ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފިލްމީ ތަރި ޔުނާންގެ ދެމަފިރިންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޔުނާން އާއި އޭނާގެ އަންހެނުން، ރިހުލާ ހައްޔަރު ކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި މިދިޔަ އޮކްޓޫބަރު ފަސްވަނަ ދުވަހު އެވެ. އެ ދެމަފިރިންގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ޖެހުމަށް ފަހު، މި ހަފުތާ ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ވަނީ އަމުރު ކޮށްފަ އެވެ.
އެ ދެ މީހުންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވެއެވެ. އެގޮތުން ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އޭނާގެ އަންހެނުން ރިހުލާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ.
ޔުނާންގެ މައްޗަށް އުފުލާފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކާއެކު ހިންގާ މަންޒަރު ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާ އާއި ކުއްޖާ ލައްޖާ ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އާއިލާގެ މެންބަރަކު އެ އާއިލާގެ ކުއްޖަކާއި މެެދު ޖިންސީ އަލަމެއް ހިންގުމުގެ ދައުވާ އާއި އެ މަންޒަރު ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
ރިހުލާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަ ކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެއެވެ.