އަހުމަދު ޝިޔާމް

ހާލުކޮޅު ދެރަވާން ދިމާވި ސީދާ ސަބަބު ދެނެގަނެވިފައެއް ނުވޭ: ޝިޔާމް

ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހުނު ނަމަވެސް ހާލުކޮޅު ދެރަވާން ދިމާވި ސީދާ ސަބަބުން ދެނެގަނެވިފައިނުވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ އޮތް މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް ދިމާވި ސިއްހީ މައްސަލަތަކަކާއި ގުޅިގެން އިމާޖަންސީގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ޝިޔާމަށް ވަނީ ފަރުވާ ދީފައެވެ. އަދި އެ ރޭ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް އެޑްމިޓް ކޮށްގެން ތިން ދުވަހު ފަަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ސިޔާމް ވިދާޅުވީ ސިއްހީ ހާލަތު ގޯސްވީ ރައްޔިތުންގެ މަޖިލީހުގެ މަޖިލިސްކުރާ މާލަމަށް ވަދެ ކުޑަވަގުތުކޮޅެއްގެ ފަހުން ކަމަށެވެ. ފަރުވާއަށްފަހު މިހާރު ވަރަށް ބޮޑުތަނުން ލުއި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ހޮސްޕިޓަލުގައި ހެދުނު ތަހުލީލުތަކުންވެސް ސީދާ ވީގޮތެއް އަދި މިކަންދިމާވާން މެދުވެރިވި ސަބަބު ދެނެގަނެވިފައިނުވާ ކަމަށެވެ.

"ބައެއް ނޫސްތަކުގައި ސްޓްރޯކެއް ޖެހުނު ކަމަށާއި އަދި ބައެއް ނޫސްތަކުގައި ހުން ގަދަވެގެން ކަމަށް ރިޕޯޓް ކުރެވިފައިވަނީ އެފަރާތްތަކަށް ލިބިފައިވާ ސައްހަ ނޫން މައުލޫމާތާއި ގުޅިގެން ކަމުގައި ދެކެން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ހެޔޮ އެދުން ފޮނުއްވި ހުރިހާ އެންމެންނަށް އަދި އެހީތެރިވެދެއްވި މަޖިލީސް މެންބަރުންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ މަޖިލީހުގައި އޮތް ޖަލްސާގައި އެމްޑީޕީގެ މެންބަރުން ޝިޔާމަށް ހަމަލާދިން ފަހުން ސިއްހީ އެކި މައްސަަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.