އަހުމަދު ޝިޔާމް

"ޝިޔާމްގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުން"

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް އާދަޔާހިލާފަށް ހުން ގަދަވެ މަޖިލީހުގައި މަޑު ކުރެއްވޭވަރު ނުވެގެން ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި ފަރުވާ ދޭން ޖެހުނު ނަމަވެސް ޝިޔާމްގެ ހާލުކޮޅު މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށް އޭނާ ނިސްބަތްވާ އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް، ޝިޔާމް މިއަދު އޭޑީކޭ ހޮސްޕިޓަލަށް ގެންދަން މަޖިލީހުގެ އިދާރާއިން ބޭރަށް ނެރުނީ މެންބަރުންގެ އެހީގަ އެވެ. އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޝިޔާމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަަށެވެ. އަދި ބައެއް ޓެސްޓްތައް ހަދާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށާ ޝިޔާމްގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އިދިކޮޅުން ވަނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ރޭ މަޖިލީހުގައި އޮތް ޖަލްސާގައި އެމްޑީޕީގެ މެންބަރުން ޝިޔާމަށް ހަމަލާދިން ފަހުން ސިއްހީ އެކި މައްސަަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ބުނެފައެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ޝިޔާމަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިރޭ ވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެއީ ޝިޔާމް އެދިވަޑައިގަތުމުންނެވެ.