ވިޔަފާރި

އަސާސީ މައުލޫމާތުތައް ހިލޭ ލިބޭ، ފޭސްބުކްގެ ޕްލެޓްފޯމް އުރީދޫ އިން ތައާރަފްކޮށްފި

Oct 15, 2015

އަސާސީ ހިދުމަތްތަކާއި މައުލޫމާތުތައް އިންޓަނެޓާ ނުލައި ހިލޭ ލިބޭ ގޮތަށް ފޭސްބުކުން ތައާރަފްކޮށްފައިވާ ޕްލެޓްފޯމް، "ފްރީ ބޭސިކް ބައި ފޭސްބުކް" އުރީދޫ އިން މިރޭ ތައާރަފް ކޮށްފި އެވެ.

އިންޓަނެޓުގެ ހިދުމަތް ނުލިބޭ ދުނިޔޭގެ އެތައް މިލިއަން ބަޔަށް ހާއްސަކޮށްގެން ފޭސްބުކުން ދެމުން ގެންދާ މި ހިދުމަތް ތައާރަފުކޮށްދެއްވީ ހުޅުލޭ އައިލެންޑް ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހައިގެ އިތުރުން، ފޭސްބުކްގެ ހެޑް އޮފް ގްރޯތްޕާޓްނާޝިޕް އެޕެކް އެނާ ނިގްރެން އެވެ.

"އިންޓަނެޓް ޑޮޓް އޯގް" ގެ ނަމުގައި އެންމެ ފުރަތަމަ ފެށި އެ ޕްލެޓްފޯމްގެ ދަށުން 250 ހިދުމަތެއް މިހާރު ވެސް ހިލޭ ލިބޭނެ އެވެ. އެ ހިދުމަތްތައް ބޭނުން ކުރުމަށް ޓަކައި ފްރީ ބޭސިކް އެޕް ޖެހެނީ ފޯނަށް އަޅާށެވެ.

އެ އެޕްއެޅުމަށް އުރީދޫގެ ކަސްޓަމަރުން ޖެހެނީ، ގޯ ޖެހުމަށް ފަހު 5444 އެސްއެމްއެސް ކުރާށެވެ. އެ އެޕް ވެސް އިންސްޓޯލް ކުރުމަށް އެއްވެސް ޗާޖެއް ނުހިނގާނެ އެވެ. މިހާރު ވެސް ދުނިޔޭގެ 19 ގައުމެއްގައި އެ ޕްލެޓްފޯމްގެ ހިދުމަތް ފޭސްބުކް އިން ވަނީ ތައާރަފްކޮށްފަ އެވެ.

މި ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ފަސޭކަމާއެކު މައުލޫމާތު ލިބޭނެ މަގު ފަހިވުމަކީ ގިނަ ކަންތައްތަކެއް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށެވެ.

"ފަސޭހައިން މައުލޫމާތު ހޯދެން ހުރުމަކީ ވަރަށް މުހިންމު ކަމެއް. މިކަން ހިލޭ ކުރުމަކީ ފަސޭހައިން މައުލޫމާތު ހޯދަން އެންމެ ފަސޭހަ ވެގެންދާނެ ގޮތް،" އުމަރު ވިދާޅުވި އެވެ.

"ފްރީ ބޭސިކް" ޕްލެޓްފޯމަށް ޑިވަލޮޕަރުންނަށް އެކި އެޕްތައް ސަބްމިޓްކޮށް އަސާސީ އެކި ހިދުމަތްތައް ހިލޭ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސޭނެ އެވެ.