ޔުނައިޓެޑް ވިކްޓަރީ

ސާންތީ އާއި ޒަރިއަންދު ޔުވީގެ ޕްރެކްޓިހަށް

ކުރީގެ ގޯލްކީޕަރު އިސްމާއީލް ޒަރިއަންދު އާއި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ޔުނައިޓެޑް ވިކްޓަރީގެ ޕްރެކްޓިހަށް ނުކުންނަން ފަށައިފި އެވެ.

ކުރީގެ ކީޕަރު ޒަރިއަންދު އިއްޔެ އެ ޓީމުގެ ޕެރެކްޓިހަށް ނުކުތް އިރު އޭނާ އަކީ ފުޓްބޯޅައިގެ ހަރަކާތްތަކުން މިހާރު ސަސްޕެންޑް ކޮށްފައިވާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ބޯޑު މެންބަރެއްވެސް މެއެވެ. ކުރިން ވިކްޓަރީގެ ޖެނަރަލް ސެކެޓްރީކަން ކުރި ޒަރިއަންދު ވަނީ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަށް ކުޅެފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ 1973 ވަނަ އަހަރު އުފެއްދީ ވިކްޓަރީގެ ބީ ޓީމުގެ ގޮތުގަ އެވެ. އެހެންނަމަވެސް މިހާރު ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީއާ އެއްވެސް ގުޅުމެއް ނެތެވެ.

ސާންތީ އާއި ޒަރިއަންދު ޔުނައިޓެޑް ވިކްޓަރީގެ ޕްރެކްޓިހަށް ނުކުންނަން ފެށީ، އެ ޓީމުގެ ކޯޗް މުހައްމަދު އާދަމްގެ އެދުމުގެމަތިންނެވެ. އޭނާ ބުނީ ސާންތީ އާއި ޒަރިއަންދު މަސައްކަތް ކުރާނީ ވޮލަންޓިއަރުންގެ ގޮތުގައި ކަމަށާއި ކުލަބުގެ އެއްވެސް މަގާމެއްވެސް އަދާ ނުކުރާނެ ކަމަށެވެ.

"ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅައިގެ އެއްވެސް ކަމެއް ނުހިނގާ ތިބުމަށް ފަހު އަލުން ކުޅެން ނުކުންނައިރު ގިނަ ބައެއްގެ ހިޔާލާއި އެހީތެރިކަން ބޭނުންވާނެ،" ސާންތީ އާއި ޒަރިއަންދުން ޔުނައިޓެޑް ވިކްޓަރީގެ ޕްރެކްޓިހަށް ނުކުތް ސަބަބު ކިޔައި ދެމުން މުހައްމަދު އާދަމް ބުންޏެވެ.

"މިހާ ދިގު މުއްދަތެއް ނުކުޅެ ތިބެ ސީޒަނާ ކުރިމަތިލާއިރު މި ސީޒަން ވާނީ އުނދަގޫ ސީޒަނަކަށް. ސާންތީ އާއި ޒަރިއަންދުގެ ތަޖުރިބާއަކީ ޓީމުގައި މިތިބަ ކުޅުންތެރިންނަށް މުހިންމު ކޮމްޕޯނަންޓަކަށް ވެގެންދާނެ. އަދި ކުޅުންތެރިން މޯޓިވޭޓްވެސް ވާނެ."

ކުރިން ގޯލްކީޕަރު ޓްރޭނާ ކޯސް ފުރިހަމަކޮށް، ގައުމީ ޓީމުގެ ކީޕަރު ޓްރެއިނާކަން ކުރި ޒަރިއަންދު ބުނީ، ޔުނައިޓެޑް ވިކްޓަރީ އަކީ އޭނާގެ ހިސާބުގަނޑު ޓީމެއް ކަމަށާއި ކުލަބުގެ ޕްރެކްޓިހަށް ނުކުތީ ގާތް ބަޔަކު ހިންގާ ކުލަބެއް ކަމަށްވުމުން އެހީތެރިވެދޭން ކަމަށެވެ. އެ ޓީމުގެ ރަސްމީ ގޯލްކީޕަރު ކޯޗަކީ ކުލަބު ވެލެންސިއާ އާައި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ކޯޗް މުހައްމަދު އިގްބާލް އެވެ.

މުހައްމަދު އާދަމް ބުނީ، ޒަރިއަންދަކީ އޭނާ ކުޅުނު އިރުވެސް ކުޅުންތެރިން މޯޓިވޭޓް ކުރުމުގެ ދަނޑު މަތީގައި ވަރަށް މުހިންމު ކެރެކްޓާއެއް އަދާ ކުރި ކެރެކްޓާއެއް ކަމަށެވެ. އިއްޔަގެ ޕެރެކްޓިހުގައިވެސް އެކަން ފެނިގެން ދިޔަކަން މުހައްމަދު ފާހަގަ ކުރި އެވެ.

"މިވަރުގެ ދެ ޝަހްސިއްޔަތަކު މި ޓީމުގައި މަސައްކަތް ކުރަން އައުމަކީ ކުޅުންތެރިންނަށް ލިބޭނެ ބޮޑު ފުރުސަތަކަށް ނޫނީ ނުވާނެ، މުހައްމަދު ވާހަކަ ދެއްކި އެވެ. "އުންމީިދު ކުރަނީ ކުޅުންތެރިން މި ފުރުސަތު ބޭނުން ވަރަށް ރަނގަޅަށް ހިފާނެ ކަމަށް."

ސާންތީ އެންމެ ފަހުން ކޯޗެއްގެ ގޮތުގައި އިރުޝާދު ދިނީ، މިދިޔަ ސީޒަންގެ އެފްއޭ ކަޕްގައި ވާދަ ކުރި ކުލަބު އޭދަފުށީގެ ޓީމަށެވެ.