އާދަމުގެ ދަރީންނަކީ ފާފަ ކުރެވޭނޭ ބައެކެވެ. އެމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބަޔަކީ ތައުބާވެ އެ ފާފަތަކުން ދުރުހެލިވާ މީހުންނެވެ. އެއްވެސް އިންސާނަކީ ކުށްފާފަތަކުން ބަރީޢަވެ މަޢުޞޫމު މީހެއް ނޫނެވެ. އެއީ މާތް ﷲ ރައްކާތެރިކޮށްދެއްވި ފަރާތެއް ފިޔަވައެވެ. މިއަދު ގިނަ ބައެއްގެ ކިބައިން ފެނިގެންދަނީ ފާފައެއް ކުރުމަށްވުރެންވެސް ނުބައި މަންޒަރެކެވެ. އެއީ އެ ފާފައެއް ކުރުމަށްފަހު އެ ފާފައިގެ މަތީގައި ދެމިހުންނަ މަންޒަރެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ އެތައް ފާފައަކަށް އަރައިގެންފައިމެ، އެކަންކަމާމެދު ފަޚުރުވެރިވެ، މީސްތަކުންގެ މެދުގައި އެވާހަކަ ދައްކާ ހަދާ މަންޒަރެވެ.
ކޮންމެ އަޅަކަށްމެ ފާފައެއް ކުރެވޭހިނދު އޭނާވަނީ މާތް ﷲ ގެ ފަރުދާގެ ނިވަލުގައެވެ. އޭނާއަށް ތައުބާވެ އިޞްލާޙުވުމަށް ގިނަގުނަ ފުރުޞަޠުތަކެއް އެއިލާހު ދެއްވައެވެ. މާތް ﷲ ގެ ދީލަތިވަންތަކަމާއި ރަޙުމަތް މީސްތަކުންގެ މައްޗަށް ނުހަނު ބޮޑެވެ. ނަމަވެސް އެހުރިހާ ކަމަކަށް ހަރާންކޯރުވެ، މާތް ﷲ އަށް އުރެދުމަށްފަހު، އެކަމުގެ ވާހަކަ މީސްތަކުންގެ މެދުގައި ދައްކައި، އެކަމަށް ފަޚުރުވެރިވެ އުޅުމީ އެފާފަތައް ނުފުއްސަވާފަދަ ބޮޑުވެގެންވާ ނުބައި ކަމެކެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "كُلُّ أُمَّتِي مُعَافَى إلاَّ المُجَاهِرِينَ ، وَإنَّ مِنَ المُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيلِ عَمَلًا، ثُمَّ يُصْبحُ وَقَدْ سَتَرَهُ اللهُ عَلَيهِ، فَيقُولُ: يَا فُلانُ، عَمِلتُ البَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ، وَيُصبحُ يَكْشِفُ ستْرَ اللهِ عَنْه". مُتَّفَقٌ عَلَيهِ މާނައީ: "މުޖާހިރުން ފިޔަވައި، ތިމަންކަލޭގެފާނުގެ އުއްމަތުގެ އެހެން ހުރިހާ އެންމެންނަކީ ޢަފޫ ކުރެއްވި މަޢާކުރެއްވިގެންވާ މީހުންނެވެ. މުޖާހަރާ ކުރުމަކީ، ރޭނގަޑުގެ ވަގުތުގައި ކަމެއް ކުރުމަށްފަހު، ފަތިސްވެ އިރުއަރާއިރު، އެ މީހާއަށްޓަކައި މާތް ﷲ ގެ ނިވައިކުރެއްވުމުގެ ދަށުގައި އެކަމެއް ލައްވައިދެއްވައި ސިއްރު ކުރައްވާފައި ވަނިކޮށް، އޭނާ އަމިއްލައަށް، އޭ އެވެނީ މީހެކޭވެ! އަހަރެން ރޭގައި އެވެނި ކަމެއް ކުރީމެވެ. މިހެއް ކިޔައި ވާހަކަ ދެއްކުމެވެ. ރޭނގަޑު އޭނާ ވޭތިކުރީ އޭނާގެ ވެރި ރައްބުގެ ނިވައިކޮށްދެއްވުމުގެ ތެރޭގައެވެ. ފަތިސްވުމުން، އޭނާ އަމިއްލަށް މާތް ﷲ އޭނާއަށް ދެއްވި އެ ފަރުދާ ކަޝްފުކޮށްގަނެއެވެ."
ޢަރަބި ބަހުގައި މުޖާހަރާގެ މާނައަކީ ފާޅު ކުރުމެވެ. މި ޙަދީޘްފުޅުގައި މިވާ މުޖާހަރާއަކީ ކޮބައިކަން ބަޔާން ކުރައްވައި އިބްނުލް ޤައްޔިމު ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. "މުޖާހަރާ ކުރާ މީހާއަކީ، އުރެދުމަކަށް ނުވަތަ ފާފައަކަށް އަރައިގެންފައި އެކަމާމެދު ފަޚުރުވާ މީހާއެވެ. އަދި އެކަމަކީ އޭނާއަށް ކުރެވުނު މޮޅުކަމެއްކަމުގައި ހަދައިގެން މީސްތަކުންގެ މެދުގައި ވާހަކަ ދައްކާ މީހާއެވެ. އަދި މުޖާހަރާ ކުރާ މީހާއަކީ، އޭނާގެ ކިބައިން ތިބާގެ މުދަލާއި ތިބާގެ ނަފްސުގެ ޙުރުމަތާމެދު އަމާންކަމެއް ނެތް މީހާއެވެ. އޭނާގެ ދޫ ނުބައިވެގެންވެއެވެ. އަދި އޭނާގެ ނުބައިކަމުން ސަލާމަތްވުމަށް މީސްތަކުން އޭނާއާ ދުރުހެލިވެ އެއްކިބާވެއެވެ."
އަލްއިމާމުއް ނަވަވީ رحمه الله ގެ ބަސްފުޅެއްގައި ވެއެވެ. ފާފައެއް ކުރެވުނު ކަމުގައިވީނަމަވެސް އެކަމުގެ ވާހަކަ ދެއްކުމަކީ ކުރުން ހެޔޮވެގެންވާ ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރެވިއްޖެ މީހާއަށް އޮތީ އެ ޢަމަލުތަކުން އެއްކިބާވެ، އެފާފަ ކުރެވުނު ކަމަށްޓަކައި ހިތާމަ ކުރުމެވެ. އަދި ދެވަނަ ފަހަރަށް އެފާފައަށް އަރައި ނުގަތުމަށް އަޒުމު ކަނޑައެޅުމެވެ. އެހެނެއްކަމަކު، ކުރެވުނު ފާފައިން ސަލާމަތް ވުމަށްޓަކައި ދީނުގައި އެކަމުގައި އޮތް ރަނގަޅު ގޮތް ހޯދުމަށްޓަކައި މީހެއް ކައިރީގައި އަހާލުމަކީ ހުއްދަކަމެކެވެ. ނަމަވެސް އެއީވެސް ކުރެވުނު ފާފައިގެ ތަފުސީލުތަކާއި އެކަން ކުރިގޮތްތައް ހާމަ ކުރުމެއް ނެތިވެއެވެ.
ހަމައެފަދައިން އެހެން މީހުން ކުރާ ފާފަތަކުގެ ވާހަކަތައް ފެތުރުމުގައި އެހީވެދިނުމަކީވެސް، އެ ނުބައިކަމުގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވެ ވާގިވެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މީހަކު ކޮށްފައިވާ ފާޙިޝް ޢަމަލުތަކެއް ނުވަތަ ކުށްފާފަތަކެއްގެ ވާހަކަ ޚަބަރުގެ ގޮތުގައި ނޫނީ ސޯޝަލް މީޑީޔާ ޕޯސްޓެއްގެ ގޮތުގައި، އެފްބީ، ޓުވިޓަރ، ވައިބަ އަދި މިނޫންވެސް ވަޞީލަތްތަކުގައި އެހެން މީހުންނާ ހިއްސާކޮށް، އެކަންކަން ފަތުރާ ހެދުމުގެ ކުރިން ވިސްނާލައި، އެކަމުން އެއްކިބާވާން ޖެހެއެވެ.
ފާފަތަކުގެ ވާހަކަ ދައްކައި، އެކަންންކަން އާންމު ކުރުމަކީ އެހެން މީހުންނަށް އެކަންކަމަށް ދަޢުވަތު ދިނުންފަދަ ކަމެކެވެ. އެހެން މީހުންނަށް އެވިޔާނުދާ ޢަމަލުތައް ތަޢާރަފު ކޮށްދީ، އެކަމަށް މަގުދައްކައިދިނުފަދަ ކަމެކެވެ. ދިރާސާ ކުރާބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި "ދަންޖެހިގެން" އަމިއްލައަށް މަރުވުންފަދަ ޚަބަރުތައް މީޑިޔާގައި ފަތުރާ ހެދުމަކީ އެހެން މީހުން އެކަން ކުރުމަށް ހިތްވަރުލިބޭ ކަމެއް ކަމުގައި ވެގެންދެއެވެ. އަމިއްލައަށް މަރުވުން ނޫނަސް، މަސްތުވާތަކެތި ބޭނުން ކުރުމާއި ޒިނޭ ކުރުމާއި އަދި އެންމެހައި ފާޙިޝް ޢަމަލުތަކުގެ ވާހަކަ ދެއްކުމަކީވެސް، އެކަމުގެ އަސަރު މުޖްތަމަޢަށް ފެތުރިގެންދާ ކަމެކެވެ.
ވީމާ، ނުބައި ފާފަތައް އިޝްތިހާރު ކޮށްދީ މީސްތަކުގެ މެދުގައި ފަތުރާ މީހަކަށް ނުވަމާތޯއެވެ! އަދި ތިމާގެ އަމިއްލަ ނަފްސަށް ފާފައެއް ކުރުވުނު ކަމުގައިވީނަމަވެސް އެކަމުގެ ވާހަކަތައް ދައްކައި ނުހަދާށެވެ. އޭގެ ބަދަލުގައި، މާތް ﷲ އެފާފަތައް ފަޟީޙަތް ނުކުރައްވައި ވަންހަނާ ކޮށްދެއްވިކަމަށްޓަކައި ޝުކުރުވެރިވާށެވެ. އަދި ތައުބާވެ އެފަދަ ޢަމަލުތަކުން އެއްކިބާވާށެވެ.
އިންސާނާގެ ފުށުން ވެވޭ ކިތަންމެ ކުޑަކުޑަ ކުށްފާފައެއްވިޔަސް އެކަމުގެ ޖަޒާ އާޚުރަތުގައި އޭނާ ދެކޭނެތެވެ. އަދި ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ކަމެއް ކޮށްފި މީހާވެސް އާޚިރަތުގައި އެކަމުގެ ހެޔޮ ޖަޒާ އޭނާއަށް ދެއްވާނެތެވެ.