ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެންޓިޖެން ޓެސްޓް ކުރުމުގެ ހުއްދަ މެޑް ޓެކަށް

ނަތީޖާ 15 މިނެޓުން ފެންނަ އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ، އެޗްޕީއޭ އިން މެޑްޓެކް މޯލްޑިވްސްއަށް ދީފި އެވެ.

މެޑް ޓެކް ކުންފުނިން މިއަދު ބުނީ، އެޗްޕީއޭއިން އާއްމު ކޮށްފައިވާ އުސޫލުގެ ދަށުން މި ވަގުތު ރާއްޖޭގައި ލިބެން ހުރި އެބޮޓް ބްރޭންޑުގެ ޓެސްޓު ކިޓު ބޭނުން ކޮށްގެން ޓެސްޓު ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ.

އެމެރިކާގެ އެބޮޓް ލެބޯޓްރީން އުފައްދާފައިވާ ކޮވިޑް-19 ޕެންބިއޯ އެންޓިޖެން ޓެސްޓަކީ ހަށިގަނޑުގައި ހުންނަ އެކްޓިވް ވައިރަސް ދެނެގަންނަން ހަދާ ޓެސްޓެކެވެ. މި ޓެސްޓު ހަދައިގެން 15 މިނެޓުގެ ތެރޭގައި ނަތީޖާ ލިބެ އެވެ. މެޑްޓެކް ކުންފުންޏަށް ގުޅައިގެން ނޫނީ މެއިލްކޮށްގެން މި ޓެސްޓު ކިޓުތައް ވިއްކުމުގެ އިންތިޒާމު އެ ކުންފުނިން މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އެޗްޕީއޭ އިން މީގެ ކުރިން އާއްމުކުރި އުސޫލުގައި ބުނެފައިވާ ގޮތުން މި ޓެސްޓު ކުރަން ވާނީ ކޮވިޑް ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި ކޮވިޑްގެ އަލާމާތްތައް ފެންނަ ބަލި މީހުން ބަލީގެ އަލާމާތް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރުމަށެވެ.

އެފަދަ ހާލަތުގައި ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ އެއީ ރަނގަޅު ނަތީޖާ ކަމަށް ބަލައި ކޮވިޑް-19 އަށް ފަރުވާ ކުރުމާއި ޕޮޒިޓިވްވުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. ނަމަވެސް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެށުނުތާ ފަސް ދުވަސް ފަހުން ނަމަ، އަދި ނަތީޖާ ނެގެޓިވްވި ނަމަ ޕީސީއާރު ޓެސްޓުހަދައި ނަތީޖާ ކަށަވަރު ކުރަން ޖެހޭނެ އެވެ.

އުސޫލުގައި ރެޕިޑް އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެ ހާލަތްތައް ވެސް ބަޔާންކޮށްފައި ވެ އެވެ. ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހުންނާއި، ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ހާލަތުގައި، ބަލި ދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގައި ޓެސްޓެއް ނުކުރެވެ އެވެ. އަދި ޓެސްޓު ކުރާ ތަނުގައި އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓްރޯލު ފިޔަވަޅުތައް ނެތް ނަމަ ވެސް މި ޓެސްޓް ނުކުރެވެ އެވެ.

ބަނދަރުތަކުގައި ބޯޑާ ސްކްރީނިން ކުރުމަށް އަދި ލޭ ހަދިޔާ ކުރުމުގެ ކުރިން ބައްޔަށް ސްކްރީން ކުރުމުގެ ބޭނުމުގައި ވެސް ރެޕިޑް އެންޓިޖެން ޓެސްޓެއް ނުކުރެވޭނެ އެވެ.