ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮފީސް އިންސްޕެކްޝަންގައި 10 ތަނެއް ބަލައިފި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި އަޅާފައިވޭތޯ ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ފެށި އިންސްޕެކްޝަންގައި 10 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ފުލުހުންނާއި ގުޅިގެން އެޗްޕީއޭއިން ކުރިއަށް ގެންދާ އޮފީސް އިންސްޕެކްޝަންއާ ގުޅޭގޮތުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ފެށި އިންސްޕެކްޝަންގައި 10 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. ގިނަ އޮފީސްތަކުގައި އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް ކަންކަން އިންތިޒާމް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ބައެއް އޮފީސްތަކުގައި ސާފުތާހިރުކަން ކުޑަކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ.

"އިންސްޕެކްޝަންގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ކަންތައްތައް އެބަހުރި. ގިނަ ތަންތަނުގައި ފުދޭވަރަކަށް ރަނގަޅަށް އަޅުގަނޑުމެންގެ ގައިޑްލައިންތަކާއި އެއްގޮތަށް ހުރި ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވަނީ. އެެހެން ނަމަވެސް ބައެއް ތަންތަނުގައި ޑިސްޓެންސިން ނެތުން، ތިން ފޫޓް ދުރުމިން ހާއްސަކޮށް މީޓިން ރޫމް ފަދަ ތަންތަނުގައި އެ ދުރުމިން ނެތުން ފާހަގަ ކުރެވުނު. އަދި ސާފުތާހިރުކަން ހާއްސަކޮށް ފާހާނާ ކަހަލަ ތަންތަން، ގިނަ މީހުން ބޭނުން ކުރާ ތަންތަން ސާފު ކުރުން ޝެޑިއުލްތައް ނެތްކަން ފާހަގަކުރެވޭ،"

ނަޒްލާ ވަނީ ގައިދުރުކަމާއެކު މަަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމާއި ސާފުތާހިރު ކަމަށް ހާއްސަ އިސްކަމެއް ދިނުމަށް އެދިފައެވެ. އަދި މާސްކު އަޅައިގެން މަސައްކަތުގެ މާހައުލުގައި އުޅުމަށް އިލްތިމާސް ކުރެއްވިއެވެ. އޮފީސް އިންސްޕެކްޝަނާއި ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ހޮޓްލައިނެއް ވަނީ ގާއިމްކޮށްފައެވެ. ނަޒްލާ ވަނީ އިންސްޕެކްޝަނާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ ހޮޓްލައިިން 7285216 ގުޅުމަށް އިލްތިމާސް ކުރައްވާފައެވެ.