ރައްޔިތުންގެ މަޖިލިސް

ޔައުގޫބުގެ މައްސަލަ ނަޝީދު ބައްލަވަންޖެހޭނެ: ޝިޔާމް

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރެއްވުމުން އޭނާގެ މަޖިލީހުގެ ގޮނޑިއާމެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލަށް މެންބަރުން ވަނީ އައްޔަން ކޮށްފަ އެވެ. އޮޑިޓަރު ޖެނެރަލް ހަސަން ޒިއަތު ވަނީ އެ ކައުންސިލަށް މެންބަރު ޔައުގޫބު ވެސް އައްޔަން ކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެ މަގާމާއި ހަވާލުވެވަޑައިގެންފަ އެވެ.

އެއާއެކު ޔައުގޫބު މަޖިލީސް މެންބަރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ގާނޫނީ ބައެއް ބޭފުޅުން ވަނީ ސުވާލު އުފައްދަވާފަ އެވެ. ބައެއް ވަކީލުން ވިދާޅުވީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރު ކަން ގަބޫލު ކުރެއްވުމާއެކު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހެއް އަދި 8 ގައި ބުނާ ސަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން އެ މެންބަރު މެންބަރުކަމުން ވަކި ވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެ އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މެންބަރު ޝިޔާމް ވިދާޅުވީ ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުކަމާއި މެންބަރު ޔައުގޫބު ހަވާލުވީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ. އަދި ފަހުން އެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ކުރެއްވި ކަމެއް ނުކުރައްވާ ކަމަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެ މައްސަަލައާއި ގުޅިގެން ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ރައީސް ނަޝީދު ކުރައްވަން ޖެހިވަޑައިގަންނަވާެ ކަމަށެވެ. އަދި އެމަނިކުފާނު އެކަން ނުކުރައްވާނަމަ އިދިކޮޅު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާނޫނާއި ހިލާފަށް ކަންތައްތައް ކުރަމުންދާތަން އެމަނިކުފާނު [ރައީސް ނަޝީދު] އަށްވެސް ފެނިވަޑައިގަންނަވާނެ. ދާންދޫ ދާއިރާގެ މެންބަރު ޗާޓަޑް އެކައުންޓެންޓްސްގެ މެންބަރެއްގެ ގޮތުގައި ހިމެނިގެން ނުވާނެ. އެއީ ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ކަމެއް. އަމިއްލަފުޅަށް ހުވާކުރައްވާފައި ނުވަތަ އެކްސެޕްޓް ކުރައްވާފައި އަދި އެކަންތައް އަނބުރާ ގެނަޔަސް އެކަން ނުުކުރާ ކަަމަކަށް ނުވާނެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަންތައްތައް ބައްލަވަން ޖެހޭނެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ނޫނީ މިކަމުގައި ގާނޫނީ ގޮތުން ކުރައްވަންޖެހޭ ކަމެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. މަޖިލީހުން ވަޑައިނުގެންފިއްޏާ އަޅުގަނޑުމެންގެ މި ޕާޓީން ސުޕްރީމް ކޯޓަށް މި މައްސަލަ ގެންދާނަން،"

ޝިޔާމް ވިދާޅުވީ މުޅި ގައުމުގައި ބޮޑެތި މައްސަލަތައް ހުރި ވަގުތެއްގައި ރައީސް ނަޝީދު އުޅުއްވަނީ އެހެން މަސައްކަތެއްގައި ކަމަށެވެ.

އިއްޔެ ވަގުތެއްގައި ޔައުގޫބު ވަނީ އައިސީއޭއެމްގެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ. މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދެވި ގޮނޑިއާމެދު ސުވާލު އުފައްދަމުން ގެންދާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ވަނީވެސް ވަނީ ނިންމަވާފައެވެ. އޭނާ ވިދާޅުވީ ހަފްތާ ފެށުމާއެކު އެ މައްސަލަ ހުށައަޅުއްވާނެ ކަަމަށެވެ.

ޔައުގޫބު ވިދާޅުވީ އޭނާ އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ކަމަށާ ނަމަވެސް ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުން މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.