އަބޫ ހަނީފާ އަލް ދިނަވާރީ ދިރިއުޅުއްވާފައިވަނީ މީލާދީން 895 އަހަރު ހިސާބުގަ އެވެ. އޭނާ ދިރިއުޅުއްވީ މުސްލިމު ސްޕޭންގެ އަނދަލޫސިއާ ގައެވެ.
އަލް ދިނަވާރީގެ އިލްމީ މަސައްކަތް ދުނިޔެއަށް ހާމަކޮށްދީފައިވަނީ ޖަރުމަނުގެ ސްކޯލާ ސިލްބަބާގް 1908 ގައި ބްރެސްލާއޯގައި އޭނާ ލިޔުއްވި ތީސިސް އެއްގަ އެވެ.
އެ ތީސިސްގައި އަލް ދިނަވާރީ 400 ވައްތަރެއްގެ ގަހާ ބެހޭގޮތުން ލިޔުއްވާފައިވާ އިލްމީ މަސައްކަތް ނަކަލުކޮށް ގެނެސްދީފައިވެ އެވެ. ނަމަވެސް ސިލްބަބާގް ގެނެސްފައިވަނީ އަބޫ ހަނީފާ ލިޔުއްވި ހަ ވޮލިއުމެއްގެ ތެރެއިން ދެ ވޮލިއުމެއްގެ ފޮތްތަކުގައިވާ މަސައްކަތެވެ.
އަލް ދިނަވާރީގެ މަސައްކަތުގައި ދުނިޔޭގެ ބިންގަނޑު ދިރާސާކޮށް ބިމުގެ ވެލީގެ ބާވަތްތަކާއި ގަސް ހެއްދުމަށް ބޭނުންވާ ވައްތަރުގެ ވެލީގެ މައުލޫމާތާއި ވެލީގެ ބޭނުންތައް ވަރަށް ތަފްސީލްކޮށް ގެނެސްދެއްވާފައިވެ އެވެ.
މީގެ އިތުރުން އަލް ދިނަވާރީ ވަނީ ގަސްހެދި ބޮޑުވަމުން އައިސް ނެތިގެންދާ ދިއުމާއި ހެދިބޮޑުވާ ދައުރު އަދި މާތައް އެޅުމާއި މޭވާ ހެދިގެން އަންނަ އައުމަށް އެތަކެއް އިލްމީ ނަޒަރިއްޔާތު ގެންނަވާފަ އެވެ. އަދި ތަފާތު ބާވަތުގެ ގޮވާމާއި ވިންޔާޑާއި ކަދުރު ރުށްފަދަ ގަސްތަކުގެ މައުލޫމާތު ގެނެސްދެއްވާފައިވެ އެވެ.
އަލް ދިނަވާރީ ކުރީގެ އިލްމުވެރިން ގެނެސްފައިވާ ގަސްގަހާގެހީގެ އިލްމު އިތުރަށް ތަރައްގީކޮށް ގަސްގަހާގެއްސާއި ފަރުބަދަތަކާއި ވާދީ ތަކާއި ހަނަފަސް ބިންތަކާއި ތާސީރު ވަހުގެ ގަސްތަކާއި ގަސްވަކަރާއި ކުލައާއި މަމުޔާއި ކުޅަނދުރާ ބެހޭ އިލްމު ފުރިހަމައަށް ގެނެސްދެއްވާފައިވެ އެވެ. އެގޮތުން އަލް ދިނަވާރީ ވަނީ އޭނާގެ މަސައްކަތުގެ ވޮލިއުމްގެ އެއް ޗެޕްޓާ ހާއްސަކޮށް ގަސްގަހާގެހި ތަފާތު ބައިތަކަކަށް ބަހާލާފަ އެވެ. އޭނާގެ އެ މަސައްކަތް ހިމެނިފައިވާ ވޮލިއުމް ރައްކާކުރެވިފައިވީ ނަމަވެސް ސީދާ އެ މާއްދާ ހިމެނޭ މަސައްކަތް ވަނީ ނެތިގޮސްފަ އެވެ.
އަލް ދިނަވާރީގެ ގަސްގަހާގެހީގެ އިލްމުގެ އިތުރަށް އެސްޓްރޮނޮމީ އަދި މީޓީއޮރޮލޮޖީގެ ދާއިރާއިން އިލްމީ މަސައްކަތްޕުޅު ކުރައްވާފައިވެ އެވެ.
އަލް ދިނަވާރީ އަކީ މުސްލިމުންގެ ރަން ޒަމާނުގައި ދުނިޔޭގައި އުޅުއްވި ގަސްގަހާގެހީގެ އެންމެ ބޮޑު އިލްމުވެރިޔާ އެވެ.