުގައި އެއް ޕާޓީއަކަށް މަޖުލިހުގެ ދެބައިކުޅައެއްބައި އަޣުލަބިއްޔަތު ގޮނޑި ނުލިބޭ ހާލަތްތަކުގައި، އެންމެ ގިނަ ގޮނޑި މަޖްލިސް އިންތިހާބުގައި ހޯދާ ޕާޓީއިން ދެން ގޮނޑި ކާމިޔާބު ކުރާ އެ ޕާޓީއާ އެއްމެ ގާތްކުރާ ފިކުރުތަކުގެ އެހެން ކުދި މައިނޯރިޓީ ޕާޓީތައް ނުވަތަ ކުދި ޕާޓީތައް ނުވަތަ މިނިވަން ކެންޑިޑޭޓުން ވެގެން މަޝްވަރާކޮށް ބޭނުންވާ އަޣުލަބިއްޔަތު ހަމަކޮށް ސަރުކާރު އެކުލަވާލުމެވެ.

އެފަދަ ހާލަތްތަކުގައި އެއްމެ އާއްމުކޮށް ޕާޓީތަކުގެ މެދުގައި އެއްބަސް ވަނީ ފިކުރީ ގޮތުން އެއްގޮތް ސިޔާސަތުތައް ރައްޔިތުންގެ ލާބައާއި މަންފާއަށް ސަރުކާރު ހިންގުމުގައި އެކުލަވާލާ އަދި ސަރުކާރާ ބައިވެރިވާ ޕާޓީތަކަށް ވަޒީރުކަމާ އެހެނިހެން ސިޔާސީ މަގާމުތައް ހަމަޖެއްސުންފަދަ މަންފާލިބޭ އަދި ސަރުކާރު ދެމެހެއްޓުމާބެހޭ އެއްބަސްވުންތަކެވެ.

ކޯލިޝަންގައި ސަރުކާރުގެ ދައުރު ފުރިހަމަ ކުރަން އުނދަގޫ ވަނީ ކޯލިޝަންގައި ބައިވެރިވާ ޕާޓީތަކުގެ މެދުގައި ޚިލާފު އުފެދި އެއްބަސްވުމަކަށް ނާދެވި ވެރިކަން އެކުލަވައިލަން ދޭ ތާއީދު އަނބުރާ ގެންދަން ނިންމާ ހިސާބުންނެވެ. މިފަދަ ހާލަތްތައް ދިމާވުން ބަރުލަމާނީ ނިޒާމުގައި އެއީ އާއްމު ކަމެކެވެ. އެހެން ކަމުން އަހަރަކު ސަރުކާރެއް އެކުލަވާލަން ޖެހޭ ފަހަރުތައް ވެސް އެއީ އެފަދަ ގައުމުތަކުގައި އާއްމުކަމެކެވެ. އެއިން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅި ތަރައްގީގެ ދުވެލި އާއްމުކޮށް މަޑުޖެހިގެން ދެއެވެ. އަދި އިންތިހާބު އަލުން ބާއްވަން ޖެހި ހަރަދު ބޮޑު އަދި އިދާރީ އެތައް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. ބަރުލަމާނީ ނިޒާމުގައި ކޯލިޝަން އެއީ ގާނޫނީ ގޮތުން ހަމަތަކެއް ކަށަވަރު ކުރެވިފައި އޮވެމެ ވާވަރެވެ.

ބޮޑުވަޒީރަކީ މަޖިލިސް އިންތިހާބުގައި އަޣުލަބިއްޔަތު ހޯދާ ޕާޓީގެ ލީޑަރު ކަމަށްވެފައި ވަޒީރުން ހޮވަނީ ސަރުކާރު އެކުލަވާ ޕާޓީގެ މަޖިލިސް މެންބަރުންތެރެއިން ވަކި ބަޔަކަށް ވުމުން ސިޔާސަތު ތަންފީޒު ކުރުމުގައި ކޮންމެވެސް މިންވަރެއްގެ ފަސޭހަތަކެއް ވިއެއް ކަމަކު އެއްމެ ވަޒީރެއް، ވަޒީރުންގެ މަޖިލިހުގެ ކަމަކަށް އެއްބަސް ނުވިޔަސް ނުވަތަ ވަކި ކުރަން ޖެހުނަސް ސަރުކާރު ވެއްޓިގެން ދިއުމަކީ ވެސް އާއްމު ކަމެކެވެ. އެއީ ނިޒާމުގައި ސަރުކާރުގެ ސިޔާސަތު އެކުލަވަނީ މުޅި ވަޒީރުންގެ މަޖުލިހުގެ އެއްބަސްވުން އޮވެގެން ކަމުގައި ވާތީ އެވެ.

ހަމައެހެންމެ މިހާރު ރާއްޖޭގެ މަޖުލިހުގައި ޖަވާބުދާރީ މިކުރެވޭ ގޮތަށް ކުރެވި ވަޒީރަކު ވަކި ކުރުމަކީ ބަރުލަމާނީ ނިޒާމުގައި ނާދިރު ކަމެކެވެ. އެއްޕާޓީއަކުން ނުވަތަ ބަރުލަމާނީގެ ކޯލިޝަނަކުން އަޣުލަބިއްޔަތު ހޯދައި ވެރިކަމަށް އައިސްފިނަމަ މި ނިޒާމުގައި ތިންބާރު އެއްވެ ވަޒީރުންނާ މަޖިލިސް މެންބަރުންނާ މަސްހުނިވުމުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. ހައްގުތަކަށް އަރައިގަތަސް ވެރިކަން ދިފާއު ކުރުމަށް އަދި ކޮރަޕްޝަން ހިންގުމަށް މި ނިޒާމު ވެފައިވަނީ އިންތިހާއަށް ހުދުމުހުތާރު ޕާޓީ ވެރިކަމެއްގެ ނިޒާމަކަށެވެ.

ރިޔާސީ ނިޒާމުތަކުގައި ތިން ބާރު ވަކިން އޮވެމެ ވެރިމީހާ ކަނޑައަޅަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ރާއްޖޭގެ އިންތިޚާބީ ނިޒާމު މިއޮންނަ ގޮތުން ރައްޔިތުންގެ ސީދާ ވޯޓުގެ ފަންސާސް އިންސައްތަ އައުލަބިއްޔަތު ހޯދައިގެން ނޫނީ ރައިސުލްޖުމްހޫރިއްޔާއަކަށް ނުވެވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހިރީ ތަފާތު އެތަކެއް ފިކުރުތަކެއްގެ ސިޔާސީ އެތަކެއް ޕާޓީތަކެވެ. ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ އޯގާތެރި އަޅާލަންޖެހޭ ސަރުކާރުން ހުރިހާ ކަމެއް ރައްޔިތުންނަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް ދެކޭ އިސްލާމީ ފިކުރުތަކުގެ ޕާޓީތަކާއި ހުރިހާ ވައްތަރެއްގެ އިންސާނީ ހައްގުތައް ހޯދުމަށް އެދޭ މިނިވަން ފިކުރަށް ތާއީދުކުރާ ބަޔަކު ހިމެނޭ އަދި އެއްވެސް ވެރިޔަކަށް ތަބާވާން ނުޖެހޭ ސަރުކާރުގެ މާބޮޑު ރޯލެއް މުޖުތަމައުގައި އޮންނަން ނުޖެހޭކަމަށް ގަބޫލުކުރާ ޕާޓީތަކެވެ.

އެހެންކަމުން ފިކުރީގޮތުން މިހިރަ ބޮޑެތި ތަފާތުތަކާއެކު އެއްޕާޓީއަށް 50 ޕަަސެންޓް ހޯދުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަކަށް އެއްޕާޓީއިން އެކަނި ހޮވުމަކީ ވަރަށް ވަރަށް ނާދިރު ކަމެކެވެ. ރާއްޖޭގެ އާ ސިޔާސީ މަސްރަހުގައި މިހާތަނަށް ބޭއްވުނު ތިން އިންތިހާބުވެސް އެގޮތުން ކާމިޔާބުވެފައި ވަނީ ސަރުކާރު ހިންގާނެ ސިޔާސަތުތައް ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސް ވެވިގެން އިންތިހާބުވި ކޯލިޝަން ސަރުކާރުތަކެވެ. ނަމަވެސް މިއީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމަކަށް ވުމުން، ސަރުކާރުގެ ދައުރު ހަމަވަން ދެން އާދަޔާހިލާފް ކަމެއް ނުހިނގާނަމަ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ޕާޓީތަކުގެ މެދުގައި މަޝަވަރާ ކުރެވި ސަރުކާރަށް ގޮންޖެހުންތަކާއެކު ވިޔަސް ދެމި އޮވެއެވެ.

ރާއްޖޭގެ އާ ސިޔާސީ މަސްރަހުގައި މިއޮތީ އިންތިހާބުތަކުގައި ސީދާ ރައްޔިތުންނަށް ސަރުކާރު ގެންނަންވީ ގޮތް ފެނިގެން އެއްބަސް ވެގެން އެމީހަކަށް ފެންނަ ގޮތަކަށް ވޯޓުލައިގެން ރައްޔިތުން ސީދާ ކޯލިޝަން ހަދައި ސަރުކާރު ގެނައުމެވެ. އެއީ އެއްގޮތަކަށް ވެސް މަޖިލިހުގެ މެޖޯރިޓީ ހޯދާ ބޮޑު ޕާޓީގެ" ބޮޑުވަޒީރު ރައީސް" މަޖުލިސްމެން ބަރުންނާ އެއްބަސްވުން ހަދައި މަޖިލިސްތެރޭ ސަރުކާރެއް އެކުލަވައިލާ ގޮތަކަށް ނޫނެވެ. އެހެންކަމުން ރާއްޖޭގައި ކޯލިޝަން މި ހަދަނީ ސީދާ ރައްޔިތުންނަށް ފެނިގެން ރައްޔިތުންނަށް އެނގިގެން ރައްޔިތުން ރުހި ގަބޫލްވެ ސީދާ ވޯޓަކުން ވޯޓުދީގެން ސީދާ ރައްޔިތުންގެ ބާރުގަ އެވެ.
ރައްޔިތުންގެ ހައްގުގައި ވެރިކަން ހިންގުމަށް ރައްޔިތުންގެ ބާރު ސީދާ ރައިސުލްޖުމްހޫރިއްޔާ އާއި އަދި ނައިބު ރައިސަކާއި ރައްޔިތުން ހަވާލުކުރާގޮތަށެވެ.

އެހެންކަމުން ސަރުކާރަށް ތާއީދު ނެތްކަން ހާމަކުރަން ޖެހެނީ ސީދާ ރައްޔިތުންގެ ތެރެއިން ފާޅުގައި ކޯލިޝަން ހެދި ޕާޓީތަކުންނެވެ. އެފަދަ ހާލަތެއް ކޯލިޝަން ސަރުކާރަށް މެދުވެރިވެއްޖެނަމަ ޔަގީނުން ވެސް އެއީ ގާނޫނީ ގޮތުން ސައްހަ ސަރުކާރެކޭ ބުނާ ބުނުމަށް ސުވާލު އުފެދޭނެ ކަމެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަލަށް ގެނައި ކޯލިޝަން ސަރުކާރު ހިންގަން ފަށައި، ކޯލިޝަން ހެދި މައި ޕާޓީއާ އެހެން ޕާޓީއަކާ ދެމެދު ސިޔާސަތެއްގެ ދެބަސްވުމަކާ ހެދި، ފުރަތަމަ ފަހަރަށް ވަޒީރަކު މަދު ދުވަސްކޮޅެއް ތެރޭ އަމިއްލަފުޅަށް ވަކިވެގެން ދިޔައެވެ. އަދި ކޯލިޝަން ހަދައި ވެރިކަމަށް އައުމަށްފަހު ކޯލިޝަންގެ ހުރިހާ ޕާޓީތަކެއްގެ މެދުގައި ދެބަސްވުންތައް އުފެދި މައި ޕާޓީއަށް ތާއީދުކުރި ކޯލިޝަނުގެ އެހެނިހެން ޕާޓީތަކުގެ ތާއީދު އަނބުރައި ގެންދިޔަ އެވެ. އަދި ވެރިކަންކުރި މައި ޕާޓީއިން ކޯލިޝަންގެ ހުރިހާ އެއްބަސްވުންތަކަށް އަމަލު ނުކުރެވި ހުދުމުހުތާރުވާން އުޅުމުގެ ނަތީޖާއަކީ އެސަރުކާރު އަމިއްލައަށް އިސްތިއުފާދީ ސަރުކާރު ވެއްޓުމެވެ. އެފަހަރު ސަރުކާރު އެކުލަވާލުމަށް އެއްބަސްވެ ކޯލިޝަން ހެދި ނަމަވެސް މަޖިލިސް އިންތިޚާބުގައި ހުރިހާ ޕާޓީއަކުން ވެސް ވާދަކުރީ އެއްބަސްވުމެއް ނެތިއެވެ. އެހެންކަމުން މަޖިލިސް އާއްމު އިންތިހާބު ގައި ޕާޓީތައް ވާދަކުރީ އެބަޔަކަށް ނެގުނުވަރަކަށް މަޖލިސް ގޮނޑި ނެގުމަށެވެ.

ދެވަނަ ކޯލިޝަން ސަރުކާރުން ވެސް ފެނިގެން ދިޔައީ ޕާޓީތަކުގެ މެދުގައި ސިޔާސަތުތަކާމެދު އެއްގަލަކަށް ނޭރި ދެބަސްވުންތައް ބޮޑުވެ އަދި މައިޕާޓީތެރޭ ވެސް އެއްގަލަކަށް ނޭރި އެތައް ކަމެއްގައި ހުދުމުހުތާރުކަމުގެ އިލްޒާމްތައް ސަރުކާރުގެ ބޮލު އެޅިގެން ދަތި އުނދަގުލުން ސަރުކާރެއް މުއްދަތަށް ހިންގާލިތަނެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ އިގްތިސޯދީ ބޮޑެތި ކާމިޔާބުތަކެއް ކުރުމުއްދަތެއްގައި ހިންގި ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއްކުރި ސަރުކާރެކެވެ.

މިފަހަރުވެސް ސަރުކާރު އެކުލަވާލުމަށް އެއްބަސްވެ ކޯލިޝަން ހެދި ނަމަވެސް މަޖިލިސް އިންތިހާބުގައި ހުރިހާ ޕާޓީއަކުން ވެސް ވާދަކުރީ އެއްބަސްވުމެއް ނެތި އެވެ. އެހެންކަމުން މަޖިލިސް އާއްމު އިންތިހާބު ގައި ޕާޓީތައް އެފަހަރުވެސް ވާދަކުރީ އެބަޔަކަށް ނެގުނުވަރަކަށް މަޖލިސް ގޮނޑި ނެގުމަށެވެ.

މިއޮތީ ތިންވަނަ ކޯލިޝަންގެ ސަރުކާރެވެ. ސަރުކާރު އެކުލަވާލެވުނުތަނާ މާކަގިނަދުވަހެއްނުވެ ފުރަތަމަވެސް ކޯލިޝަން ޕާޓީތަކާމެދު ވެވުނު އެއްބަސްވުންތައް އެއްބަސްވި ރައިސުލްޖުމްހޫރިއްޔާ އެކަމަށް ފުރިހަމައަށް އިހުތިރާމް ކުރަން ބޭނުންފުޅުވި ނަމަވެސް ސިޔާސީ ގޮތުން މިފަހަރުގެ ރިޔާސީ އިންތިހާބުގެ މެޖޯރިޓީ ހޯދި މައިޕާޓީގެ ރައީސް ފުރަތަމަ ކޯލިޝަންގެ ވެރިކަމުގެ ވެރިކަންވެސް ދުވަސްކޮޅަކު ކުރައްވައި އަދި އެންމެ ފުރަތަމައަށް ކޯލިޝަނެއް ރޫޅާވެސް ލެއްވި، އިސްތިއުފާ ދެއްވަން ޖެހުނު ރައީސްގެ ނުފޫޒާހެދި މިފަހަރުވެސް ކޯލިޝަން ރޫޅި އެއްބަސްވުމާ ޚިލާފުވީއެވެ.

އަދި މިފަހަރު ސަރުކާރު އެކުލަވާލުމަށް އެއްބަސްވެ ކޯލިޝަން ހެދުމާއެކު މަޖިލިސް އިންތިހާބުގައިވެސް އެބީދައިން އަމަލު ކުރުމަށް އެއްބަސްވެވި އަދި އެފަދަ ވަރުގަދަ ރޫހެއް އުފެދިފައި ވީނަމަވެސް މިދެންނެވި ސަބަބާހުރެ ހުރިހާ ޕާޓީއަކުން ވެސް ވާދަކުރީ އެއްބަސްވުމެއް އޮވެމެ އެއާ ޚިލާފަށެވެ.

އެހެންކަމުން މުޅިން އަލަށް ދެބަސްވުމާއެކު ބޭއްވުނު މަޖިލިސް އިންތިހާބުގެ ސަބަބުން ސިޔާސީ ބޮޑެތި އަރައިރުންތައް މިދަނީ އުފެދެމުން ދަތި ގޮންޖެހުންތަކާ ސަރުކާރު ކުރިމަތިލަމުންނެވެ. މި ފަހަރުގެ މަޖލިސް އިންތިހާބުގައި ރައިސުލްޖުމްހޫރިއްޔާ ކޯލިޝަނަށް އިހުތިރާމް ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ނަމަވެސް މައި ޕާޓީއަށް މަޖިލިސް އިންތިޚާބުގައި ބޮޑު އައުލަބިއްޔަތު ލިބިފައިވާތީ މަޖުލިހުގެ ރައީސް ކަމަށް މައިޕާޓީގެ ވެސް ރައީސް އައުމާއެކު ރައިސުލްޖުމްހޫރިއްޔާއާ ދެބަސްވެ ޚިލާފު އެފެދެމުން މިދަނީ މި ދެ މުއައްސަސާގެ ދެ ވެރިންގެ މެދުގަ އެވެ.

ރައްޔިތުން ކޯލިޝަނަށް ދިން އިހުތިރާމް ރައިސުލްޖުމްހޫރިއްޔާ ދަމަހައްޓަވަން އުޅުއްވާ ނަމަވެސް އެކަމަށް މަޖިލިސް ރައީސްގެ ދެބަސްވުންތަކާ ހެދި މިދަނީ އިންތިހާއަށް ރައިސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަން ދަތިވަމުންނެވެ. އެކަމުގެ ހެކި އެދަނީ ރައްޔިތުންގެ ބާރު ކެބިނެޓްގައި ތަމްސީލްވުމަށް ޕާޓީތަކުގެ މެދުގައި އޮންނަން ރައްޔިތުން ވޯޓު ދިން ގޮތާ ޚިލާފަށް ކަންކަން ހިނގާތަން ފެންނަމުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ކެބިނެޓުގައި ޕާޓީތައް ތަމްސީލު ވާން އެއްބަސްވި ގޮތާ ޚިލާފުވަމުންނެވެ.

ކުރީގެ ކޯލިޝަންތަކެކޭ އެއްފަދައިން ތިންވަނަ ކޯލިޝަނުގެ ސަރުކާރުގައި ވެސް މިދަނީ ހަމަ އެއްކަމެއް ތަކުރާރުވާތަން ފެންނަމުންނެވެ. ރައްޔިތުން ސީދާ ނިންމާފައިވާ ކޯލިޝަންގެ އެއްބަސްވުމާ ޚިލާފަށް ސަރުކާރުގެ ކަންކަން ހުރިތަނެވެ. ބަރުލަމާނީ ނިޒާމެއްގައިނަމަ މިއިން ކޮންމެ ފަހަރަކީ ސަރުކާރު ވެއްޓި އައު ސަރުކާރެއް އެކުލަވާލަންޖެހި ނުވަތަ ކޯލިޝަނުގެ ޕާޓީތަކުގެ އެދުމަށް މައި ޕާޓީ ދީލާލުން މާ ގާތްވެ، ކޯލިޝަނުގެ ޕާޓީތަކުގެ ބާރު ގަދަވުމަށް ލިބިގެންދާނެވެސް މެއެވެ.
ކުރީ ދެފަހަރު ވެސް ސީދާ ރައްޔިތުންގެ ކޯލިޝަނަށް ރައްޔިތުން ދިން އިހުތިރާމް ރައިސުލްޖުމްހޫރިއްޔާ ނުދެމެހެއްޓުމުގެ ނަތީޖާއަކީ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް، ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރުމެވެ. މިފަހަރުވެސް ރައްޔިތުންގެ މަސްލަހަތަށް ނުވަތަ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ސަރުކާރުގެ އަމާޒު ތިންވަނަ ފަހަރަށް ކަސިޔާރުވެގެން ދިއުމުން ކޮވިޑުގެ ބަލިމަޑުކަން މިވަގުތު އޮތުން އެއީ ސަރުކާރުގެ ނަސީބުކަމަށް އަދި މިވަނީ ވެފައެވެ. ރައްޔިތުންގެ ނިންމުމާ ދެކޮޅުވުމުގެ ނަތީޖާއަކީ ކުރީދެފަހަރުވެސް ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިގެން ދިއުމުން ސަރުކާރާ ދެކޮޅު އިހުތިޖާޖު ކުރުންކަން އެއީ ފެންނަން އޮތް ސާފް ހަގީގަތަށްވާއިރު ކޯލިޝަނަށް އޮތް އިހުތިރާމު ސަރުކާރުން ނުދޭނަމަ ކުރިން ފެނުނުފަދަ މުޒާހަރާގެ ފެށުން ހަމަ ކޮންމެ އިރަކުވެސް ފެނިގެން ހިނގައިދާނެކަމަށް ގަބޫލްކުރެވެއެވެ. ކޯލިޝަން ރޫޅާލުމަކީ އެއިގެ ނަތީޖާ ހުރިހާ ތަނެއްގައިވެސް ރަނގަޅުވާކަންކަމެއް ނޫނެވެ. ސިޔާސީ ހަގީގަތް ގަބޫލްކޮށް ޚުދުމުޚުތާރުވާން ނޫޅެ ކޯލިޝަންތަކަށް އިހުތިރާމް ކުރުމަކީ ހަމައެކަނި އޮތް ޗޮއިސްކަން ސާފެވެ.