އަބުލް ގާސިމް ހަލަފް އިބްނު އަލް އައްބާސް އަލް ޒަހުރާވީ އެމެރިކާއާއި ޔޫރަޕްގައި މަޝްހޫރު ނަމުންނަމަ އަބުލްކަސިސް އުފަންވެވަޑައިގެންފައިވަނީ މީލާދީން 936 ގައި ކޯޑޯވާގެ ކައިރީގައި އޮންނަ ޒަހުރާ ގައެވެ.
މުސްލިމުންގެ ރަންޒަމާނުގައި އޭނާއަކީ އެންމެ އަރާހުންނެވި ސާޖަން އެވެ. އޭނާ އަކީ އެދުވަސްވަރު ސްޕޭންގެ ރަސްގެފާނު އަލް ހަކަމް 2ގެ ހާއްސަ ބޭސްވެރިޔާ އެވެ.
މީގެ ހާހެއްހާ އަހަރު ކުރިން މުސްލިމުންގެ އެމްޕަޔާގައި ހިމެނުނު އަންދަލޫސް ނުވަތަ ސްޕޭންގެ ކޯޑޯބާގައި އުޅުއްވި އަލް ޒަހުރާވީ އަކީ ދެވަނަ އެއް ނެތްފަދަ ސާޖަނެކެވެ. ނަމަވެސް އޭނާގެ ހިދުމަތް ވަނީ ތާރީހުގެ ތެރޭގައި ވަޅުލެވިގެންގޮސް ނެތި ހަނދާނުން ފޮހެވިފަ އެވެ. ޔޫރަޕުގައި 12 ގޮތަކަށް އޭނާގެ ނަން ބޭނުންކޮށްފައިވެ އެވެ.
އަލް ޒަހުރާވީގެ އިލްމީ މަސައްކަތް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ އަންދަލޫސިއާގެ ސްކޯލާ އަބޫ މުހައްމަދު ބިން ހަޒަމް މީލާދީން 993 ހާތާންގަ އެވެ. ސްޕޭންގެ އެންމެ މޮޅެތި ސާޖަނުންގެ ލިސްޓްގައި އޭނާ ވަނީ ހިމަނާފަ އެވެ.
އަލް ޒަހްރާވީ ވަނީ ސާޖަރީ އާއި އޯތޯޕެޑިކްސް އޮފްތަލްމޮލޮޖީ ފާމޮކޮލޮޖީ އަދި ނިއުޓްރިޝަނާ ބެހޭ ގޮތުން 30 ވޮލިއުމްގެ މެޑިކަލް އެންސައިކްލޮޕީޑީއާ އެއް ލިޔުއްވާފަ އެވެ.
މި ފޮތަކީ އައް ތަސްރީފް ނަމަކަށް ކިޔުނު ފޮތެކެވެ. މި ފޮތުގައި ހިމަނާފައިވާ ބައިތަކުގެ ތެރޭގައި އޭނާއަށް 50 އަކަށް އަހަރު ތެރޭގައި ލިބުނު ތަމްރީނުތަކާއި ކިޔަވައިދިނުމާއި އަދި ބޭސްވެރިކަން ކުރިގޮތުގެ މައުލޫމާތު ހިމެނެ އެވެ. ވަކީން ހާއްސަކޮށް އެކްސިޑެންޓް ތަކުގައި ލިބޭ އަނިޔާ ތަކާއި ހަނގުރާމައިގަ ލިބޭ ޒަހަމްތަކަށް ފަރުވާ ދިނުމުގައި އޭނާ މަޝްހޫރުވެފައިވެ އެވެ.
އަލް ޒަހުރާވީ އަކީ ބަލިމީހާއާއި ޑޮކްޓަރުގެ ދެމެދު އޯގާތެރިކަން ގެންގުޅުމުގެ މުހިންމުކަން ފާހަގަކޮށް ވަކި ހަސަބަކަށް ބެލުމެއްނެތި ކޮންމެ މީހާކަށްވެސް ފަރުވާ ފޯރުކޮށްދެއްވި ބޭފުޅެކެވެ. އަދި ދުނިޔަވީ ފައިދާ އަށް މަސައްކަތް ކުރުމުގެ ބަދަލުގައި ދީލަތި ގޮތުގައި ހިދުމަތްކުރުމަށް އޭނާ ބާރު އެޅުއްވި އެވެ. އަދި ބޭސްވެރިކަމުގައި އަހުލާގީ މަތީ މިންގަނޑު ގެންގުޅުމަށްވެސް ބާރު އެޅުއްވި އެވެ.
އަލް ޒަހުރާވީ ލިޔުއްވި އައް ތަސްރީފް މި ފޮތް ޔޫރަޕުގެ ޔުނިވަސިޓީތަކުގައި ލެޓިން ބަހަށް ތަރުޖަމާކުރެވި 12 ވަނަ ގަރުނުން ފެށިގެން 17 ވަނަ ގަރުނާ ޖެހެންދެން ބޭސްވެރިކަމުގެ އެންމެ މުހިންމު ފޮތުގެ ގޮތުގައި ގެންގުޅެފައިވެ އެވެ. އޭނާ ލިޔުއްވި ފާމަސޫޓިކަލް ފޮތް ވެނިސްގައި 1471 ގައި ޕްރިންޓް ކޮށްފައިވެ އެވެ.
އަލް ޒަހުރާވީ އަކީ އެންމެ ފުރަތަމަ ބޭސްވެރިކަމުގެ ފޮތެއްގައި ބޭސްވެރިކަމަށް ބޭނުންކުރާ ތަފާތު އާލާތްތައް ކުރެހުމުން ގެނެސްދީ އެ ބޭނުންކުރާނެ ގޮތްތައް ބަޔާންކޮށް ލިޔުއްވި ބޭފުޅާ އެވެ. އެގޮތުން 200 އަށް ވުރެ ގިނަ އެފަދަ އިންސްޓްރުމަންޓްތައް އޭނާގެ އިލްމީ މަސައްކަތުގައި ގެނެސްފައިވެ އެވެ. ޓަންގް ޑިޕްރެސާ އިން ފެށިގެން ދަތް އުފުރާ ތަކެއްޗާއި ކެތީޓަރާއި އަދި ވިހެމުގައި ބޭނުންކުރާ ސާމާނު ތަކުގެ މައުލޫމާތު ގެނެސްދީފައިވެ އެވެ.
ޔޫރަޕްގައި އޭނާގެ ސާޖަރީ ކުރުމުގެ އިލްމު އިންތިހާއަށް ފެތުރިގެން ގޮސްފައިވެ އެވެ. ފްރާންސްގެ މަޝްހޫރު ޝަހްސިއްޔަތު ޕައަތްރޯ އަރްގަލާޓާ ވިދާޅުވެފައިވަނީ އަލް ޒަހުރާވީ އަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ސާޖަނުންގެ ޗީފް ސާޖަން ކަމަށެވެ.