ދުނިޔެ

އެމެރިކާ މީހުން އެންމެ ބިރު ގަންނަނީ މުސްލިމުން ދެކެތަ؟

ވަރަށް ގިނަ ދިވެހިންނަށް މިހެން ހީވެފައި އޮވެދާނެ އެވެ. އާންމުކޮށް ދިވެހިން ބުނާނީ އެމެރިކާ މީހުން އެންމެ ބިރު ގަންނަނީ މުސްލިމުން ދެކެ ކަމަށެވެ. ރުޅި އަންނަނީ ވެސް މުސްލިމުން ދެކެ ކަމަށެވެ. އަދި ގެއްލުން ދޭން އެންމެ ބޭނުން ވަނީ ވެސް މުސްލިމުންނަށް ކަމަށެވެ.

ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. މުސްލިމުންގެ ގައުމަކަށް ނުވަތަ އިސްލާމީ ގައުމަކަށް ހަމަލާ ނުދޭ ނުވަތަ ހަމަލާ ދޭން އެހީ ނުވާ ވެރިޔަކު ފަހުގެ ތާރީޚެއްގައި އެމެރިކާގެ ރައީސް ކަމަށް އައިސްފައި ނުވާތީ އެވެ. އެހެން ނަމަވެސް އެމެރިކާ މީހުން އެންމެ ބިރު ގަންނަނީ މުސްލިމުން ދެކެއެއް ނޫނެވެ.

ފަހަރެއްގައި މުސްލިމުން ދެކެ ބިރުން އުޅެނީ ނުވަތަ ރުޅިން އުޅެނީ އެމެރިކާގެ ސަރުކާރެވެ.

އެހެންވީމަ އެމެރިކާގެ އާންމުން އެންމެ ބިރު ގަންނަ ކަންކަމަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ. މި ލިސްޓްގެ އެއް ވަނާގައި އޮތީ އެގައުމުގެ ދައުލަތުން ހިންގާ ކޮރަޕްޝަންގެ މައްސަލަ އެވެ.

އެމެރިކާގެ އާންމުން އެންމެ ބިރު ގަންނަނީ:

  • 1- ސަރުކާރުގެ އޮފިޝަލުން ހިންގަވާ ކޮރަޕްޝަންގެ އަމަލުތައް
  • 2- ސައިބާ ޓެރަރިޒަމް
  • 3- ޒާތީ ދިރިއުޅުމަށް ވިޔަފާރި ކުންފުނިތަކުން ފާރަލާ މައްސަލަ
  • 4- ޓެރަރިސްޓް ހަމަލާތައް
  • 5- ސަރުކާރުން އާންމުންގެ ޒާތީ ދިރިއުޅުމަށް ފާރަލާ މައްސަލަ
  • 6- ބަޔޮލޮޖިކަލް ހަނގުރާމައެއް ފެށިދާނެތީ
  • 7- މީހުންގެ އައިޑެންޓިޓީ އޮޅުވާލައިގެން ފޭރުން
  • 8- އިގްތިސާދީ ގޮތުން ގައުމު އިނދަޖެހުން
  • 9- މުސްތަގުބަލުގައި ފައިސާގެ ހީނަރުކަމެއް އަތުވެދާނެތީ
  • 10- ކްރެޑިޓް ކާޑު ބޭނުންކޮށްގެން ހިންގާ ފްރޯޑްގެ މައްސަލަތަކަށް

މިއީ އެމެރިކާގެ ޗެޕްމަން ޔުނިވާސިޓީ އިން މިފަހުން ހިންގާފައިވާ ދިރާސާއެއްގެ ނަތީޖާ ނުކުމެފައިވާ ގޮތެވެ. ޖުމްލަ 1،541 މީހަކު ބޭނުންކޮށްގެން 88 މައްސަލައެއްގެ މައްޗަށް ހިޔާލު ހޯދައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން ކޮރަޕްޝަން ދެކެ ބިރު ގަންނަ ކަމަށް ބުނެފައި ވަނީ 58 ޕަސެންޓް މީހުންނެވެ.

އެމެރިކާ މީހުންގެ ތެރޭގައި އޭލިއަނުންގެ ވާހަކަ ގަބޫލުކޮށް އޭލިއަން އިންވޭޝަނެއް އަތުވެދާނެ ކަމަށް ގަބޫލުކުރާ މީހުން ވެސް ވަރަށް ގިނަ އެވެ. އެގޮތުން 20 ޕަސެންޓް މީހުން އެންމެ ބިރު ގަންނަނީ އޭލިއަނުން ދުނިޔެ އަށް އައިސް ދުނިޔެ ހިފައިފާނެތީ އެވެ.

މީގެ އިތުރުން 40 ޕަސެންޓް މީހުން އެންމެ ބިރު ގަންނަނީ ނުބައި ރޫހާނީ ބާރުތައް ދެކެ އެވެ.